Last Updated: April 27, 10:00
Saturday, April 27, 2024
ރިޕޯޓް އައްޑޫ ރައްޔިތުން

އައްޑޫ ބްރިޖު އެޅުމުގެ އަޑު ގަދަވަނީ

އައްޑޫ ސިޓީގެ ބުރިޖަށް ގިނަ ބަޔަކު ޑިމާންޑްކުރޭ

"އެންމެ ދެކެން ބޭނުމީ ހުޅުދޫ އިން ހިތަދޫއަށް ބުރިޖަކުން ދެވޭނެ ދުވަސް'". މިއީ ކުރިއަށް އޮތް 10 އަހަރަށް އައްޑޫ ސިޓީގެ މާސްޓަރ ޕްލޭން ތައްޔާރުކުރަން ކުރި ސަރވޭގައި ބައިވެރިވި ހުޅުދޫ މީހަކު ސާރވޭކުރަން އައި މީހުނަށް ދިން ޖަވާބެވެ.

މާލެ ފިޔަވާ އެންމެ ބޮޑު އާބާދީއެއް އޮންނަ އައްޑޫ، ސިޓީއަކަށް ބަދަލުކުރީ އޭރު އައްޑު އަތޮޅުގައި ވަކިން އޮންނަ ހުޅުދޫ އާއި މީދޫވެސް ހިމަނައިގެންނެވެ. އޭގެ ސަބަބުން އަދާ ހަމައަށް އެ ދެ އަވަށުގެ ރައްޔިތުންގެ ބޮޑު ޝަކުވާއަކީ ސިޓީއަކުން ލިބެން ޖެހޭ ހިދުމަތްތައް ހޯދަން ކަނޑު ހުރަސްކޮށް މައި ރަށަށް ދާން ޖެހުމެވެ. ޔުނިވަރސިޓީ އާއި ހޮސްޕިޓަލަށާއި އެނޫސްވެސް އަސާސީ ހިދުމަތް ހޯދަން އުފުލަން ޖެހޭ ތަކުލީފުގެ ވާހަކައެވެ. އެކަން އަދިވެސް ގޮތައް އޮތްއިރު މިހާރު ގަދަ ވެފައިވަނީ އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކާއި އައްޑޫ ސިޓީ ހުޅުދޫ އާއި މީދޫ ފާލަމުން ގުޅާލުމުގެ ވާހަކަ އެވެ. މި ދުވަސްވަރު އެންމެ ބޮޑަށް ވައިގައި ހިފާފައިވާ ސޯޝަލް މީޑިޔާ، ކްލަބު ހައުސްގެ ހުޅުދޫ އާއި މީދޫ މީހުން ތިބޭ ގުރޫޕަކަށް ވަދެއްޖެއްޔާ ފެންނަނީ ހުސް ބުރިޖުގެ ފޮޓޯތަކެވެ. ސުވާލަކީ ބުރިޖު އެހާ މުހިންމު ވަނީ ކީއްވެ ހެއްޔެވެ. އަދި ބުރިޖަށް ޑިމާންޑް ކުރާ މީހުން ދައްކަނީ ކޮން ކޮން ވާހަކަތެކެއް ހެއްޔެވެ.

"އައްޑޫ ސިޓީއެއް ގޮތުން ތަރައްގީވާނީ، އައްޑޫ ސިޓީގެ ދެ ފަރު ގުޅިގެން އައީމަ. އެހެން ނޫންނަމަ ހިދުމަތްތައް ޑުބްލިކޭޓްވެގެން އަންނާނެ ވާހަކަ މި ދައްކަނީ. އައްޑޫގެ ބުރިޖާ ގުޅިގެން އެހެނިހެން އިގުތިސާދީ ދާއިރާތައް ކުރިއަރާނެ ވާހަކަ،" ބުރިޖުގެ ވާހަކަ އެންމެ ގިނައިން ސޯޝަލް މީޑިޔާގައި ދައްކާ އަބްދުﷲ އަޒްހީން ވާހަަކަ ފެށީވެސް މިހެނެވެ.

