Last Updated: April 25, 09:40
Thursday, April 25, 2024
ޚަބަރު ރައީސް ނަޝީދު

އައްޑޫ ސިޓީގައި ބުރިޖު އަޅަން ބާރު އަޅާނަން، އެކަން ނުކުރެވެންވީ ސަބަބެއް ނެތް: ނަޝީދު

ރައީސް މުހައްމަދު ނަޝީދު-- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

އައްޑޫ ސިޓީގައި ހިތަދޫ އާއި ހުޅުދޫ އާއި މީދޫ ބުރިޖަކުން ގުޅާލަދިނުމުގެ މަޝްރޫއަށް ބާރު އަޅުއްވާނެ ކަމަށާއި އެކަން ނުކުރެވެންވީ އެއްވެސް ސަބަބެއް ނެތް ކަމަށް އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

އައްޑޫ ސިޓީ ހުޅުދޫ އާއި މީދޫ އޮންނަނީ އެހެން އެއްވެސް އަވަށަކާއި ނުގުޅި ވަކިންނެވެ. ދެ އަވަށް އެހެން ރަށްތަކާ ބުރިޖަކުން ގުޅާލަދޭން ގިނަ ބަޔަކު އެދެމުންދެ އެވެ. މިކަމަށް އެދޭ އައްޑޫ ބަޔަކު ޒޫމް މެދުވެރިކޮށް އިއްޔެ ބޭއްވި ބައްދަލުވުމެއްގައި ރައީސް ނަޝީދު ބައިވެރިވަޑައިގެން ބުރިޖަށް ތާއިދު ކުރައްވާވަނީ ވާހަކަފުޅު ދައްކަވާފައި އެވެ. އެގޮތުން އެ ބުރިޖްގެ ކޮންސެޕްޓް ޑްރޯވިންއެއް ހެދުމަށް އަންނަ އަހަރަށް ލަފާކުރާ ބަޖެޓްގައި ހިމެނުމަށް މަސައްކަތް ކުރައްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"ބަޖެޓް ކޮމެޓީން އަޅުގަނޑު ބަލާދޭނަން (ބުރިޖްގެ) ކޮންސެޕްޓަކާއި މިކަމާ ގުޅޭ ހިސާބުތައް ހިމެނުމަށް. ނުހިމަނާންވީ އެއްވެސް ސަބަބެއް އަޅުގަނޑަކަށް ނުވިސްނޭ. އަޅުގަނޑު އިރާދަކުރެއްވިއްޔާ ބަލާ ދޭނަން ކޮންސެޕްޓެއް އެކުލަވާލުމަށް މި ފަހަރުގެ ބަޖެޓްގައި ހިމަނާދިނުމަށް،" ނަޝީދު ވިދާޅުވި އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ރިޔާސީ އިންތިހާބަށް ނިކުންނެވީ އައްޑޫ އަށް ހާއްސަ މެނިފެސްޓޯއަކާ އެކު ކަމަށާއި އެކަން ކޮށްދިނުމަށް ސަރުކާރުގެ ވިސްނުން ހުންނާނެ ކަމަށް ނަޝީދު ވިދާޅުވި އެވެ. އަދި އެމަނިކުފާނު ވިދާޅުވީ އައްޑޫ އިންޓެނޭޝަނަލް ޕޯޓެއް ގާއިމު ކުރުމާއި އައްޑޫގެ ޓޫރިޒަމް ތަރައްގީވުމުން ވަޒީފާތައް އިތުރުވެގެންދާނެ ކަމަށެވެ.

އައްޑޫގެ ބުރިޖަކަށް ޑިމާންޑްކުރާ ގިނަ ބަޔަކު އެބަ ތިއްބެވެ. ހާއްސަކޮށް ހުޅުދޫ އާއި މީދޫގައި ރައްޔިތުން އެކަމަށް އެދޭ މީހުން ގިނަ އެވެ.