Last Updated: June 26, 19:20
Friday, June 26, 2026
ޚަބަރު

މާލެސިޓީ ކައުންސިލާ ދެކޮޅަށް ސްޓެލްކޯއިން ފުލުހަށް މައްސަލައެއް ހުށަހަޅައިފި

މާލެސިޓީ ކައުންސިލާއި ދެކޮޅަށް ސްޓެލްކޯއިން ފުލުހަށް މައްސަލައެއް ހުށަހަޅައިފިއެވެ.

ސްޓެލްކޯގެ އޮފިޝަލަކު "އައްޑޫލައިވް"އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، މާލެސިޓީ ކައުންސިލާއި ދެކޮޅަށް ފުލުހުންނަށް މައްސަލައެއް ހުށަހަޅާފައިވަނީ ސްޓެލްކޯގެ ބިމެއްގައި ހުރި އެއްޗެހި ސްޓެލްކޯއަށް އެންގުމަކާނުލާ އެތަނުން ނަގާ ސިޓީ ކައުންސިލުން ކަންތައްތަކެއް ކޮށްފައިވާތީ ކަމަށެވެ.

އެ ސަރަހައްދުގައި ފުލުހުންގެ ފޮރެންސިކް ޓީމުން ހަރަކާތްތެރިވަނީ—-

އިންޑަސްޓްރިއަލް ވިލެޖުގައި ސްޓެލްކޯއަށް ދީފައިވާ އެ ބިމަކީ ގްރޭޓާ މާލެ ޕަވަރ ސެކިއުރިޓީއަށް ވަރަށް މުހިންމު ބިމެއް ކަމަށާއި، އެއީ އިންޓަ ކަނެކްޝަން ފޭޒް2 މާލެ، ވިލިނގިލި، ގުޅީފަޅު އަދި ތިލަފުށި ގުޅުވާލުމަށް ކޭބަލް ގުޅުވުމަށް ވަރަށް މުހިންމު ހިސާބެއްކަމަށް ސްޓެލްކޯގެ އޮފިޝަލް ވިދާޅުވިއެވެ. މީގެ އިތުރުން ޓްރާންސްފޯމާ ބިލްޑިން އާއި މާލޭގައި ސޯލާ ހަކަތަ އިތުރުކުރުމަށް ބެޓެރި ސިސްޓަމެއް އެތަނުގައި ބަހައްޓާގޮތަށް ނިންމާފަ އޮންނާނެކަމަށާއި އަދި އެތަނުގެ ކުރެހުންތަކާއި ޑިޒައިންތައް ނިންމާ ފައިނަލްކޮށް ކޮންސެޕްޓްތައް މިނިސްޓްރީތަކަށްވެސް ހުށަހަޅާފައިވާކަމަށެވެ.

މިގޮތަށް މި މަސައްކަތް ކުރިއަށްދަނިކޮށް މާލެ ސިޓީ ކައުންސިލުން ސްޓެލްކޯއަށް އެއްވެސް އެންގުމެއް އަދި އެހުމެއް ނެތި، އެތަނުގައި ބޮޑު ހަރަދެއްކޮށްގެން ޖަހާފައިވާ ފެންސެއް ނަގާފައިވާކަމަށާއި، ފެންސް ނަގާފައިވަނި ޖަހާފައިވާ ދަގަނޑުތަކާ އެއްޗެހި ކީހާލައިގެންކަމަށް ސްޓެލްކޯގެ އޮފިޝަލް ވިދާޅުވިއެވެ. އަދި އެބިން އޮތް ފަޅި ނޫން އަނެއް ފަޅީގައި ސިޓީ ކައުންސިލްގެ މުވައްޒަފުން ސްޓެލްކޯގެ ފެންސުތައް ބޭނުންކޮށްގެން އެމީހުންގެ މަސައްކަތެއްކުރަން ތިބި ކަމަށެވެ. އެތަނުގެ ތެރޭގައި އިންޓަކަނެކްޝަނަށް ގެނެސްފައިވާ ބައެއް ތަކެތިވެސް ހުންނާނެ ކަމަށާއި، އެ ތަކެތިވެސް ސިޓީކައުންސިލުން ނަގާފައިވާކަމަށް މައުލޫމާތުދީފައިވެއެވެ.

ފެންސު ޖަހަށް ބޭނުންކޮށްފައި ހުރި ދަގަނޑެއް ކީހާލާފައި–

އެހެންކަމުން އެ މައްސަލަ ފުލުހަށް ހުށަހެޅުމުން ފުލުހުން އެ މައްސަލަ ބަލަމުން އަންނަކަމަށާއި، އަދި އެތަނުގައި އިތުރު މަސައްކަތެއް ނުކުރުމަށް ސިޓީކައުންސިލަށް އަންގާފައިވާކަމަށް ފުލުހުން މައުލޫމާތުދޭކަމަށް ސްޓެލްކޯގެ އޮފިޝަލް ވިދާޅުވިއެވެ. އަދި މިކަން ސަރުކާރުގެ ކަމާބެހޭ އިދާރާ ތަކަށްވެސް ހުށަހަޅާފައިވާކަމަށާއި، އަދި ޕްލޭނިން މިނިސްޓްރީންވެސް އެކަން މިހާރު ބަލަމުން އަންނަކަމަށެވެ.