Last Updated: June 26, 17:28
Friday, June 26, 2026
ޚަބަރު

މިސްކިތްތަކުގައި ގައިދުރުކޮށްގެން ނަމާދުކުރުން ނިމުމަކަށް

ފޮޓޯ: ފަޔާޒް މޫސާ/ ސަން

ކޮވިޑް-19 އާ ގުޅިގެން މާލެ ސަރަހައްދުގެ މިސްކިތްތަކުގައި ގައިދުރުކޮށްގެން ޖަމާއަތުގައި ނަމާދުކުރަމުން އައި އައުމަށް ނިމުމެއް ގެނެސްފިއެވެ.

އިސްލާމިކް މިނިސްޓްރީން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ މާލެ ސަރަހައްދުގައި ކޮވިޑް-19 ގެ ހާލަތު ކޮންޓްރޯލް ކުރެވި ރަނގަޅުވެފައިވާކަމަށާއި، އަދި އާންމު ރައްޔިތުންނަށް ވަރަށް ގިނަ ކަންކަމުގައި ލުއި ދީފައިވާކަމަށެވެ.

އެހެންކަމުން މާލެ ސަރަހައްދުގެ މިސްކިތްތަކުގެ ޖަމާއަތް، ގައިދުރުކޮށްގެން ހެދުމާއި ޖަމާއަތުގައި ޤުނޫތު ކިޔުން ހޮނިހިރު ދުވަހުގެ ފަތިސް ނަމާދުން ފެށިގެން މަޑުޖައްސާލުމަށް ނިންމާފައިވާކަމަށް އިސްލާމިކް މިނިސްޓްރީގެ ނޫސްބަޔާނުގައިވެއެވެ. އެހެންނަމަވެސް މިސްކިތުގައި ތިބޭ ވަގުތުތަކުގައާއި ބޭރުގައި އުޅޭ ވަގުތުތަކުގައި މާސްކު އެޅުމަށާއި ކަމާގުޅޭ އިދާރާތަކުގެ އިރުޝާދުތަކާ އެއްގޮތަށް އަމަލުކުރުމަށް ނަސޭހަތްތެރިވެފައިވެއެވެ.

ރާއްޖޭގެ ކޮވިޑްގެ ހާލަތުވަރަށް ބޮޑަށް ކޮންޓްރޯލް ކުރެވިފައިވާއިރު ކޮވިޑާއި ގުޅިގެން އެޅި ގިނަ ފިޔަވަޅުތަކަކަށް ވަނީ ލުއި ދީފައެވެ. އަދި ކޮވިޑުން ރައްކާތެރިވުމަށް އާބާދީގެ ބޮޑުބަޔަކަށް ވެކްސިން ޖެހުމުގެ މަސައްކަތްވެސް އަންނަނީ ކުރަމުންނެވެ.