މޯލްޑިވްސް ޕޯސްޓްގެ އީ-ކޮމާސް ޕްލެޓްފޯމް، އީ-ޓުކުރިން ޓިކްޓޮކް ޗެލެންޖެއް ފަށައިފިއެވެ.
ޕޯސްޓުން މައުލޫމާތު ދެމުން ބުނެފައިވަނީ ޓިކްޓޮކްގައި ކުރިއަށްދާ މި ޗެލެޖުންގައި ބައިވެރިވާން އީ-ޓުކުރިން ދީފައިވާ ތިން މައުލޫއެއްގެ ތެރެއިން ކޮންމެވެސް އެއް މައުލޫއަކަށް ވީޑިއޯއެއް ހަދަންޖެހޭނެކަމަށެވެ. ވީޑިއޯ ހަދަންޖެހޭ މައުލޫތަކުގެ ތެރޭގައި ހިމެނެނީ އޮންލައިން ޝޮޕިންގެ ފައިދާ އާއި އޮންލައިން ޝޮޕިންގެ އުކުޅުތަކާއި އީ-ޓުކުރިއެވެ.
މި ތިން މައުލޫއަށް ވީޑިއޯ ހުށަހަޅާ މީހުންގެ ތެރެއިން ނަސީބުވެރިން ހޮވުމުގައި ބަލާނީ އެންމެ ގިނަ ލައިކްސް ލިބޭ މީހާ އާއި އެންމެ އުފެއްދުންތެރި ވީޑިއޯ ހަދާ މީހާކަމަށް ޕޯސްޓުން މައުލޫމާތުދެއެވެ. މީގެ ތެރެއިން ކޮންމެ ނަސީބުވެރިއަކަށް 3000 ރުފިޔާގެ ފައިސާގެ އިނާމެއް ލިބޭގޮތަށް ވަނީ ހަމަޖެހިފައެވެ.
މި ޗެލެންޖުގައި ބައިވެރިވުމަށް ވީޑިއޯ އަޕްލޯޑް ކުރުމަށްފަހު އީ-ޓުކުރި ޓެގްކުރަންޖެހޭނެކަމަށާއި، މި ޗެލެންޖުގައި ބައިވެރިވުމަށް ވީޑިއޯ ހުށަހެޅޭނެ އެންމެ ފަހުގެ ތާރީހަކީ އޮގަސްޓް 31 ވަނަ ދުވަހުގެ ނިޔަލަށްކަމަށް ބުނެފައިވެއެވެ.
އީ-ޓުކުރިއަކީ ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ އެންމެހާ ފަރާތްތަކަށް އޮންލައިންކޮށް ވިޔަފާރިކުރުމާއި، ތަފާތު ބާވަތްތަކުގެ މުދާ ގަނެވިއްކުމަށް އުފައްދާފައިވާ އީކޮމާސް ޕްލެޓްފޯމެކެވެ. މޯލްޑިވްސް ޕޯސްޓުގެ އީޓުކުރި ޕްލެޓްފޯމްގެ އަމާޒަކީ ރާއްޖޭގެ އެކި ރަށްތަކާ އެކި ހިސާބުތަކުގައި ދިރިއުޅޭ ފަރާތްތައް ގުޅުވައި ވިޔަފާރި ކުރުމުގައި ދިމާވާ އެންމެހާ ދަތިތަކަށް ހައްލު ހޯދައި ދިނުމެވެ.