Last Updated: June 26, 17:59
Friday, June 26, 2026
ޚަބަރު

ގޯތިތަކާ ހަވާލުވާން ކައުންސިލްގެ ވަރުގަދަ އިންޒާރެއް

އައްޑޫސިޓީ ކައުންސިލް އިދާރާ --

އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލްގެ އިރުމަތީ ފާރާތާއި ހުޅަނގު ފަރާތުން ދޫކޮށްފައިވާ ބިންތައް އެހެން ސަރަހައްދަކަށް ބަދަލު ކުރަން އައްޑޫ ސިޓީ ކައުންސިލުން ނިންމި ނިންމުމާ އެއްގޮތަށް ދޫކުރާ ގޯތިތަކާ ހަވާލުވުމަށް އަންގައިފިއެވެ.

އައްޑޫސިޓީ ކައުންސިލުން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ، އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލް ހިމެނޭ ސަރަހައްދުން ދިރިއުޅުމަށް ދޫކޮށްފައިވާ ބައެއް ގޯތިތައް، ކުރިން ހޮސްޕިޓަލް އެޅުމަށް ކަނޑައެޅުނު ސަރަހައްދަށް ބަދަލުކުރުމަށް އައްޑޫ ސިޓީ ކައުންސިލުން ނިންމުމާ ގުޅިގެން، ބަދަލުކުރުމަށް ނިންމާފައިވާ ގޯތިތައް ކުރިން ހޮސްޕިޓަލް އެޅުމަށް ކަނޑައެޅުނު ސަރަހައްދަށް ބަދަލުކުރުމުގެ ކަންކަން ޤާނޫނާ އެއްގޮތްވާ ގޮތުގެމަތިން އައްޑޫ ސިޓީ ކައުންސިލުން ކުރިއަށް ގެންދަން ފަށާފައިވާކަމަށެވެ.

އެގޮތުން ބަދަލުކުރުމަށް ނިންމާފައިވާ ގޯތިތަކުގެ ބަދަލުގައި ދޫކުރެވޭ ގޯއްޗާއި ހަވާލުވުމަށް ގޯތީގެ ވެރިފަރާތުން 10 އޯގަސްޓް 2021 ގެ 14:00 ގެެ ކުރިން ހިތަދޫ އަވަށު އޮފީހަށް ހާޒިރުވެދެއްވުމަށް އައްޑޫސިޓީ ކައުންސިލުންވަނީ އެދިވަޑައިގެންފައެވެ.

މީގެ އިތުރުން، އައްޑޫ ސިޓީ ކައުންސިލުން ބަދަލުކުރުމަށް ނިންމަވާފައިވާ ގޯތިތަކުގެ ވެރިފަރާތުން މިބަދަލު ގެނައުމާމެދު ނުރުހޭނަމަ އެކަން ވެސް 10 އޯގަސްޓް 2021 ގެ 14:00 ގެ ކުރިން ހިތަދޫ އަވަށު އޮފީހަށް ލިޔުމުން ހުށަހެޅުމުމުގެ ފުރުސަތުވެސް ދީފައިވެއެވެ.

"އަދި ކައުންސިލްގެ ނިންމުމާ އެއްގޮތަށް ގޯތި ބަދަލުކުރުމަށް އިއުތިރާޟްކުރާ ފަރާތްތަކުގެ ގޯތިތައް ބަދަލުކުރުމުގެ މައްސަލަ ޤާނޫނުގައިވާ ގޮތުގެމަތިން ޝަރީޢަތަށް ހުށަހެޅޭނެއެވެ." އައްޑޫސީޓީ ކައުންސިލުން ކޮށްފައިވާ އިއުލާނުގައިވެއެވެ.

އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލްގެ އިރުމަތީ ފާރާތާއި ހުޅަނގު ފަރާތުން ދޫކޮށްފައިވާ ބިންތައް އެހެން ސަރަހައްދަކަށް ބަދަލު ކުރަން އައްޑޫ ސިޓީ ކައުންސިލުން ނިންމި ނިންމުން ބާތިލުކޮށްދިނުމަށް އެދި ހިތަދޫ މެޖިސްޓްރޭޓް ކޯޓަށްވެސް އޮތީ މައްސަލަ ހުށަހަޅާފައެވެ. އަމިއްލަ ފަރާތަކުން ހުށަހެޅި މިމައްސަލައިގައި މިހާރު އޮތީ ވަގުތީ އަމުރާ މެދު ކައުންސިލުން ޖަވާބު ދާރީވާން ފަސް ދުވަހުގެ ފުރުސަތު ދީފައެވެ.