Last Updated: July 21, 18:02
Wednesday, July 22, 2026
ކުޅިވަރު

ފުޓްބޯޅައިގައި ބައިވެރިވާ ކުދިންގެ ރައްކާތެރިކަން ކަށަވަރުކުރަނީ

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު، ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ "ޗައިލްޑް ސޭފްގާޑިން ޕޮލިސީ އިފްތިތާޚް ކޮށްދެއްވައިފިއެވެ.

އެކަމަނާ މި ޕޮލިސީ އިފްތިތާޙް ކޮށްދެއްވީ މިއަދު ހަވީރު މިކަމަށްޓަކައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައެވެ.

އެފްއޭމްގެ ޗައިލްޑް ސޭފްގާޑިން ޕޮލިސީއަކީ އެފްއޭއެމް ފައުންޑޭޝަން އަދި އެފްއޭއެމްއާ އާރކް ޖަމުޢިއްޔާ ގުޅިގެން އަދި ޔުނިސެފް މޯލްޑީވްސްއާ ސަރުކާރުގެ ކަމާގުޅުންހުރި އިދާރާތަކުގެ ބައިވެރިވުމާއެކު އެކުލަވާލާފައިވާ ޕޮލިސީއެކެވެ. މި ޕޮލިސީގެ މައިގަނޑު ބޭނުމަކީ ފުޓްބޯޅައިގައި ބައިވެރިވާ ހުރިހާ ކުދިންނަކީވެސް ، ކުޑަކުދިންނަށް ކުރާ، އަނިޔާއާއި، އެކުދިންނަށް ވާ އިހުމާލާއި، އެ ކުދިންނަށް ކުރިމަތިވާ ހަނގާކުރުންފަދަ ކަންކަމުން ރައްކާތެރިވެ ތިބެ ފުޓްބޯޅައިގައި ބައިވެރިވާކުދިން ކަމުގައި ހެދުމެވެ.

ޕޮލިސީ އިފްތިތާޙްކޮށްދެއްވާ އެކަމަނާ ދެއްކެވި ވާހަކަފުޅުގައި، ޗައިލްޑް ސޭފްގާޑިންގެ މުހިންމުކަން ފާހަގަކުރައްވައި ކުޅިވަރުގެ ތެރެއިން މި ކަމަށް ޙައްލެއް ހޯދަން ދުރާލާ ވިސްނާ މިކަން ފެށީތީ އެފްއޭއެމްއާ އަދި މި ޕޮލިސީ އެކުލަވާލުމުގައި ބައިވެރިވި ފަރާތްތަކަށް ޝުކުރު އަދާކުރެއްވިއެވެ. އަދި ކުޑަކުދިންނާ ގުޅޭ މިފަދަ މުހިންމު ޕޮލިސީއެއް އެކުލަވާލުމުގައި އެ ކުދިންގެ މަޝްވަރާއާ ބައިވެރިވުން ހޯދާފައިވާތީ އެކަންވެސް އެކަމަނާ ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންގެ ވާހަކަފުޅުގައި ޗައިލްޑް ސޭފްގާޑިން އަދި ޗައިލްޑް ޕްރޮޓެކްޝަންގެ ތަފާތުގެ މައްޗަށް ވެސް އަލިއަޅުވާލެއްވިއެވެ. އަދި ޚާއްޞަގޮތެއްގައި، ކުދިން ސޭފްގާޑް ކޮށްދިނުމުގެ މަޤްޞަދަކީ ނުރައްކާތެރިކަމަށް ކުދިން ހުށަހެޅުމުގެ ފުރުޞަތު ނުދީ ރައްކާތެރިކަމުގެ ވެށީގައި ކުދިން ދެމެހެއްޓުންކަން ފާހަގަކުރައްވައި ކުޅިވަރުގެ ތެރޭގައި ހަރުދަނާ ޗައިލްޑް ސޭފްގާޑިން ފިޔަވަޅުތަކެއް އެކަށައަޅާފައި އޮތުމުގެ މުހިންމުކަން އެކަމަނާ ފާހަގަކުރެއްވިއެވެ.

އަދި މި ޕޮލިސީ އިފްތިތާޙްކުރުމަށް އިޝާރާތްކުރައްވާ އެކަމަނާ ވަނީ މިއީ ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނާއި ކުޑަކުދިންގެ ޢަދުލުގެ ޤާނޫނަށް އަމަލުކުރަން ފެށިފަހުން އައި އެންމެ އުފާވެރި އެއް ދުވަސްކަން ފާހަގަކުރައްވާފައެވެ.

ހަމަ އެހެންމެ، ކުޅިވަރުގެ މާހައުލުގައި އުޅޭއިރު ކުއްޖަކަށް ޖިސްމާނީ ނަފްސާނީ ނުވަތަ އެހެންގޮތަކުން ނަމަވެސް އަނިއާއެއް ދީފާނެ މީހަކުގެ ކިބައިން ސަލާމަތްވުމަށް އުނދަގޫވެދާނެ އެތައް ޙާލަތެއް ކުރިމަތިވެދާނެކަން ފާހަގަކުރައްވައި، މިފަދަ ޕޮލިސީއެއް އޮތުމުން ކުދިންގެ އިތުރުން ކޯޗުންނާއި އަދި އެ ތަންތަނުގެ މެނޭޖްމަންޓަށްވެސް އޭގެ ފައިދާކުރާނެކަން އެކަމަނާ ފާހަގަކުރެއްވިއެވެ. އެގޮތުން ޕޮލިސީއެއް އޮތުމުން، ކަންކުރަންވީ ގޮތަކީ ކޮބައިކަމާއި ނުކުރަންވީ ކަންކަން އެންމެންނަށްވެސް އެނގިފައި އޮންނާނެކަމަށާއި އަދި ކަންބޮޑުވާ ކަމެއް ދިމާވެއްޖެނަމަ އެކަން ރިޕޯޓްކުރަންވީގޮތާއި އެހީތެރިކަން ހޯދަންވީގޮތް ކުދިންނާ ކޯޗުންނަށްވެސް އެނގިފައި އޮންނާނެކަން ފާހަގަކުރައްވައި، އެފަދަ ބައެއް މިސާލުތަކަށްވެސް އެކަމަނާ އަލިއަޅުވާލެއްވިއެވެ.

މީގެއިތުރުން ކުޅިވަރު އެހެން އެސޯސިއޭޝަންތަކުން ވެސް މިކަމުގައި އިސްނަގައި ކުޅިވަރު މައިދާނަކީ ހާމަކަންބޮޑުގޮތެއްގައި ކުދިންނަށް ރައްކާތެރިކަންލިބޭ، އިތުބާރާއެކު އެކުދިންގެ ކަންބޮޑުވުންތައް ހިއްސާކުރެވޭނެ މައިދާނެއް ކަމުގައި ހެދުމަށް ވެސް އެކަމަނާ ގޮވާލެއްވިއެވެ.