Last Updated: June 26, 17:28
Friday, June 26, 2026
ޚަބަރު

ނަޝީދަށް އިންސާފު ލިބުންކަމަށް ވާނީ ކޮންކަމެއް ވީމަބާ؟: އިބުރާ

އިބްރާހިމް އިސްމާއިލް (އިބުރާ)--

އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ދިން ބޮމުގެ ހަމަލާއިން އެމަނިކުފާނަށް އިންސާފު ލިބުނު ކަމަށްވާނީ ކޮންމަކަމެއް ވުމުންތޯ އެމްޑީޕީގެ ކުރީގެ ރައީސް އިބްރާހިމް އިސްމާއިލް (އިބުރާ) ސުވާލު އުފައްދަވައިފިއެވެ.

އިބްރާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ މަޖިލިސް ރައީސްއަށް ހަމަލާދިން މީހުން ހޯދާ ޝަރީއަތަށް ފޮނުވާފައިވާކަމަށެވެ.

އަދި އެ ހަމަލާއަކީ ވަކި ބަޔަކު ފަންޑް ކޮށްގެން ކުރިކަމެއް ނޫންކަން ތަހުގީގު އިދާރާތަކުން ބުނެފައިވާކަން ފާހަގަކުރެއްވި އެވެ.

މީގެ އިތުރުން އިބުރާވަނީ ރައީސް ނަޝީދަށް އިންސާފު ލިބުންކަމަށްވާނީ ކޮންކަމެއް ވީމަތޯ ސުވާލު އުފައްދަވާފައެވެ.

ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށްދިން ބޮމުގެ ހަމަލާއާ ގުޅިގެން ހަތަރު މީހަކަށް ދައުވާ އުފުލާފައިވެއެވެ. އެއީ ވ. ތިނަދޫ ލަކީ އަދުހަމް އަހްމަދު، މއ. ފޭރުގެ މުޖާޒް އަހުމަދު، ގއ. ކޮނޑޭ ފޮޅޭމާ ތަހުމީން އަހްމަދު އަދި ނ. މަނަދޫ ނޫރީގެ އަލީ ހައިޝަމްއެވެ.

މީގެތެރެއިން އަދުހަމް ވަނީ އޭނާގެ ކުށަށް އިއުތިރާފްވެ އިއުތިރާފް އެއްބަސްވުމެއް ދައުލަތާއެކު ހަދާ 23 އަހަރުގެ ޖަލު ހުކުމަކަށް އެއްބަސްވެފައެވެ.

ރައީސް ނަޝީދަށް ތާއީދުކުރާ ފަރާތްތަކުން އަންނަނީ މިހަމަލާއަށް ފަންޑު ކުރި ބަޔަކު ހޯދުމަށް ގޮވާލާ އެކަމުގެ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

މި މައްސަލައާ ގުޅިގެން އެންމެ ފަހުން ބޭއްވި ޕްރެސް ކޮންފަރެންސްގައި ފުލުހުން ވަނީ މި މައްސަލައިގައި ހައްޔަރުކޮށްފައި ތިބި އިތުރު މީހުންގެ ވަނަވަރު އާންމުކޮށް ހަމަލާގައި އެމީހުންގެ ދައުރު އާންމުކޮށްފައެވެ. އެގޮތުން ފުލުހުން މައުލޫމާތު އާންމުކޮށްފައިވާ މީހުންނަކީ، ނ. މަނަދޫ / ނޫރީގެ އަލީ ހައިޝަމް، ކ. މާލެ / ކުދެހިގެ އިސްހާގު، ގއ. ވިލިނގިލި / ހުދުރުވާގެ ފަހުމީ އަލީ، އއ. މާޅޮސް / އަސަރީގެ މުހައްމަދު ނާޒިމް، ހއ. މުޅަދޫ / ބަހާރުގެ އަބްދުﷲ އަލި މަނިކު އަދި ހއ. ހޯރަފުށި / އަލަނާސިގެ މުހައްމަދު ތަސްލީމެވެެ.

ފުލުހުން ތުހުމަތު ކުރާ ގޮތުގައި ހަމަލާ ދިނުމަށް ރާވާ ހިންގުމުގައި އެންމެ އިސްދައުރެއް އަދާކޮށްފައިވަނީ މުހައްމަދު ތަސްލީމްއާއި އިސްހާޤްއާއި އަލީ ހައިޝަމްކަމަށެވެ.

މިމީހުންގެ ތެރެއިން އަލީ ހައިޝަމްގެ މައްސަލަ ޑިއުޓީ ޕްރޮސިކިއުޝަންގެ މަރުހަލާގައި އޮތްއިރު، އަލީ ހައިޝަމްއަކީ ގޮއްވާލެވުނު ސައިކަލުގައި ބޮން ހަރުކުރުމުގައި އަމަލީ ގޮތުން ބައިވެރިވި ފަރާތެވެ.

އިސްހާޤަކީ މި ހަމަލާ ރާވާ ހިންގުމުގައި އިސްދައުރެއް އަދާކޮށްފައިވާ މީހެއްކަމަށާއި ހަމަލާއަށް އަދުހަމް ރަޝީދު ތައްޔާރުކުރުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވީވެސް އިސްޙާގުކަމަށްވެސް ބުނެފައިވެއެވެ.

މުޙައްމަދު ތަސްލީމްއަކީ ރައީސް ނަޝީދަކީ އިސްލާމްދީނުން ބޭރުވެ މުރުތައްދުވެފައިވާ މީހެއްކަމަށް ކަނޑައަޅައި ރައީސް ނަޝީދަކީ މަރާލަން ޖެހޭ މީހެއްކަމަށް ބުނެ އެކަމަށް ވަކާލާތުކޮށް ހަރުކަށި ފިކުރަށް އެމީހުން ވައްދައި، ސެލްއެއްގެ ގޮތުގައި އޮޕަރޭޓްކުރަންވީ ގޮތް ކިޔާދީ އެކަމާ ބެހޭ ވީޑިއޯއާއި ފޮތްތައް މީހުންނަށް ދީފައިވާ މީހާކަމަށް ފުލުހުން ބުނެފައިވެއެވެ.