ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާގައި ބޮން ގޮއްވާލި އަދުހަމް އަހްމަދު އެ ކުށަށް އިއުތިރާފްވެ އިއުތިރާފު އެއްބަސްވުމުގައި ސޮއި ކޮށްފިއެވެ.
ޕްރިސިކިއުޓަރ ޖެނެރަލް ހުސައިން ޝަމީމް މިހާރު ކުރިއަށް ގެންދަވާ ޕްރެސް ކޮންފަރެންސްގައި ވިދާޅުވީ، އަދުހަމަށް 4 ދައުވާ އެއް ކުރެވޭކަމަށެވެ. އަދި އޭނާ ކުށަށް އިއުތިރާފުވެ އިއުތިރާފް އެއްބަސްވުމުގައި ސޮއި ކޮށްފައިވާކަމަށްވެސް ޝަމީމް ވިދާޅުވިއެެވެ.
އަދުހަމާއެކު އިއުތިރާފް އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ އިއްޔަ ކަމަށާއި، އިއުތިރާފް އެއްބަސްވުމުގެ ސަބަބުން އޭނާއަށް 23 އަހަރުގެ ޖަލު ހުކުމެއް އަންނަނާނެކަމަށް ޝަމީމް ވިދާޅުވިއެވެ.
ބޮން ގޮއްވުމުގެ މައްސަލައިގައި ފަސް މީހަކަށް ދައުވާ ކޮަށްދިނުމަށް އެދި ފުލުހުން ޕީޖީއަށް ފޮނުވާފައިވެއެވެ. އެއީ ނ. މަނަދޫ ނޫރީގެ އަލީ ހައިޝަމް، ވ. ތިނަދޫ ލަކީ އަދުހަމް އަހްމަދު (25 އ) އާއި މއ. ފޭރުގެ މުޖާޒް އަހުމަދު (21 އ) އާއި، ގއ. ކޮނޑޭ ފޮޅޭމާ ތަހުމީން އަހްމަދު (32 އ)ގެ އިތުރުން ލ. ގަން ދުންފިނިއުފާ އަހްމަދު ފާތިހް (23 އ) އެވެ.
މީގެތެރެއިން ފާތިހުގެ މައްޗަށް އަދި ދައުވާ ނުކުރުމަށް ނިންމާފައިވާއިރު ޕީޖީން ވަނީ އަދުހަމްގެ މައްޗަށް 4 ދައުވާ، މުޖާޒަށް 2 ދައުވާ، ތަހުމީނަށް 4 ދައުވާ އަދި އަލީ ހައިޝަމަށް 3 ދައުވާ ކޮށްފައެވެ.