Last Updated: June 26, 17:59
Friday, June 26, 2026
ޚަބަރު

މައުމޫން ޖާބިރަށް ދިން ގެއްލުންވެސް ބައްލަވައިދެއްވާ: ދިޔާނާ

ދިޔާނާ ސައީދު-- ފޮޓޯ: ރާއްޖެއެމްވީ

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރަށް ދިން ގެއްލުންވެސް ފުލުހުން ބަލައިދޭން ޖާބިރުގެ އަނބިކަބަލުން ދިޔާނާ ސައީދު އެދިވަޑައިގެންފިއެވެ.

ދިޔާނާ މިފަދައިން އެދިވަޑައިގެންފައިވަނީ ރައީސް މައުމޫން ނެގި ފައިސާ އަނބުރާ ނުދޭ ކަމަށް ބުނެ ޖާބިރު ކިނބިގަސްދޮށުގެ ކައިރިއަށް ވަޑައިގެން އެތަނުގައި ހުރި ބައެއް ތަކެއްޗަށް ގެއްލުންދިން މައްސަލަ ފުލުހުން ބަލަން ފެށުމާ ގުޅިގެން ކުރެއްވި ޓްވީޓެއްގައެވެ.

އެގޮތުން ދިޔާނާ ވަނީ އެ މައްސަލަވެސް ބަލަންވީ ކަމަށާއި، އަދި މައުމޫން ޖާބިރަށް ދިން ގެއްލުމުގެ މައްސަލަވެސް ބަލައިދޭން އެދިވަޑައިގެންފައެވެ.

ރައީސް މައުމޫން ޖާބިރުއަތުން ފައިސާނަގާ އަނބުރާ ނުދޭ މައްސަލަ ފުލުހަށް ހުށަހަޅާފައިވާކަން ފާހަގަކޮށް ދިޔާނާ ވިދާޅުވީ، އެ މައްސަލަ ފުލުހަށް ހުށަހަޅާފައި އޮންނަތާ އެތައް ދުވަހެއް ވެއްޖެކަމަށާއި، މައުމޫނަށް ލިބޭ ގެއްލުންބެލިފައި މައުމޫން އެހެން މީހުނަށްދޭ ގެއްލުން ނުބެލޭގޮތަށް އޮތުމަކީ ގޯހެއް ކަމަށެވެ.

ޖާބިރު ކިނބިގަސްދޮށުގެ ކައިރީގައި އިއްޔަ އިހުތިޖާޖް ކުރަމުން ވަނީ ރައީސް މައޫމޫން އޭނާގެ އަތުން ފައިސާ ނެންގެވީ ކުރީގެ ރައީސް އަބްދުالله ޔާމީންގެ ވެރިކަން ބަދަލުކުރުމަށްކަމަށާއި، އަދި އެ ފައިސާ އަނބުރާ ދީފައިނުވާކަމަށް ވިދާޅުވެފައެވެ. އެކަނިމާއެކަނި ޖާބިރު ކިނބިގަސްދޮށުގޭ ކައިރީގައި އިހުތިޖާޖްކޮށްފައިވާއިރު އޭނާވަނީ އެސަރަހައްދުގައި ހުރެ އަޑުގަދަވެސް ކޮށްފައެވެ. އަދި އެގޭގެ ބޭރުގައި ހުރި ގަސްތަކަކަށް އޭނާ ވަނީ ގެއްލުން ވެސް ދީފައެވެ.

ރައީސް މައުމޫން ޖާބިރުގެ އަތުން ފައިސާ ނަގާ، އެ ފައިސާ އަނބުރާ ދީފައިނުވާކަމަށް ބުނެ އިހުތިޖާޖްކުރި އިރު އެފައިސާ ހޯދުމަށް ޖާބިރު ސިވިލް ކޯޓަށްވެސް މީގެ ކުރިން މައްސަލަ ހުށަހެޅިއެވެ. އަދި ސިވިލް ކޯޓުން ވަނީ ޖާބިރު ހުށަހެޅުއްވި ލިޔެކިޔުންތަކުން އޭނާ ވިދާޅުވާ މުއާމަލާތް ހިންގި ކަމުގެ ހެކި ނެތުމުން ޖާބިރު ހުށަހެޅި ދައުވާ ސާބިތު ނުވާކަމަށް ހުކުމް ކޮށްފައެވެ.