Last Updated: April 19, 06:56
Friday, April 19, 2024
ރިޕޯޓް

ހައްލަކީ މުއްދަތުތައް އިތުރު ކުރުމެއްނޫން، ސިސްޓަމަށް ބޮޑު ބަދަލެއް ގެނައުން!

މެމްބަރު އިމްތިޔާޒް ފަހުމީ-- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް މޭ 6 ވަނަ ދުވަހު ދިން ބޮމުގެ ހަމަލާއާ ގުޅިގެން ތަހުގީގު ކުރިއަށްދާއިރު އޭގެތެރެއިން ބައެއް މީހުންނަށް ދައުވާ ކުރުމަށް މިހާރު މިވަނީ ފޮނުވާފައެވެ. އެކަން ހާމަކޮށް ބޭއްވި ޕްރެސް ކޮންފަރެންސްގައި ޕްރޮސިކިއުޓަރ ޖެނެރަލް ހުސައިން ޝަމީމް ވަނީ ތަހުގީގު ނިންމާ ދައުވާކުރުމަށް ޤާނޫނުގައި ކަނޑައަޅާފައިވާ މުއްދަތާއި ގުޅިގެން އެމަނިކުފާނުގެ ބައެއް ކަންބޮޑުވުންތައް ހާމަކުރައްވާފައެވެ.

ޝަމީމްގެ ކަންބޮޑުވުން އޮތީ އެއްފަހަރާ މިފަދަ ގިނަ މައްސަލަތަކެއް ދިމާވާ ހާލަތުގައި ޤާނޫނުގައި ބުނާ މުއްދަތުތަކުގެ ތެރެއިން ކަން ކުރެވިދާނެކަމާއި މެދު އޮތް ޝަކުވާތަކެކެވެ.

"ދެން އަދި މިކަހަލަ ހަތަރު މައްސަލަ އެއްފަހަރާ ދިމާވެއްޖެއްޔާ އަޅުގަނޑުމެންގެ ނިޒާމު ކިހިނެތްހޭ ކޯޕްކުރާނީ މިއާ." އިއްޔަގެ ޕްރެސް ކޮންފަރެންސްގައި ޝަމީމް ވިދާޅުވިއެވެ.

ޕްރޮސެކިއުޓަރ ޖެނެރަލް ހުސައިން ޝަމީމް – ރައީސް އޮފީސް

ޝަމީމްގެ ވިސްނުންފުޅުގައި ޤާނޫނުގައި މިހާރު ހުރި މުއްދަތުތައް، މިފަދަ ބޮޑެތި މައްސަލަތަކުގައި ތަފާތުވާންޖެހެއެވެ. ބޮޑެތި މައްސަލަތަކުގައި ތަހުގީގު ނިންމާ ދައުވާ ކުރުމަށް ވަގުތު ބޭނުންވާ ކަން ޕީޖީ ޝަމީމް ގަބޫލުކުރައްވާކަން ވާހަކަތަކުން ސާފެވެ.

ރާއްޖޭގައި މިހާރު އަމަލުކުރަމުން އަންނަ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގައި ތަހުގީގު ނިންމާ، ދައުވާކޮށް ޝަރީއަތްތައް ހިންގުމަށް ވަކި މުއްދަތުތަކެއް ކަނޑައަޅާފައިވަނީ، "ވާނުވާ"ގެ މުއްދަތުތަކާއި، ފަނޑިޔާރު ގޭގެ ސަކަރާތުގައި މީހާގެ އުމުރު ހުސްކުރުމުގެ ބަދަލުގައި، ހަމަބުއްދިއަށް ގަބޫލުކުރެވޭ މިންގަނޑެއްގެ ތެރެއިން، ކުރެވޭ ތުހުމަތުތަކަށް އަވަހަށް ގޮތް ނިންމި އެންމެނަށްވެސް އިންސާފު އަވަހަށް ލިބޭނެކަން ޔަގީންކުރުމަށެވެ. އެހެންނަމަވެސް އެ މުއްދަތުތަކާއި އެއްގޮތަށް އަދި ޤާނޫނު ގެނައުމުގެ މަގުސަދު ހާސިލުވާނެ ގޮތަށް މި ރާއްޖޭގައި އަދި ޝަރުއީ މަރުހަލާގައި ކަންކަން ނިމޭކަމަށް ނުފެނެއެވެ.

ޤާނޫނުގައި ބުނާ މުއްދަތުތައް!

