ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށްދިން ބޮމުގެ ހަމަލާއާ ގުޅިގެން އެމަނިކުފާނުގެ ވަކީލެއްގެ ގޮތުގައި ކޮއްކޮ ނާޒިމް ސައްތާރު ހަމަޖައްސައިދިނުމަށް އެދިވަޑައިގެންފިއެވެ.
ރައީސް މުހައްމަދު ނަޝީދު މިގޮތަށް އެދިވަޑައިގެންފައިވަނީ ޕީޖީ ހުސައިން ޝަމީމަށް ފޮނުވި ސިޓީއެއްގައެވެ.
އެ ސިޓީގައި ރައީސް މުހައްމަދު ނަޝީދުވަނީ އެމަނިކުފާނަށްދިން ޓެރަރިސްޓް ހަމަލާއާ ގުޅިގެން އެމަނިކުފާނުގެ ބަޔާނެއް އަދިވެސް ލިބިވަޑައިނުގަންނަވާ ކަމަށް ޕީޖީ ވިދާޅުވި ކަމާއި ބަޔާނެއް މުހިއްމު ކަމަށް ޕީޖީ ވިދާޅުވެފައިވާކަން ފާހަގަކުރައްވާފައެވެ. އެހެންކަމުން އެ މައްސަލައިގައި ނަޝީދުގެ ފަރާތްޕުޅުން ވަކީލެއްގެ ގޮތުގައި ކޮށްކޮ ނާޒިމް ސައްތާރު ހަމަޖައްސަވައި ދެއްވުމަށް އެދިވަޑައިގެންފައިވެއެވެ.
ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށްދިން ބޮމުގެ ހަމަލާއާ ގުޅިގެން ހަތަރު މީހަކަށް ދައުވާ އުފުލާފައިވެއެވެ. އެއީ ވ. ތިނަދޫ ލަކީ އަދުހަމް އަހްމަދު، މއ. ފޭރުގެ މުޖާޒް އަހުމަދު، ގއ. ކޮނޑޭ ފޮޅޭމާ ތަހުމީން އަހްމަދު އަދި ނ. މަނަދޫ ނޫރީގެ އަލީ ހައިޝަމްއެވެ.
މީގެތެރެއިން އަދުހަމް ވަނީ އޭނާގެ ކުށަށް އިއުތިރާފްވެ އިއުތިރާފް އެއްބަސްވުމެއް ދައުލަތާއެކު ހަދާ 23 އަހަރުގެ ޖަލު ހުކުމަކަށް އެއްބަސްވެފައެވެ.
މި މައްސަލައާ ގުޅިގެން އެންމެ ފަހުން ބޭއްވި ޕްރެސް ކޮންފަރެންސްގައި ފުލުހުން ވަނީ މި މައްސަލައިގައި ހައްޔަރުކޮށްފައި ތިބި އިތުރު މީހުންގެ ވަނަވަރު އާންމުކޮށް ހަމަލާގައި އެމީހުންގެ ދައުރު އާންމުކޮށްފައެވެ. އެގޮތުން ފުލުހުން މައުލޫމާތު އާންމުކޮށްފައިވާ މީހުންނަކީ، ނ. މަނަދޫ / ނޫރީގެ އަލީ ހައިޝަމް، ކ. މާލެ / ކުދެހިގެ އިސްހާގު، ގއ. ވިލިނގިލި / ހުދުރުވާގެ ފަހުމީ އަލީ، އއ. މާޅޮސް / އަސަރީގެ މުހައްމަދު ނާޒިމް، ހއ. މުޅަދޫ / ބަހާރުގެ އަބްދުﷲ އަލި މަނިކު އަދި ހއ. ހޯރަފުށި / އަލަނާސިގެ މުހައްމަދު ތަސްލީމެވެެ.
ފުލުހުން ތުހުމަތު ކުރާ ގޮތުގައި ހަމަލާ ދިނުމަށް ރާވާ ހިންގުމުގައި އެންމެ އިސްދައުރެއް އަދާކޮށްފައިވަނީ މުހައްމަދު ތަސްލީމްއާއި އިސްހާޤްއާއި އަލީ ހައިޝަމްކަމަށެވެ.
މިމީހުންގެ ތެރެއިން އަލީ ހައިޝަމްގެ މައްސަލަ ޑިއުޓީ ޕްރޮސިކިއުޝަންގެ މަރުހަލާގައި އޮތްއިރު، އަލީ ހައިޝަމްއަކީ ގޮއްވާލެވުނު ސައިކަލުގައި ބޮން ހަރުކުރުމުގައި އަމަލީ ގޮތުން ބައިވެރިވި ފަރާތެވެ.
އިސްހާޤަކީ މި ހަމަލާ ރާވާ ހިންގުމުގައި އިސްދައުރެއް އަދާކޮށްފައިވާ މީހެއްކަމަށާއި ހަމަލާއަށް އަދުހަމް ރަޝީދު ތައްޔާރުކުރުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވީވެސް އިސްޙާގުކަމަށްވެސް ބުނެފައިވެއެވެ.
މުޙައްމަދު ތަސްލީމްއަކީ ރައީސް ނަޝީދަކީ އިސްލާމްދީނުން ބޭރުވެ މުރުތައްދުވެފައިވާ މީހެއްކަމަށް ކަނޑައަޅައި ރައީސް ނަޝީދަކީ މަރާލަން ޖެހޭ މީހެއްކަމަށް ބުނެ އެކަމަށް ވަކާލާތުކޮށް ހަރުކަށި ފިކުރަށް އެމީހުން ވައްދައި، ސެލްއެއްގެ ގޮތުގައި އޮޕަރޭޓްކުރަންވީ ގޮތް ކިޔާދީ އެކަމާ ބެހޭ ވީޑިއޯއާއި ފޮތްތައް މީހުންނަށް ދީފައިވާ މީހާކަމަށް ފުލުހުން ބުނެފައިވެއެވެ.