އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީހަށް ހުށަހެޅިފައިވާ މައްސަލަތަކުގެ ތެރެއިން 19 މައްސަލައެއް ތަހުގީގު ކުރުމަށް ނިންމާފައިވާކަން އެ އޮފީހުން ހާމަކޮށްފިއެވެ.
ޕީއެސްއެމްގެ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން އޮފީހުގެ ޑިރެކްޓަރ ޖެނެރަލް އަޙްމަދު ޔާމީން ވިދާޅުވީ އޯގަސްޓްމަހުގެ 2 ވަނަ ދުވަހުގެ ނިޔަލަށް އިންތިޤާލީ އިންސާފުގެ އޮފީހަށް ޖުމުލަ 84 މައްސަލައެއް ހުށައަޅާފައިވާ ކަމަށެވެ.
އެގޮތުން އެ އޮފީހަށް ހުށަހަޅާފައިވާ ގިނަ މައްސަލަތަކަކީ މަދަނީ މައްސަލަތައް ކަމަށާއި، މަދަނީ 78 މައްސަލައެއް އަދި ޖިނާއީ 6 މައްސަލައެއް ހުށަހަޅާފައިވާކަމަށް ވިދާޅުވިއެވެ.
ހުށަހަޅާފައިވާ މައްސަލަަތަކުގެ ތެރެއިން މިހާތަނަށް 19 މައްސަައެއް ބެލުމަށް ނިންމާފައިވާކަމަށާއި، އަދި މައްސަލަތައް އަވަހަށް ނިންމުމަށް މަސައްކަތް ކުރަމުންއަންނަކަމަށް ވިދާޅުވިއެވެ.
އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީސް އުފެދިގެން ދިޔައީ 17 ޑިސެންބަރު 2020 ދުވަހު ރައީސުލްޖުމްހޫރިއްޔާ އިންތިޤާލީ އިންސާފުގެ ޤާނޫނު ތަސްދީޤުކުރައްވުމުންނެވެ.
އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީހުގެ މަޤްޞަދަކީ ދައުލަތުގެ މުއައްސަސާތަކުން، ދިވެހިރައްޔިތުންގެ އިންސާނީ ޙައްޤުތަކާއި އަސާސީ މިނިވަންކަމާ ޚިލާފަށް ހިންގާފައިވާ ޢަމަލުތައް ދެނެގަނެ، އެފަދަ ކަންތައްތައް ތަޙުޤީޤުކޮށް ޙަޤީޤަތާ ހަމައަށް ވާޞިލްވުމެވެ. އަދި އެފަދަ ޢަމަލުތަކަށް ޒިންމާވާ ފަރާތްތައް ޖަވާބުދާރީ ކުރުވައި އިންސާނީ ޙައްޤުތަކާއި އަސާސީ މިނިވަންކަމާ ޚިލާފު ޢަމަލުތަކުގެ ސަބަބުން އަނިޔާ ލިބުނު ފަރާތްތަކަށް އިންތިޤާލީ އިންސާފުގެ ޤާނޫނުގެ ދަށުން ފޯރުކޮށްދޭ ޙައްލުތަކުގެ ޒަރީއާއިން އިންސާފު ހޯދައިދިނުމާއި ކުރިއަށް އޮތް ތަނުގައި އެފަދަ ކަންކަން ނުވާނެކަން ކަށަވަރުކުރުމަށްޓަކައި ކުރަންޖެހޭ އެންމެހާ ކަންތައްތައްކޮށް ޤާނޫނުގެ ވެރިކަމުގެ މައްޗަށް ބިނާވެފައިވާ ތަހުޒީބީ ދައުލަތެއް އާރާސްތުކުރުމެވެ.