Last Updated: July 21, 18:02
Wednesday, July 22, 2026
ކުޅިވަރު

މެސީ ގެންދަން ޕީއެސްޖީން މަސައްކަތް ކުރަނީ

ބާސެލޯނާ އަށް ކުޅެމުން އައި އާޖެންޓީނާގެ ތަރި ލިއޮނަލް މެސީ ގެންދިޔުމުގެ މަސައްކަތް ޕީއެސްޖީން ފަށައިފިއެވެ.

މިދިޔަ ޖޫން މަހުގެ ނިޔަލަށް މެސީ ބާސެލޯނާއާ އެކު ހަދާފައިވާ އެއްބަސްވުން ވަނީ ހަމަވެފައެވެ. އެގޮތުން މިދިޔަ ޖުލައި އެއް ވަނަ ދުވަހުން ފެށިގެން މެސީ އަކީ ފްރީ އެޖެންޓެއް ކަމަށްވާއިރު ބާސާ އާއެކު މަޝްވަރާ ކުރުމަށްފަހު މެސީ ވަނީ 50 ޕަސެންޓަށް މުސާރަ ކުޑަކޮށް ފަސް އަހަރު ދުވަހަށް އެ ކްލަބުގައި މަޑުކުރަން ނިންމާފައެވެ.

ނަމަވެސް ބާސެލޯނާ އިން ރޭ ނެރުނު ބަޔާނެއްގައި ބުނީ މެސީ ލައްވައި އާ އެއްބަސްވުމެއްގައި ސޮއިކުރުމުގެ ހުރިހާ ކަމެއް ހަމަޖެހިފައިވީ ނަމަވެސް ލަލީގާގެ މާލީ ގަވާއިދުތައް އޮތް ގޮތުން މެސީގެ ކޮންޓްރެކްޓް ކަންކަން ނިންމެން ނެތް ކަމަށެވެ.

އަދި މި ހާލަތު ދިމާވުމާ ގުޅިގެން ބާސާގައި މެސީ މަޑުނުކުރާނެ ކަމަށާއި ކަންކަން މިގޮތަށް ދިމާވުމުން އެކަމާ ހިތާމަކުރާ ކަމަށްވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.

މެސީ ގެންދިޔުމުގެ ޝައުގުވެރިކަން ޔޫރަޕްގެ ބޮޑެތި ގިނަ ކްލަބުތަކަކުން ފާޅުކުރާއިރު، ރިޕޯޓުތައް ބުނާގޮތުން އޭނާ ގެންދިޔުމުގެ ފުރުސަތު އެންމެ ބޮޑީ ފްރާންސްގެ ޕީއެސްޖީ އަށެވެ. އެގޮތުން ފްރާންސްގެ މީޑިއާ ރިޕޯޓުތައް ބުނާގޮތުން މެސީ ގެންދިޔުމުގެ މަސައްކަތް ޕީއެސްޖީން ރޭ ވަނީ ފަށާފައެވެ. އެގޮތުން މެސީ ގެންދިޔުމާ ގުޅޭގޮތުންނާއި މިކަން ކުރާނެ ގޮތަކާއި ގުޅޭގޮތުން ޕީއެސްޖީގެ އިސްވެރިންގެ މެދުގައި މަޝްވަރާތައް ފަށާފައިވާއިރު ބައެއް ކޮމާޝަލް ޕާޓްނަރުންނާއި ވެސް މިކަމުގައި ޕީއެސްޖީން މަޝްވަރާކުރާނެ ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.

ޗުއްޓީ އަށްފަހު މިދިޔަ ބުދަ ދުވަހު މެސީ އެނބުރި ސްޕެއިނަށް އައިސްފައިވާއިރު މިދިޔަ އަހަރުގެ ޓްރާންސްފާ މާކެޓުގައި އޭނާ ވަނީ ބާސާ ދޫކޮށްލަން މަސައްކަތްކޮށްފައެވެ. އެގޮތުން ބާސާ ދޫކޮށްލަން ބޭނުންވާކަން މެސީ ރަސްމީކޮށް އެ ކްލަބަށް އެންގި ނަމަވެސް ކްލަބުން އެ ފުރުސަތު ނުދިނުމުން މެސީ އެންމެފަހުން ނިންމީ ބާސާގައި މަޑުކުރުމަށެވެ.

ބާސާ އަށް މިހާތަނަށް 700 އަށް ވުރެ ގިނަ މެޗު ކުޅެދީ 600 އަށް ވުރެ ގިނަ ގޯލު ކާމިޔާބުކޮށްދީފައިވާ މެސީ އަކީ ދުނިޔޭގެ މޮޅު ކުޅުންތެރިއާގެ މަގާމު ހަ ފަހަރު ހޯދާފައިވާ ކުޅުންތެރިއެކެވެ.