އިންޑަސްޓްރިއަލް ވިލެޖުގެ ބިމަކީ މާލެސިޓީ ކައުންސިލާއި ހަވާލުކުރެވިފައިވާ ބިމެއް ނޫންކަން މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ އިން މާލެސިޓީ ކައުންސިލަށް އަންގައިފިއެވެ.
ޕްލޭނިން މިނިސްޓްރީން މިގޮތަށް މާލެސިޓީ ކައުންސިލަށް އަންގާފައިވަނީ އެ މިނިސްޓްރީން ސިޓީ ކައުންސިލަށް މިއަދު ފޮނުވި ސިޓީއެއްގައެވެ. ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަލް ކަމާލުއްދީން ސޮއިކޮށް މާލެސިޓީ މޭޔަރ ޑރ. މުހައްމަދު މުއިއްޒަށް އެޑްރެސްކޮށް ފޮނުވާފައިވާ މި ސިޓީގެ ކޮޕީއެއް "އައްޑޫލައިވް"އަށްވެސް ވަނީ ލިބިފައެވެ.
އެ ގޮތުން ސިޓީގައި ބުނެފައިވަނީ ސްޓެލްކޯގެ ފަރާތުން މާލޭގައި ޤާއިމުކުރާ ސަބްސްޓޭޝަންގެ ކޮންސްޓްރަކްޝަން މަސައްކަތަށް ބޭނުންވާ މެޓީރިއަލްސްފަދަ ތަކެތި ބެހެއްޓުމަށް މާލޭ އިންޑަސްޓްރިއަލް ވިލެޖުން ދޫކޮށްފައިވާ ބިމުގައި ޖަހާފައިވާ ފެންސާއި އެތަނުގައި ބަހައްޓާފައިވާ ތަކެތި ސިޓީ ކައުންސިލުން ނަގާފައިވާކަމަށް ޕްލޭނިން މިނިސްޓްރީއަށް މައުލޫމާތު ލިބިފައިވާކަމަށެވެ. އަދި މާލޭގައި ދެމުންދާ ބަހުގެ ހިދުމަތާއި ގުޅީގެން ބަސްޑެޕޯގެ ގޮތުގައި ބޭނުންކުރުމަށް އިންޑަސްޓްރިއަލް ވިލެޖުގެ 3 ނަމްބަރު ކޮށިން ވަގުތީގޮތުން ކަނޑައަޅާފައިވާ ބިން ސިޓީ ކައުންސިލުން ބަންދުކޮށްފައިވާކަމަށްވެސް މައުލޫމާތު ލިބިފައިވާކަމަށް ޕްލޭނިން މިނިސްޓްރީން ސިޓީ ކައުންސިލަށް ފޮނުވި ސިޓީގައި ބުނެފައިވެއެވެ.
އެ ސިޓީގައި ޕްލޭނިން މިނިސްޓްރީންވަނީ އިންޑަސްޓްރިއަލް ވިލެޖުގެ ބިމަކީ މާލެސިޓީ ކައުންސިލް އިދާރާއާ ހަވާލުކޮށްފައިވާ ބިމެއް ނޫންކަން އަންގާފައެވެ.
އެހެންކަމުން ސްޓެލްކޯގެ ބޭނުމަށް ދޫކޮށްފައިވާ ބިމުގައި ޖަހާފައިވާ ފެންސާއި އެތަނުގައި ހުރި ތަކެތި ސިޓީ ކައުންސިލުން ނަގާފައިވާނަމަ އެތަކެތި ސްޓެލްކޯއަށް ހަވާލުކުރުމަށް އެދިފައިވެއެވެ. އަދި އިންޑަސްޓްރިއަލް ވިލެޖުގެ 3 ނަމްބަރު ކޮށީގެ ބިންވެސް ބަންދުކޮށްފައިވާނަމަ އެކަން ހުއްޓުވުމަށް އަންގާފައިވެއެވެ.
މި ސިޓީ ޕްލޭނިން މިނިސްޓްރީން މާލެސިޓީ ކައުންސިލަށް ފޮނުވާފައިމިވަނީ އެ ބިމުގައި ހުރި ސްޓެލްކޯގެ ތަކެތި ސިޓީކައުންސިލުން ސްޓެލްކޯއަށް ނާންގާ ނެގި މައްސަލަ ސްޓެލްކޯގެ ފަރާތުން ފުލުހަށް ހުށަހަޅާފައިވަނިކޮށެވެ.