ޖިނާއީ އިޖުރާއަތުގެ ޤާނޫނު މިހާރު އޮންނަގޮތުން ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ތިބޭ މީހުންގެ މައްސަލަތައް 30 ދުވަހުގެ ތެރޭގައި ތަހުގީގު ނިންމާ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވަންޖެހެއެވެ. އަދި އެ މައްސަލައެއް ހުށަހެޅޭތާ 10 ދުވަހުގެ ތެރޭގައި ޕީޖީން ދައުވާކުރަންޖެހެއެވެ. މިފަދައިން ބަންދުކުރެވިފައިވާ މީހަކަށް ތުހުމަތުކުރެވެނީ ޖިނާއީ ބޮޑު ކުށެއްގައިނަމަ އަދި މި މުއްދަތުގެ ތެރޭގައި ތަހުގީގު ނުނިންމޭނަމަ، ތަހުގީގު ފުރިހަމަކުރުމަށް އިތުރު މުއްދަތުދިނުމަށް އެދުމުގެ ފުރުސަތު ފުލުހުންނަށް ލިބިގެންވެއެވެ. އަދި އެގޮތުގެ މަތިން ތަހުގީގު ނިންމުމަށް އިތުރު 30 ދުވަސް ދިނުމުގެ ބާރު ޕީޖީއަށް ލިބިގެންވެއެވެ.

ޝަރީއަތްނިމެންދެން ބަންދުކޮށް އަދި ފަހުން ދޫކޮށްލާ މީހުންގެ މައްސަލަތައް 45 ދުވަހުގެ ތެރޭގައި ތަހުގީގު ނިންމާ ޕީޖީއަށް ފޮނުވަންޖެހޭއިރު ޕީޖީން އެ މައްސަލަތަކުގައި ދައުވާކުރާނަމަ 10 ދުވަހުގެ ތެރޭގައި ދައުވާ އުފުލަންޖެހެއެވެ. މިފަދަ މީހަކަށް ތުހުމަތުކުރެވެނީ ޖިނާއީ ބޮޑު ކުށެއްގައިނަމަ އަދި މި މުއްދަތުގެ ތެރޭގައި ތަހުގީގު ނުނިންމޭނަމަ، ތަހުގީގު ފުރިހަމަކުރުމަށް އިތުރު މުއްދަތުދިނުމަށް އެދުމުގެ ފުރުސަތު ފުލުހުންނަށް ލިބިގެންވާއިރު، ތަހުގީގު ނިންމުމަށް އިތުރު 45 ދުވަސް ދިނުމުގެ ބާރު ޕީޖީއަށް ލިބިގެންވެއެވެ.

މުއްދަތުތައް ދިގު ކުރުމަކީ ލިބޭނެ ހައްލެއް ނޫން!

ބޮޑެތި މައްސަލަތަކުގައި ޤާނޫނީގޮތުން ތަހުގީގު ނިންމާ ދައުވާ ކުރުމުގައި އިތުރު ވަގުތު ލިބެންޖެހޭކަމަށް ޕީޖީ ދެކެވަޑައިގަންނަވާއިރު، ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީގެ މުގައްރިރު އަދި މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި) މިކަމުގައި ދެކެވަޑައިގަންނަވާގޮތް ވަރަށް ތަފާތެވެ.

މިކަމުގައި ދެކެވަޑައިގަންނަވާގޮތް ހިއްސާކުރައްވާ "އައްޑޫލައިވް"އާ ވާހަކަ ދައްކަވަމުން އިންތި ވިދާޅުވީ އިތުރު މުއްދަތުތައް ދިނުމަކީ އެންމެ ރަނގަޅު ގޮތް ނޫންކަމަށެވެ. އިންތި ދެކެވަޑައިގަންނަވާ ގޮތުގައި ރާއްޖޭގެ ޖިނާއީ އަދުލުގެ ނިޒާމަށް ބޮޑު ބަދަލެއް ގެންނަން ޖެހެއެވެ.

އިންތި ވިދާޅުވީ ދުނިޔޭގެ އެހެން ގައުމުތަކާއިއަޅާ ބަލާއިރު ރާއްޖޭގައި ދައުވާ ކުރުމަށް މާ ދިގު މުއްދަތުތަކެއް ދީފައިވާކަމަށެވެ. ބައެއް އެހެން ގައުމުތަކުގައި މީހުން ހައްޔަރު ކުރާތާ 72 ގަޑިއިރުތެރޭގައި އާންމުކޮށް ދައުވާކޮށް ހަދާކަމަށް ވިދާޅުވިއެވެ. ޤާނޫނަށް ބަދަލުތައް ގެނެވުނުއިރު އަދި މީގެކުރިންވެސް އެކި ފަހަރުމަތިން މިފަދަ ބޮޑު ބަދަލެއް ނިޒާމަށް ގެންނަންޖެހޭކަން ފާހަގަކުރިކަމަށާއި، އެހެންނަވެސް އެފަދަ ގޮތަކަށް ނިޒާމަށް ބޮޑުބަދަލެއް ގެނެވޭނަމަ ދަތިތަކެއް ހުރެދާނެކަންވެސް ގަބޫލުކުރާކަން ފާހަގަކުރެއްވިއެވެ.