އައްޑޫ ޓޫރިޒަމް ތަރައްގީވާއިރު ބުރިޖު މުހިންމު

މި ސަރުކާރުން އައްޑޫ ސިޓީއަށް ވެފައިވާ ވައުދުތަކުގެ ތެރޭގައި އައްޑޫ ސިޓީގައި 800 ޓޫރިޒަމް އެނދު ތަރައްގީކުރުން ހިމެނެ އެވެ. އަދި އައްޑޫ އިންޓަނޭޝަނަލް އެއާރޕޯޓް ތަރައްގީކުރާނީ ފަސް މަންޒިލަކުން ދުވާލަކު ފަސް އެއާލައިން ޖެއްސޭނެ ގޮތައްކަމަށް މި ސަރުކާރުގެ ރިޔާސީ ވައުދުގައި އޮތީ ބުނެފައި އެވެ. އެހެން ކަމުން ސަރުކާރުގެ އެ ވައުދު ފުދިގެންދާނެ ކަމަށް ގަބޫލުކުރާ އައްޑޫ މީހުން ވެސް ބުނަނީ އިންޓަނޭޝަނަލް ފްލައިޓްތައް އައްޑޫއަށް އިތުރުވެގެންދާއިރު އިންޓަނޭޝަނަލް ކަނެކްޓިވިޓީއާއެކު ލޯކަލް ކަނެކްޓިވިޓީ އެހާމެ ފަސޭހައިން އޮންނަން ޖެހޭނެ ކަމަށެވެ.

އައްޑޫ ސިޓީ ކައުންސިލް އިދާރާ:

އެމީހުންގެ އުއްމީދަކީ އައްޑޫއަށް އަންނަ ފަތުރުވެރިން ހުޅުދޫ އާއި މީދޫގެ ގެސްޓް ހައުސްތަކަށް ތަކްލީފަކާ ނުލާ ބުރިޖުން އައިސް ގޮސް ހެދުމެވެ. އެހެން ކަމުން އައްޑޫ މީދޫ އާއި ހުޅުދޫގައި ގެސްޓް ހައުސްވިޔަފާރީ ހިންގާ ފަރާތްތަކުގެ ވަރަށް ބޮޑު އުއްމީދަކަށް މި ބުރިޖު ވެފައިވެ އެވެ.

ހުޅުމީދޫ އެތެރޭ އެބަ އޮވޭ ދެ ރިސޯޓް. އެތަނަށް އަންނަ ފަތުރުވެރިންވެސް އިތުރުވެގެންދާނެ މި ބުރިޖާއެކު. ގެސްޓް ހައުސްތައް ފުލްވެގެންދާނެ އެތެރޭގެ ދަތުރު ފަތުރުވެސް ރަނގަޅު ކުރެވުނީމަ،" މީދޫގައި ގެސްޓް ހައުސް ވިޔަފާރީކުރާ މީހަކު ބުންޏެވެ.

އޭގެ އިތުރުން އައްޑޫ ހިތަދޫ ސަރަހައްދުގައި އަޅާ ރިސޯޓްތަކާއި އިތުރުކުރެވޭ ޓޫރިސްޓް އެނދުތަކާއެކު އުފެދޭ ވަޒީފާތަކަށް ހުޅުދޫ އާއި މީދޫގެ ޒުވާނުންނަށް ވަޒީފާގެ ފުރުސަތުތައް ފަހިވެގެންދާނީވެސް ކޮންމެ ދުވަހަކު ކޮންމެ ގަޑިއަކު އައިސް އުޅެވޭނެ ބުރިޖެއް އޮތުމުން ކަމަށް އެ ސިޓީގެ ބައެއް ޒުވާނުން ދެކެ އެވެ.

"ރިސޯޓް މަސައްކަތްކުރާ ކުދިންނަށް ޑިއުޓީ ނިންމާފައި އާއިލާ ކައިރި ދެވޭނީ އަހަރަމެންގެ ސިޓީ ތެރޭގައި މިގޮތައް ބުރިޖަކުން ގުޅިފައި އޮތީމަ،" ހުޅުދޫ ޒުވާނަކު ދެކުނު ގޮތް ހިއްސާ ކުރި އެވެ.

ބުރިޖަކީ މާ އުނދަގޫ ކަމެއް ގޮތައް މީހުން ނުދެކޭ

އައްޑޫ ސިޓީގެ ގިނަ ބަޔަކު ބުރިޖަކަށް ޑިމާންޑްކުރާއިރު އެމީހުން ދެކޭ ގޮތުގައި އެއީ އެހާ ބޮޑު އަދި އުނދަގޫ ކަމެއް ނޫނެވެ. ހާއްސަކޮށް މާލޭގައި ދެ ވަނަ ބުރިޖެއް އަޅާއިރު އައްޑޫ ސިޓީ ފަދަ ބޮޑު އާބާދީ އެއް އެއްފަސްކުރަން އެއީ އެހާ ބޮޑު ކަމެއް ގޮތުގައި ދެކިގެން ނުވާނެ ކަމަށް އެމީހުން ދެކެ އެވެ. ހަމަ އެހެންމެ ބުރިޖަށް ކުރާ ޑިމާންޑްގެ އަޑު ގަދަ ކުރުމަށާއި އެކަމާ ހިޔާލު ތަފާތުވާ މީހުނަށް އޭގެ މުހިންމުކަން ވިސްނަދޭން އެމީހުން އެކި ފޯރަމްތަކުގައި އެ ވާހަކަ ދައްކާއިރު އެ މަޝްރޫއުއަށްދާން ހަރަދުތަކުގެ އަންދާސާ ތަކެއްވެސް ގެންގުޅެ އެވެ.

