އެސްޓަންވިލާގެ ކެޕްޓަން ޖެކް ގްރީލިޝް ރެކޯޑު އަގަކަށް މެންޗެސްޓަރ ސިޓީ އަށް ބަދަލުވެއްޖެއެވެ.
އުމުރުން 25 އަހަރުގެ ގްރީލިޝް ސިޓީ އަށް ބަދަލުވަނީ 100 މިލިއަން ޕައުންޑްގެ އަގަކަށެވެ. މި ޓްރާންސްފާއާ ގުޅޭގޮތުން ސިޓީ އާއި އެސްޓަންވިލާ އިން އެއްބަސްވުމަކަށް އައިސްފައިވާއިރު، މި ޓްރާންސްފާ ފުރިހަމަ ކުރަން ގްރީލިޝް އިއްޔެ ވަނީ މެންޗެސްޓަރ އަށް ގޮސްފައެވެ.
ސިޓީ އަށް ގްރީލިޝް ބަދަލުވުމުން އޭނާ ވެގެން ގޮސްފައިވަނީ ޕްރިމިއާ ލީގުގެ ތާރީހުގައި ވެސް އެންމެ ބޮޑު އަގަކަށް ކްލަބް ބަދަލުކުރާ ފުރަތަމަ ކުޅުންތެރިޔާ އަށެވެ. މީގެކުރިން ޕްރިމިއާ ލީގުގެ ރެކޯޑު ޓްރާންސްފާ އަކީ ޔުވެންޓަސް އިން މެންޗެސްޓަރ ޔުނައިޓެޑަށް ޕޯލް ޕޮގްބާ ބަދަލުވި ޓްރާންސްފާއެވެ. އެގޮތުން 2016 ވަނަ އަހަރު ޕޮގްބާ ޔުނައިޓެޑަށް ބަދަލުވީ 89 މިލިއަން ޕައުންޑަށެވެ.
ގްރީލިޝް ސިޓީ އަށް ބަދަލުވެފައިވާއިރު އެސްޓަންވިލާ އިން އިއްޔެ ވަނީ ސައުތްހެމްޓަންގެ ފޯވާޑް ޑެނީ އިންގްސް އެ ޓީމަށް ގެނެސްފައެވެ.
ގްރީލިޝްގެ އިތުރުން ސިޓީން އަންނަނީ ޓޮޓެންހަމްގެ އިތުބާރު ފޯވާޑް ހެރީ ކޭން ހޯދުމަށް ވެސް މަސައްކަތް ކުރަމުންނެވެ. އެގޮތުން މި ޓްރާންސްފާ މާކެޓުގައި ޓޮޓެންހަމް ދޫކޮށްލަން ކޭން ބޭނުންވާ ކަމަށް ރިޕޯޓުތައް ބުނާއިރު ޓޮޓެންހަމް އިން އަންނަނީ އޭނާ ނުވިއްކާނެ ކަމަށް ތަކުރާރުކޮށް ބުނަމުންނެވެ.
ޓޮޓެންހަމް އިން ކޭން ވިއްކާލުމަށް ދެކޮޅު ހަދަމުންދާއިރު އެޓީމުގެ ފަރިތަކުރުންތަކަށް ވެސް ކޭން ހާޒިރުވެފައެއް ނުވެއެވެ.