އިންތި ވިދާޅުވީ އެގޮތަށް ނިޒާމަށް ބަދަލުގެނައުމުން މީހާ ހައްޔަރުވެސް ކުރާނީ ފުދޭވަރަކަށް ހެކި ހުރެގެންކަމަށާއި، އަދި ދައުވާ އުފުލުމަށްފަހު ވެސް ތަހުގީގު ފުރިހަމަ ކުރުމަށާއި، ދައުވާއަށް ގެންނަންޖެހޭ ބައެއް ކުދިކުދި ބަދަލުތައް ގެނައުމުގެ ފުރުސަތު އޮންނަންވާނެކަމަށެވެ. އެހެންނަމަވެސް ހައްޔަރުކުރާތާ މާދިގު މުއްދަތެއް ހޭދަނުކޮށް ދައުވާ ކުރެވެންވާނެ ކަމަށެވެ.

"ރާއްޖޭގެ ނިޒާމު އޮންނަގޮތުން ހުރިހާކަމެއް ނިންމާފަ ދައުވާކުރަން މި ލަނީ. އެހެން ތިބެން ވެއްޖެނަމަ ފުލުހުންނަށްވެސް ފުދޭވަރަކަށް ދިގު މުއްދަތު ބޭނުންވާނެ. އަދި ހުރިހާ ކަމެއް ފުރިހަމަވެގެން ދައުވާކުރަން ފުދޭވަރަަކަށް މުއްދަތު ބޭނުންވާނެ. އެހެންބައެއް ގައުމުތަކުގަ މީހާ ހައްޔަރު ކުރާނީވެސް ފުދޭވަރަަކަށް ހެކި ހުރެގެން. އަދި އެޔަށްފަހު ދައުވާކުރާނެ ވަރަށް އަވަަހަށް. އަދި ދައުވާ ކޮށްފަ ދެން އިތުރަށް ތަހުގީގު ފުރިހަމަ ކުރުމާއި އިތުރަށް ގެންނަންޖެހޭ ބަދަލުތަކެއް ހުރެއްޖިއްޔާ އެ ބަދަލުތައް ގެނައުމަށް ގާނޫނުން އިހްތިޔާރު ދީފަ އޮންނާނީ. އެއީ ކަމަށް ފެންނަނީ އޮތް ހައްލަކީ." އިންތި ވިދާޅުވިއެވެ.

މެމްބަރު އިމްތިޔާޒް ފަހުމީ– ފޮޓޯ: ރައްޔިތުންގެ މަޖިލިސް

"އައްޑޫލައިވް"އާ ވާހަކަ ދައްކަވަމުން އިންތި ވިދާޅުވީ ތަހުގީގު ނިންމުމަށް މާގިނަ ވަގުތުތަކެއް ދީފިނަމަ އެކަމުގެ ސަބަބުން ތުހުމަތުވާ މީހާގެ ވެސް ބޮޑެތި ހައްޤުތަކެއްގެއްލި މައްސަލައިގެ ތަހުގީގުވެސް ނިންމަން މާދިގު މުއްދަތު ނަގާނެކަމަށެވެ. ވަގުތެއް ކަނޑައަޅާފައި އޮތުމުގެ ބޭނުމަކީ އަވަހަށް ތަހުގީގުތައް ނިންމުންކަން ފާހަގަކޮށް އިންތި ވިދާޅުވީ މުއްދަތު އިތުރުކުރާ ވަރަކަށް މަސައްކަތްކުރަންތިބޭ މީހުންވެސް އަވަހަށް ތަހުގީގުތައް ނިންމުމުގައި ފަރުވާކުޑަވާގޮތް ވާނެކަމަށެވެ.

ތުހުމަތު ކުރެވޭ މީހާއާމެދުވެސް އަވަހަށް ގޮތެއް ނިންމުމަކީ އެމީހާއަށްވެސް އޭނާގެ ދިރިއުޅުމައިގެން ފަސޭހަކަމާއެކު އުޅުމަށް ލިބޭނެ ފަސޭހައަކަށްވާނެކަމަށާއި، ގޮތެއް ނުނިންމާ ދިގުމުއްދަތެއް ހޭދަވާވަރަކަށް އޭނާގެ ދިރިއުޅުމުގެ ހާލަތު އާންމު ހާލަތަކަށް ނުގޮސް އޮންނާނެކަމަށާއި، އަދި އެއީ ރަނގަޅުގޮތެއްވެސް ނޫންކަމަށް އިންތި ވިދާޅުވިއެވެ.

މިކަންކަމަށް ގެންނަންޖެހޭ ހައްލަކީ ނިޒާމަށް ގެންނަންޖެހޭ ބޮޑު ބަދަލެއްކަމަށާއި، އަދި އެ ހައްލަކީ އަވަހަށް ދައުވާ ކުރެވޭނެ ނިޒާމެއް ގާއިމުކުުރުމަށް ޤާނޫނީ ނިޒާމަށް ގެންނަ ބޮޑު ހައްލަކަށް ވާންޖެހޭކަމަށްވެސް ދެކެވަޑައިގަންނަވާކަމަށް އިންތި ވިދާޅުވިއެވެ.