"ހުޅުމާލެ އާއި މާލެ ދޭތެރޭ އަޅާފައި އޮތް ބްރިޖުގެ ތިންބައި ކޮޅަ ދެބައިގެ ތަންކޮޅެއް ބުރިޖުކުރަން ޖެހިފައި މި އޮތީ. ދެން އޮތް ތަންކޮޅަކީ ވޯޓަރވިލާ އަޅާވަރުގެ ތަންކޮޅެއް. ނުވަ ކިލޯ މީޓަރުގެ ސަރަހައްދަކީ ގާތްގަނޑަކަށް ކަކޫތާ ފެނަށް ފެން ހުރި ހިސާބު. ދެން އޭގެ ބޭރަށް ދެން މި އޮތް ސަރަހައްދަކީ ހިތަދޫ އިން އައިސް ކުދު ކަނޑާ ޖެހޭ ހިސާބުގައި މި ހުރި ފަސް ކިލޯ މީޓަރުގެ ފުން މިނަކީ ގާތްގަނޑަކަށް ތިން މީޓަރާއި ހަތަރު މީޓަރުގެ ސަރަހައްދެއް. ބުރިޖުކުރަން ޖެހޭ ސަރަހައްދުގެ މިންތަނަކަށް ބަލާއިރު ކުޑަ ކަނޑުގެ ސަރަހައްދުގައި މި ހުންނަނީ 320 މީޓަރު އަދި ބޮޑު ކަނޑުގައި މި ހުންނަނީ 470 މީޓަރު. އަދި އެދޭ ތެރޭގައި އެބަ އޮވޭ 300 މީޓަރުގެ ތިލަ ސަރަހައްދެއް. އެހެންވީމަ ބުރިޖުކުރަން މި ޖެހޭ 800 މީޓަރުގެ މި ސަރަހައްދަކީ ވަރަށް ކުޑަ ސަރަހައްދެއް،" ބުރިޖާ ގުޅޭ ގޮތުން އަބްދުﷲ އަޒްހީން ބުންޏެވެ.

ބުރިޖް އަޅަނީ ލޯނެއް ނަގައިގެން ކަމަށް އިންޓަނޭޝަނަލް ޕޯޓެއް ގާއިމުކުރުމުންނާއި އަދި އެހެނިހެން މަޝްރޫއުތައް ހިންގައިގެން އެ ފައިސާ ދެއްކުމަކީ މާ ބޮޑު ކަމަކަށް ނުވާނެ ކަމަށް އެމީހުން ދެކެ އެވެ. އަދި ލޯނެއް ނަގައިގެން އެކަން ކުރުމުގެ ގާބިލްކަން މިއަދު އައްޑޫ ސިޓީ ކައުންސިލުގައިވެސް ހުންނާނެ ކަމަށް ބައެއް މީހުން ދެކެ އެވެ.

ހުޅުދޫ އާއި މީދޫއަށް ކުރަން ޖެހޭ ހަރަދުތައް ކުޑަވެގެންދޭ

ހުޅުދޫ އާއި މީދޫގެ ގިނަ މީހުން ދެކޭ ގޮތުގައި އެ ސިޓީގެ މައި އަވަށް، ހިތަދޫ އާ ދެމެދު ބުރިޖަކުން ގުޅުވާލެއްވިއްޖެ ނަމަ އަސާސީ ހިދުމަތްތައް ދޭން މިހާރު ވެސް އަދި މުސްތަގުބަލުގައި ވެސް ދައުލަތުން ކުރަން ޖެހޭ ހަރަދު ވަރަށް ބޮޑަށް ކުޑަވެގެންދާނެ އެވެ.

