ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށްދިން ބޮމުގެ ހަމަލާއާ ގުޅިގެން މައުލޫމާތު ދެއްވުމަށް ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) ހުސައިން ޝަމީމް މިއަދު މީޑިއާއާ ބައްދަލުކުރައްވަން ނިންމަވައިފިއެވެ.
ޕީޖީ އޮފީހުން ބުނެފައިވަނީ، ޕީޖީ ޝަމީމް ޕްރެސް ކޮންފަރެންސް ދެއްވުމަސް ހަމަޖެހިފައިވަނީ މެންދުރު 02:00 ގައި ކަމަށެވެ.
މިއަދުގެ ޕްރެސް ކޮންފަރެންސްގައި ރައީސް ނަޝީދަށް ދިން ހަމަލާއާ ގުޅިގެން ހައްޔަރުކޮށްފައިވާ މީހުންގެ ތެރެއިން ދައުވާ ކޮށްދިނުމަށްއެދި ފުލުހުން ފޮނުވާފައިވާ މީހުންނާމެދު ޕީޖީން ނިންމާގޮތެއް އިއުލާނުކުރާނެއެވެ.
ބޮން ގޮއްވުމުގެ މައްސަލައިގައި ފަސް މީހަކަށް ދައުވާ ކޮަށްދިނުމަށް އެދި ފުލުހުން ޕީޖީއަށް ފޮނުވާފައިވެއެވެ. އެއީ ނ. މަނަދޫ ނޫރީގެ އަލީ ހައިޝަމް، ވ. ތިނަދޫ ލަކީ އަދުހަމް އަހްމަދު (25 އ) އާއި މއ. ފޭރުގެ މުޖާޒް އަހުމަދު (21 އ) އާއި، ގއ. ކޮނޑޭ ފޮޅޭމާ ތަހުމީން އަހްމަދު (32 އ)ގެ އިތުރުން ލ. ގަން ދުންފިނިއުފާ އަހްމަދު ފާތިހް (23 އ) އެވެ.
މި މައްސަލައާ ގުޅިގެން އެންމެ ފަހުން ބޭއްވި ޕްރެސް ކޮންފަރެންސްގައި ފުލުހުން ވަނީ މި މައްސަލައިގައި ހައްޔަރުކޮށްފައި ތިބި އިތުރު މީހުންގެ ވަނަވަރު އާންމުކޮށް ހަމަލާގައި އެމީހުންގެ ދައުރު އާންމުކޮށްފައެވެ. އެގޮތުން ފުލުހުން މައުލޫމާތު އާންމުކޮށްފައިވާ މީހުންނަކީ، ނ. މަނަދޫ / ނޫރީގެ އަލީ ހައިޝަމް، ކ. މާލެ / ކުދެހިގެ އިސްހާގު، ގއ. ވިލިނގިލި / ހުދުރުވާގެ ފަހުމީ އަލީ، އއ. މާޅޮސް / އަސަރީގެ މުހައްމަދު ނާޒިމް، ހއ. މުޅަދޫ / ބަހާރުގެ އަބްދުﷲ އަލި މަނިކު އަދި ހއ. ހޯރަފުށި / އަލަނާސިގެ މުހައްމަދު ތަސްލީމެވެެ.
ފުލުހުން ތުހުމަތު ކުރާ ގޮތުގައި ހަމަލާ ދިނުމަށް ރާވާ ހިންގުމުގައި އެންމެ އިސްދައުރެއް އަދާކޮށްފައިވަނީ މުހައްމަދު ތަސްލީމްއާއި އިސްހާޤްއާއި އަލީ ހައިޝަމްކަމަށެވެ.
މިމީހުންގެ ތެރެއިން އަލީ ހައިޝަމްގެ މައްސަލަ ޑިއުޓީ ޕްރޮސިކިއުޝަންގެ މަރުހަލާގައި އޮތްއިރު، އަލީ ހައިޝަމްއަކީ ގޮއްވާލެވުނު ސައިކަލުގައި ބޮން ހަރުކުރުމުގައި އަމަލީ ގޮތުން ބައިވެރިވި ފަރާތެވެ.
އިސްހާޤަކީ މި ހަމަލާ ރާވާ ހިންގުމުގައި އިސްދައުރެއް އަދާކޮށްފައިވާ މީހެއްކަމަށާއި ހަމަލާއަށް އަދުހަމް ރަޝީދު ތައްޔާރުކުރުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވީވެސް އިސްޙާގުކަމަށްވެސް ބުނެފައިވެއެވެ.
މުޙައްމަދު ތަސްލީމްއަކީ ރައީސް ނަޝީދަކީ އިސްލާމްދީނުން ބޭރުވެ މުރުތައްދުވެފައިވާ މީހެއްކަމަށް ކަނޑައަޅައި ރައީސް ނަޝީދަކީ މަރާލަން ޖެހޭ މީހެއްކަމަށް ބުނެ އެކަމަށް ވަކާލާތުކޮށް ހަރުކަށި ފިކުރަށް އެމީހުން ވައްދައި، ސެލްއެއްގެ ގޮތުގައި އޮޕަރޭޓްކުރަންވީ ގޮތް ކިޔާދީ އެކަމާ ބެހޭ ވީޑިއޯއާއި ފޮތްތައް މީހުންނަށް ދީފައިވާ މީހާކަމަށް ފުލުހުން ބުނެފައިވެއެވެ.