Last Updated: April 25, 21:20
Thursday, April 25, 2024
މުނިފޫހިފިލުވުން

2013 ގެ ފާހަނގަކޮށްލެވޭނެ ހޮލީވުޑް ބައެއް ފިލްމުތައް

މިދިޔަ އަހަރު ވެސް ފާހަނގަ ކޮށްލެވޭ ހޮލީވުޑްގެ ގިނަ ފިލްމުތަކެއް ވަނީ ފެނިގެން ގޮސްފަ އެވެ. ބައެއް ފިލްމުތައް އެހާ ކަމިޔާބު ނުވިކަމުގައި ވިޔަސް ގިނަ ފިލްމުތަކަކީ ބޮޑު ތަރުހީބެއް ލިބުނު ފިލްމުތަކެވެ. މި އަހަރު ފެށިގެން އައި އިރު ފާއިތުވި ދުވަހުގައި ވެސް ހޮލީވްޑް ފިލްމުތަކެއްވަނީ ޕްރިމިއާ ކޮށްފަ އެވެ.

ޖަނުއަރީ ހަތަރު ވަނަ ދުވަހު އެކަނި ވެސް ވަނީ ހަ ފިލްމު ރިލީޒް ކޮށްފަ އެވެ. ނަމަވެސް ފާހަނގަ ކޮށްލެވޭ ފަދަ ފިލްމެއް ނެތެވެ. އެކަމަކު މި އަހަރުގެ ކުރިއަށް އޮތް ތަނުގައި ބޮޑު ތަރުޙީބެއް ލިބިގެންދާނެ ކަމަށް ބެލެވޭ ގިނަ ފިލްމުތަކެއް ނެރެވިގެން ދާނެ އެވެ. މިފަދަ ފިލްމު ތަކުތެރޭ ގިނައީ ކުރީގައި ނެރެވިފައިވާ ފިލްމުތަކުގެ ސިލްސިލާއަށް އިތުރުކުރެވޭ ބޮޅުތަކެކެވެ. ނުވަތަ މަޝްހޫރު ޕްރޮޑިއުސަރެއްގެ އުފެއްދުމެކެވެ.

މި އަހަރުގައި އެންމެ ފާހަނގަ ކޮށްލެވޭނެ ކަމަށް ބެލެވޭ ތޭރަ ފިލްމުގެ ތެރެއިން ހަތަރު ފިލްމަކަށް ތަންކޮޅެއް ބޮޑަށް އަލި އަޅުވާލާނަމެވެ.

ފުރަތަމައަށް މި ބަލާލާ ފިލްމަކީ "އަޔަން މޭން 3" އެވެ. އަޔަން މޭން ފިލްމުތަކުގެ ސިލްސިލާއަށް އިތުރުކުރެވޭ ތިންވަނަ ބޮޅުވެސް ކާމިޔާބުވާނެ ކަމަށް ފިލްމުގެ ޑައިރެކްޓަރ ޝޭން ބްލެކް އަދި ޕްރޮޑިއުސަރު ކެވިން ފެއިޖް ވެސް ބުނެފައިވާ އިރު ގިނަ ސަޕޯޓަރުންގެ އުއްމީދަކީވެސް ހަމަ މިއީއެވެ. އަޔަން މޭން 3 ގައި ވެސް ރޮބާޓް ޑޮއުނީ (ޖރ) ފެނިގެން ދާނީ ޓޯނީ ސްޓާކް ގެ ރޯލުންނެވެ. އަދި "ދަ ޑިކްޓޭޓާ" ގައި 'އަންކަލް ޓަމީރް' ގެ ރޯލުން ފެނިގެންދިޔަ ސާ.ބެން ކިންގްސްލީ މި ފިލްމުގައި މޭންޑަރިންގެ ރޯލުން ފެނިގެން ދާނެއެވެ. މި ފިލްމު އެންމެ ފުރަތަމަ ޕްރިމިއާ ކުރަން ހަމަޖެހިފައިވަނީ މި އަހަރުގެ އޭޕްރީލް 24ގަ އެވެ.