"އޭރުން މި ދެ އަވަށަށް ޓާރޝަރީ ފެންވަރުގައި ވަކި ހޮސްޕިޓަލެއް އަޅާކަށް ނުޖެހޭނެ. މި ދެ އަވަށުގައި ވަކި ޔުނިވަސިޓީއެއް ހުންނާކަށް ނުޖެހޭނެ. އަދި ހައިސްޕީޑް ފެރީގެ ނިޒާމެއް އޮންނާކަށް ނުޖެހޭނެ. އަދި އޭގެ އިތުރުން ހިތަދޫ އިންޖީނުގެ އާއި ހުޅުދޫ އާއި މީދޫ އިންޖީނުގެއާ ގުޅާލެވޭނެ. އަހަރަމެން އަންދާޒާ ކުރާ ގޮތުން އޭގެ ސަބަބަބުން އަހަރަކަށް 80 މިލިއަން އެބަ ފައިދާވޭ ދައުލަތައް. އަދި ހުޅުމީދޫގައި ފެނަކައިން ކުރާ ހަރަދުވެސް ކުޑަވެގެންދާނެ ކަމަށް ގަބޫލު ކުރެވޭ،" އަސާސީ ހިދުމަތްތަކުން ލިބިދޭނެ ފައިދާ އާ ގުޅޭ ގޮތުން އައްޑޫގެ ބައެއް މީހުން ދެކެނީ މިގޮތަކަށެވެ.

ހުޅުދޫ އާއި މީދޫގެ ބިމުގެ ކުލި ވެސް މީގެ ސަބަބުން އަރައިގެން ދާނެ ކަމަށް ވެސް ބެލެވެ އެވެ. އޭގެ އިތުރުން ލާމަރުކަޒީ ގާނޫނާ އެއްގޮތައް އެ މަރުކަޒަކުން ފަސޭހަކަމާއެކު ހިދުމަތްތައް ލިބިގެންދާނެ ކަމަށްވެސް މި ބުރިޖް އެޅުމަށް ތާއީދުކުރާ ފަރާތްތަކުން ގަބޫލުކުރެ އެވެ.

އައްޑޫ ސިޓީ ހުޅުދޫ ބޮޑު މަގު:

"މި ބުރިޖުގެ ސަބަބުން އަހަރަކު 80 މިލިއަން ރުފިޔާ ސޭވް ވެގެން އެބަ ދޭ. ސިއްހީ ހިދުމަތާއި ތައުލީމަށް ކުރާ ހޭދަ ވަރަށް ބޮޑަށް ކުޑަ ވެގެންދޭ. ފަތުރުވެރިކަން ފުޅާވެގެންދާއިރު ފަތުރުވެރިން އައްޑޫ މީދޫ އާއި ހުޅުދޫއަށް ކުރަން ޖެހޭ ދަތުރުގެ ތަކްލީފު ކުޑަވެގެން ދޭ. މާލެއަށް އޮތް ތޮއްޖެހުން ކުޑަވެގެންދާނެ އައްޑޫގައި އަޅާ ބުރިޖާއެކު،" މޫސާ ސިއްދީގު ބުންޏެވެ.

އައްޑޫ ސިޓީ ހުޅުދޫ އާއި މީދޫއަށް ނިސްބަތްވާ ގިނަ ބަޔަކު ބުރިޖުގެ ވާހަކަ ދައްކާ އަޑު ގަދަވެފައިވާއިރު މި ދެ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ވިދާޅުވެފައިވަނީ ރައްޔިތުން އެކަމަށް ބޭނުންވާ ނަމަ އެކަން ކުރެވޭނެ ކަމަށެވެ. އޭގެ އިތުރުން ބައެއް ސިޔާސީ ފަރާތްތަކުންވެސް ގަބޫލު ކުރަނީ އައްޑޫ ސިޓީއަށް މި ބުރިޖަކީ ކޮންމެހެންވެސް މުހިންމު އެއްޗެއް ގޮތުގައިއެވެ. ނަމަވެސް މި ބުރިޖާ މެދު ރަސްމީ ސިފައެއްގައި އަދި މަޝްވަރާތަކެއް ކުރެވިފައިނުވެ އެވެ. އެކަމު މި ވާހަަކަ ދައްކާ މީހުންގެ ބޭނުމަކީ 2022 ވަނަ އަހަރަށް ލަފާ ކުރާ ދައުލަތުގެ ބަޖެޓްގައި އައްޑޫ ބުރިޖްގެ މަސައްކަތް ހިމެނުމެވެ. އަދި އެމީހުންދޭ ރައްދަކީ އައްޑޫގެ ތަރައްގީއަށް މި ވަގުތު އެންމެ މުހިންމީ ބުރިޖެއް ނޫން ކަމަށް ބުނާ މީހުނަށް ދޭ ރައްދެކެވެ.