Last Updated: June 26, 19:20
Friday, June 26, 2026
ޚަބަރު

ރައީސް ނަޝީދުގެ ބަޔާނެއް އަދި ނުލިބޭ: ޕީޖީ ޝަމީމް

ރައީސް ނަޝީދު އޭޑިކޭގެ ނަރުހުންނާއެކު ނަގާފައިވާ ފޮޓޯއެއް

މޭ 6 ގެ ބޮމުގެ ހަމަލާއާ ގުޅިގެން އެހަމަލާ އަމާޒުވި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ބަޔާނެއް އަދި ނުލިބޭކަމަށް ޕްރޮސިކިއުޓަރ ޖެނެރަލް (ޕީޖީ) ހުސައިން ޝަމީމް ވިދާޅުވެއްޖެއެވެ.

މިއަދު ކުރިއަށްގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޕީޖީ ޝަމީމް ވިދާޅުވީ ވިދާޅުވީ ހަމަލާއާ ގުޅިގެން ރައީސް މުހައްމަދު ނަޝީދުގެ ބަޔާނެއް އަދި ނުލިބޭކަމަށެވެ. އެހެންނަމަވެސް އެމަނިކުފާނުގެ ބަޔާނެއް ވަރަށް އަވަހަށް ލިބޭނެކަމަށް އުންމީދު ކުރައްވާކަމަށް ވިދާޅުވިއެވެ.

ޕީޖީ ވިދާޅުވީ ރައީސް ނަޝީދަކީ ހަމަލާ އަމާޒުވި ފަރާތަށް ވުމުން އެމަނިކުފާނުގެ ޝުއޫރިތަކަށް ވެސް އިހުތިރާމް ކުރަންޖެހޭނެކަމަށެވެ. އަދި އެމަނިކުފާނުގެ ބަޔާނެއް ނެތުމަށްވުރެއް އޮތުން ރަނގަޅު ކަމަށް ވިދާޅުވިއެވެ.

މީގެކުރިންވެސް ޕޮލިސް ކޮމިޝަނަރު ވަނި ރައީސް ނަޝީދުގެ ބަޔާނެއް ތަހުގީގަށް ނުލިބޭކަން ހާމަކުރައްވާފައެވެ. އެކަމާ ގުޅިގެން ރައީސް ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މަނިކުފާނުގެ ބަހަކީވެސް އަދި ބަޔާނަކަށްވެސް ދައްކަންއޮތް އެއްޗަކީ އެމަނިކުފާޏުގެ "ޖާނާއި ހިތާ މޭ" ކަމަށެވެ.

"ޝާއިރު ވިދާޅުވިފަދައިން ހިތާމޭ ހިބައިން ލިޔެދިނީމާވެސް ނުވީ ނޫންތޯ؟" ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދް ޓެގް ކުރައްވާ ރައީސް ނަޝީދު ކުރެއްވި ޓްވީޓްގައިވެއެވެ.