"ޖީ.އައި ޖޯ : ރިޓޭލިއޭޝަން" އަކީވެސް ގިނަބަޔަކު ބަލާލުމަށްޓަކައި އިންތިޒާރު ކުރަމުންދާ ފިލްމެކެވެ. އެމެރިކާ ސަރުކާރުގެ ސިއްރު ޖަމާއަތެއްގެ ގޮތުގައި ހަރަކާތްތެރިވާ ބަޔަކަށް އެމީހުންގެ ދާއިމީ ދުޝްމިނެއް ކަމުގައިވާ 'ކޯބްރާ' ސަރުކާރަށް ނުފޫޒު ފޯރުވައި އޭނާގެ މީހުން ސަރުކާރުގެ އިސް މަޤާމްތަކުގައި ތިބުމުގެ ސަބަބުން މި ޓީމަށް ކުރިމަތިވާ ދަތިތަކާއި އެ އަނދަވަޅުގަނޑުން އެމީހުން ސަލާމަތްވާގޮތް ދައްކުވާދޭ މި ފިލްމުގައި މަޝްހޫރު ގިނަ ފިލްމުސްޓާރުން ހިމެނިފައި ވެއެވެ. މީގެ ތެރޭގައި "ބްރޫސް ވިލިސް" ، "ޑްވޭން ޖޯންސަން ( ދި ރޮކް)" ، "ރޭއި ޕާކް" ، "ޗޭނިންގް ޓަޓުމް" ، "ރޭއި ސްޓީވެންސަން" ، "ޖޯނަތަން ޕްރީސް" އަދި "ވޮލްޓަން ގޮގިންގްސް" ހިމެނެއެވެ. މި ފިލްމް ރިލީޒް ކުރަން ހަމަޖެހިފައިވަނީ މާރޗް 2 ގައެވެ.

ދެން މި ބަލާލަނީ ޖޫން 13ގައި ނެރުމަށް ހަމަ ޖެހިފައިވާ "މޭން އޮފް ސްޓީލް" އަށެވެ. ސުޕަމޭން އަސްލަކަށް ބަލައިގެން އުފައްދާފައިވާ މި ފިލްމަކީ ޒެކް ސިންޑާ ޑައިރެކްޓް ކޮށްފައިވާ ފިލްމެކެވެ. މި ފިލްމުގައި ސުޕަމޭންގެ ގޮތުގައި ފެނިގެންދާނީ "ހެންރީ ކެވިލް" އެވެ. މީގެ އިތުރުން "ލައުރެންސް ފިޝްބާނޭ" ، "އޭންޓްޖޭ ޓްރައޫސް" ، "އަޔަލެޓް ޒޫރެރް" ، "ރަސުލް ކްރޯއީ" ގެ އިތުރުން "ރިޗާޑް ޝިފް" ވެސް ފެނިގެން ދާނެއެވެ.

ދެން އޮތީ "ފާސްޓް އެންޑް ފިއުރިޔަސް 6"އެވެ. މި ފިލްމަށް "ފާސްޓް ސިކްސް" ގެ ނަންވެސް ކިޔައެވެ. ފާސްޓް އެންޑް ފިއުރިޔަސް ފިލްމު ސިލްސިލާގެ ހަވަނަ ފިލްމު ކުރީގެ ފިލްމުތަކަށް ވުރެ ފުރިހަމަ ވެފައި އެޔަށްވުރެ ގިނަ ބަޔަކު ބަލާނެ ކަމަށް ފިލްމުގެ ޑައިރެކްޓަރު ޖަސްޓިން ލިން ވަނީ އިންޓަވިއުއެއްގައި ބުނެފައެވެ. މޭއި 24ގައި ނެރެން ހަމަޖެހިފައިވާ މި ފިލްމުގައިވެސް ފާހަނގަ ކޮސްލެވޭ ގިނަ ތަރިން ތަކެއް ހިމެނިފައި ވެއެވެ. މީގެ ތެރޭގައި "ޑްވޭން ޖޯންސަން ( ދި ރޮކް)" ، "ވިން ޑީސެލް" ، "ޕައުލް ވޯކާ" ، "މިޝޭލް ރޮޑްރީގަސް" ، "ޖޯޑާނާ ބްރިއުސްޓާ" ، "ޓައިރޭސް ގިބްސަން" ، "ސުންގް ކާންގް" ، "ލޫކް އީވާންސް" އަދި "ގިނާ ކަރަނޯ" ހިމެނެއެވެ.

ތަފްސީލަށް ނުދިޔަ ކަމުގައި ވިޔަސް "ދަ ޕްރޮޓޯ ޓައިޕް" ، "ޕެއިން އެންޑް ގެއިން" ، "އެޕިކް 2013" ، "އާފްޓާ އާތް" ، "މޯޓަލް ކޮމްބެޓް" ، "މާމާ މޫވީ" ، "ދަ ލޯން ރޭންޖާ" ، "ވޯލްޑް އޮފް ވާސް ޒެޑް" އާއި "ހަންގާ ގޭމްސް" އަކީ ވެސް ބޮކްސް އޮފީހުގައި ވިދާލާނެ ކަމަށް ޤަބޫލު ކުރެވޭ ފިލްމުތަކެވެ. އަދި މީގެ އިތުރުންވެސް ގިނަ ފިލްމުތަކެއް ފެނިގެން ދާނެ އަހަރެއް ކަމުގައި 2013 ފާހަނގަ ކޮށްލެވެއެވެ.