Last Updated: June 26, 17:28
Friday, June 26, 2026
ޚަބަރު

ހަސަންގެ ކަންބޮޑުވުމާމެދު ވިސްނާނަން: ރައީސް ނަޝީދު

އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައިސް މުހައްމަދު ނަޝީދު އެނބުރި ރާއްޖެ ވަޑައިގަތުމާމެދު އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް ފާޅުކުރައްވާފައިވާ ކަންބޮޑުވުމާމެދު ވިސްނަވާނެކަމަށް ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު ސެޕްޓެމްބަރު މަހު ރާއްޖެ ވަޑައިގަންނަވާނެކަން ހާމަކުރުމުން ހަސަން ލަތީފް ވަނީ ބައެއް ކަންބޮޑުވުންތައް ހުރިކަން ފާހަގަކުރައްވާ ޓްވީޓްކުރައްވާފައެވެ.

އެގޮތުން ހަސަން ލަތީފް ވިދާޅުވީ މަޖިލީހުގެ 241 ކޮމިޓީގެ އިންކުއަރީ ރިޕޯޓުގައި ހުރި ރެކޮމެންޑޭޝަންސް އަށް އަމަލުކުރުމަށް ރޭވިފައިވާ ގޮތް އެނގުމުން ނޫނީ ރައީސް ނަޝީދު އެނބުރި ރާއްޖެ ވަޑައިގަތުމަކީ އޭނާ އެދޭނެ އަދި ރުހޭނެ ކަމެއްވެސް ނޫންކަމަށެވެ.

"ބޮން ގޮއްވާލުމުގެ ކުރިން ސަރުކާރަށް އެނގިފައި ހުރި ކަންކަމަށް އަމަލުކޮށްފައިހުރި ގޮތުން މިގޮތަށް ދަންނަވަން ޖެހުނީ." ހަސަން ލަތީފްގެ ޓްވީޓްގައިވެއެވެ.

ހަސަންގެ ޓްވީޓް ރިޓްވީޓް ކުރައްވާ ރައީސް ނަޝީދު ވިދާޅުވެފައިވަނީ، ހަސަން ދެކެވަޑައިގަންނަވާ ގޮތް އެއީ އަބަދުވެސް ވިސްނަވާނެ ކަމެއްކަމަށެވެ. އަދި ސަރުކާރުންވެސް އެމްޑީޕީން ދެކޭގޮތާމެދު ވިސްނާނެކަމަށް ދެކެވަޑައިގަންނަވާކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށްދިން ބޮމުގެ ހަމަލާއާ ގުޅިގެން އެމަނިކުފާނުގެ ސެކިއުރިޓީ ބްރީޗްވިގޮތް ބެލުމަށް މަޖިލީހުގެ 241 ކޮމިޓީން ކުރިއަށްގެންދިޔަ ޕާލިމެންޓަރީ އިންކުއަރީގެ ރިޕޯޓްގައި ވަނީ 46 ރެކަމެންޑޭޝަނެއް ހުށަހަޅާފައެވެ. މީގެތެރޭގައި ނަޝީދުގެ ސެކިއުރިޓީ ހަރުދަނާ ކުރުމާ ގުޅޭ ހުށަހެޅުންތަކެއް ވެސް ހިމެނެއެވެ.

އެގޮތުން ކޮމިޓީން ފާސްކުރި އެ ހުށަހެޅުންތަކުގެ ތެރޭގައި ނަޝީދަށް ހަމަލާއެއް ދީފާނެ ކަމުގެ ނުރައްކާ އޮތްހާ ހިނދަކު ޑިފެންސް އިންޓެލިޖެންސް އިން ކަނޑައަޅާ ގޮތެއްގެ މަތީން ނަޝީދަށް އޮތް ތްރެޓް ލެވެލްތަކާ އެއް ފެންވަރަކަށް ސެކިއުރިޓީ ހަމަޖެއްސުމާއި، ޑިފެންސް އިންޓެލިޖެންސްގެ ތްރެޓް އެސެސްމެންޓްތަކަށްފަހު ރެކޮމެންޑޭޝަންތައް ތަންފީޒު ކުރުމާއި، ނަޝީދުގެ ކްލޯޒް ޕްރޮޓެކްޝަން ޓީމްގެ ހުރިހާ މެމްބަރުންނަށް ގަވާއިދުން ކަނޑައެޅިފައިވާ އޮންނަ ޝެޑިއުލެއްގެ ދަށުން ރިފްރެޝާ ތަމްރީން ދިނުން ހިމެނެއެވެ.

އަދި ނަޝީދު ގޭގައި އުޅުއްވާ ވަގުތާއި ބޭރުގައި އުޅުއްވާ ވަގުތު ވެސް ހަތިޔާރާއެކު ފޯރި މެރުމާއި، ނަޝީދުގެ ގެކޮޅުގެ ސަރަހައްދު ސިސީޓީވީން މޮނިޓާ ކުރުމާއި، ނަޝީދުގެ ގެކޮޅުގެ އިވެކުއޭޝަން ޕްރޮސީޖާ ކަނޑައަޅައި އެ ޕްރޮސީޖާތަކާ ގުޅޭގޮތުން ކްލޯސް ޕްރޮޓެކްޝަން ޓީމު ތަމްރީން ކުރުންވެސް ވަނީ ހިމަނާފައެވެ.

މީގެއިތުރުން ނަޝީދަށް ރައްކާތެރިކަން ދޭން ޖެހޭ ހާލަތްތަކުގައި ފުލުހުންގެ އެހީތެރިކަން ހޯދުމާއި، ނަޝީދުގެ ކާރުކޮޅަކީ ސްޓެންޑަޑް އާމްޑް ކާރުކޮޅެއް ކަން ކަށަވަރު ކުރުމާއެކު ކާރުކޮޅު ބޭނުން ކުރުމުގެ ކުރިން ކާރުގެ ހާލަތު ރަނގަޅަށް ބެލުމަށް ވެސް ވަނީ ހިމަނާފައެވެ.

އަދި ނަޝީދުގެ ކްލޯސް ޕްރޮޓެކްޝަން ޓީމުގައި އީއޯޑީ ތަމްރީން ފުރިހަމަކޮށްފައި ހުރި ފަރާތްތައް ހިމެނުމާއި، ނަޝީދުގެ ކްލޯޒް ޕްރޮޓެކްޝަން ޓީމުގައި ހިމެނޭ ފަރާތްތަކަކީ ޑިފެންސް އިންޓެލިޖެންސް ސާވިސް އާއި ޕޮލިސް ސާވިސްއިން ވެޓް ކޮށްފައިވާ ބަޔަކަށްވުން ވެސް ވަނީ ހިމަނާފައެވެ.