ޓޯކިޔޯ އޮލިމްޕިކްސްގެ ފިރިހެން ފުޓްބޯޅަ އިވެންޓް ފައިނަލުގައި ސްޕެއިން 2-1 އިން ބަލިކޮށް ބްރެޒިލުން ރަން މެޑަލް ހޯދައިފިއެވެ.
މިއީ ބްރެޒިލް އިން ރަން މެޑަލް ޖެހިޖެހިގެން ހޯދި ދެވަނަ ފަހަރެވެ. އެގޮތުން ބްރެޒިލް އިން ވަނީ 2016 ވަނަ އަހަރު އަމިއްލަ ގައުމުގައި ޖަރުމަނު ބަލިކޮށް ރަން މެޑަލް ހޯދާފައެވެ.
ޔޮކަހާމާ ސްޓޭޑިއަމްގައި ކުޅުނު މެޗުގެ ކުރީކޮޅު ލީޑު ނަގަން ބްރެޒިލް އަށް ވަނީ ޕެނަލްޓީ އެއް ލިބިގެން ގޮސްފައެވެ. ނަމަވެސް ރިޗާލިސަން ފޮނުވާލި ޕެނަލްޓީ ދިޔައީ ގޯލުގެ ދަނޑި މަތިން ބޭރަށެވެ. ޕެނަލްޓީ ކާމިޔާބު ނުކުރެވުނު ނަމަވެސް ފުރަތަމަ ހާފް ނިމުމުގެ ކުރިން ޑަ ކޫންޔާ ވަނީ ބްރެޒިލް އަށް ލީޑު ނަގާދީފައެވެ.
ބްރެޒިލް ލީޑުގައި އޮވެ ފުރަތަމަ ހާފް ނިމުނުއިރު މެޗުގެ 61 ވަނަ މިނެޓްގައި ސްޕެއިންގެ އޮޔަޒަބާލް ވަނީ ސްޕެއިން އަށް ލީޑު ނަގާދީފައެވެ. އަދި ދެވަނަ ހާފްގައި ކުޅެން އެރި ސްޕެއިންގެ ބްރަޔަން ގިލް ދުރުން ފޮނުވާލި ހަމަލާއެއް ވަނީ ގޯލުގެ ދަނޑި އަށް ވެސް އަމާޒުވެފައެވެ.
90 މިނެޓްގެ ކުޅުން ހަމަވިއިރު ދެ ޓީމު އެއްވަރުވެފައި އޮތުމުން ނަތީޖާ ނެރުމަށް ދެން ކުޅުނީ 15 މިނެޓްގެ ދެ ހާފެވެ. އެގޮތުން އިތުރު ވަގުތުގެ ދެވަނަ ހާފްގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި މެލްކޮމް ވަނީ ބްރެޒިލް އަށް އަލުން ލީޑު ނަގާދީފައެވެ. ނަތީޖާ އެއްވަރުކުރަން ސްޕެއިނުން މަސައްކަތް ކުރި ނަމަވެސް އިތުރު ގޯލެއް އެޓީމަށް ވަނީ ކާމިޔާބު ކުރެވޭ ގޮތް ނުވެފައެވެ.