އިންޓަމިލާނަށް ކުޅެމުން އައި ބެލްޖިއަމްގެ ފޯވާޑް ރޮމެލޫ ލުކާކީ ޗެލްސީ އަށް ވިއްކާލުމަށް އިންޓަ އިން އެއްބަސްވެއްޖެއެވެ.
އިނގިރޭސި މީޑިއާ ރިޕޯޓުތައް ބުނާގޮތުން ލުކާކޫގެ ޓްރާންސްފާއާ ގުޅޭގޮތުން އިންޓަ އާއި ޗެލްސީ އާއި ދެމެދު މިހާރު ވަނީ އެއްބަސްވުމަކަށް އައިސްފައެވެ. އެގޮތުން ލުކާކޫ ޗެލްސީ އަށް ބަދަލުވާނީ 97.5 މިލިއަން ޔޫރޯ އަށް ފަސް އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުން ކަމަށް ރިޕޯޓުތައް ބުނެއެވެ. އެއާއެކު ލުކާކޫ ވެގެންދާނީ ޗެލްސީގެ ތާރީހުގައި ވެސް އެންމެ ބޮޑު އަގަކަށް ގެންނަ ކުޅުންތެރިޔާ އަށެވެ.
މިފަހަރުގެ ޓްރާންސްފާ މާކެޓުގައި ޗެލްސީން އެންމެ ހާއްސަ އިސްކަމެއް ދިނީ ފޯވާޑެއް ހޯދުމަށެވެ. އެގޮތުން ޗެލްސީން އެންމެ ފުރަތަމަ މަސައްކަތް ކުރީ ބްރޫޝިއާ ޑޯޓްމަންޑަށް ކުޅެމުން އައި ހާލަންޑް ހޯދުމަށް ކަމަށްވީ ނަމަވެސް ޑޯޓްމަންޑުން ވަނީ އޭނާ ވިއްކާލުމަށް ދެކޮޅު ހަދާފައެވެ.
އުމުރުން 28 އަހަރުގެ ލުކާކޫ ވަނީ މީގެކުރިން ޗެލްސީގެ އިތުރުން ޕްރިމިއާ ލީގުގެ ކްލަބުތައް ކަމަށްވާ ވެސްޓްބްރޮމް އާއި އެވަޓަންގެ އިތުރުން މެންޗެސްޓަރ ޔުނައިޓެޑަށް ވެސް ކުޅެފައެވެ. ލުކާކޫ އިންޓަ އަށް ބަދަލުވީ 2019 ވަނަ އަހަރު ކަމަށްވާއިރު އޭނާ ވަނީ އެ ކްލަބާއެކު މިދިޔަ ސީޒަނުގައި އިޓާލިއަން ލީގު ކާމިޔާބުކޮށްފައެވެ.
ލުކާކޫ ވަނީ އިންޓަގައި ހޭދަކުރި މުއްދަތުގައި އެޓީމަށް 95 މެޗު ކުޅެދީ 64 ގޯލު ކާމިޔާބުކޮށްދީފައެވެ.