Last Updated: March 29, 18:55
Friday, March 29, 2024
ޚަބަރު

ހަމަނުޖެހުންތަކާ ގުޅިގެން އީޔޫގެ އިންޒާރެއް އަފްޣާނިސްތާނަށް

އަފްޣާނިސްތާނުގައި މިހާރު ހިނގާދާ ކަންކަމާއި ގުޅިގެން ޔޫރަޕިއަން ޔޫނިއަން (އީޔޫ)އިން އެ ގައުމަށް އިންޒާރެއް ދީފިއެވެ.

ތާލިބާނުން އަފްޣާނިސްތާނުގައި މިހާރު ހިންގަމުން އަންނަ ހަމަނުޖެހުންތަކާ ގުޅިގެން އަދި ތާލިބާނުންނާއި އަފްޣާނިސްތާނުގެ ސަލާމަތީ ބާރުތަކާ ދެމުދު ހިނގަމުންދާ ކުރިމަތިލުންތަކާ ގުޅިގެން އީޔޫގެ އެކްސްޓާނަލް އެކްޝަން ސާވިސްގެ ޑެޕިއުޓީ ސެކްރަޓަރީ ޖެނެރަލްވަނީ އަފްޣާނިސްތާނުގެ ނެގޯޝިއޭޝަން ޓީމްތަކާ އެކު ބައްދަލުކުރައްވާފައެވެ.

އެ ބައްދަލުވުންތަކާ ގުޅޭގޮތުން އީޔޫގެ ސްޕޯކްސްޕާސަނަކާ ހަވާލާދީ ބޭރުމީޑިއާތަކުން ރިޕޯޓް ކޮށްފައިވާގޮތުގައި އަފްޣާނިސްތާނުގައި ހިނގާދާ ހަމަނުޖެހުންތަކުގެ ތެރެއިން ތާލިބާނުންގެ ބާރު ގަދަވެ ތާލިބާނުންގެ ބާރު އަފްޣާނިސްތާނުގައި ހިނގަން ފަށައިފިނަމަ އެގައުމު ބައިނަލްއަޤްވާމީ މައިދާނުގައި އެކަހެރިވެ މާލީގޮތުން ލިބޭ އެހީތައް ހުއްޓިދާނެކަމުގެ އިންޒާރުދީފައިވެއެވެ.

އަދި ހުއްޓުމެއްނެތި ބޭރުގެ އެހީތެރިކަން ލިބުމަށް އަފްޣާނިސްތާނުގެ ދާހިލީ ހަމަނުޖެހުންތައް ހުއްޓާލާ ސިޔާސީ މަޝްވަރާގެ ވާހަކަތައް އަވަހަށް ފަށަންޖެހޭކަމަށްވެސް ބުނެފައިވެއެވެ.

އީޔޫގެ މި އިންޒާރު އަފްޣާނިސްތާނަށް ދީފައިމިވަނީ އެމެރިކާ ސިފައިން އަފްޣާނިސްތާނުން ފައިބަން ފެށުމާއެކު ތާލިބާނުން އަފްޣާނިސްތާނުގެ ހިސާބުތަކުގެ ކޮންޓްރޯލް ނެގުމަށް ހިންގަމުން އަންނަ ހަމަނުޖެހުންތަކާ ގުޅިގެންނެވެ. އެގޮތުން ތާލިބާނުން ވަނީ އަފްޣާނިސްތާނުގެ ބައެއް މައި މަގުތަކާއި ބައެއް ސަރަހައްދުތަކުގެ ސަރަހައްދީ ރޮނގުތައް އެ ޖަމާއަތުގެ ބާރުގެ ދަށަށް ގެނެސްފައެވެ. އަދި އަފްޣާނިސްތާނުގެ ބޮޑު ދެ ޕްރޮވިންސެއްގެ މައި ސިޓީތައްވެސް ވަނީ ތާލިބާނުންގެ ބެލުމުގެ ދަށަށް ގެނެސްފައެވެ.