Last Updated: May 14, 20:54
Wednesday, May 14, 2025
ޚަބަރު

ފުރަހަނި ޝުއައިބު އެމްޑީޕީން ވަކިކޮށްފި

ޝުއައިބު މާލެސިޓީ މޭޔަރުކަމަށް ޕީޕީއެމުން ވާދަކުރި ޑރ. މުއިއްޒުއާ އެކު--

މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)ގެ ފައުންޑަރުންގެ ތެރޭގައި ހިމެނޭ ޝުއައިބު އަލީ (ފުރަހަނި) އެމްޑީޕީގެ މެމްބަރުކަމުން ވަކިކޮށްފިއެވެ.

އެމްޑީޕީގެ ފިޔަވަޅުއަޅާ ކޮމިޓީގެ ނައިބު މުގައްރިރުގެ މަގާމުގައިހުރި ޝުއައިބު އެމްޑީޕީން ވަކިކޮށްފައިވަނީ އޭނާއާ ދެކޮޅަށް އެޕާޓީގެ ފިޔަވަޅުއަޅާ ކޮމިޓީއަށް ހުށަހެޅި މައްސައެއް ބެލުމަށްފަހު ޖުލައި 8 ވަނަ ދުވަހުއެވެ. އޭނާ ޕާޓީން ވަކިކުރުމަށް ފިޔަވަޅުއަޅާ ކޮމިޓީން ނިންމާފައިވަނީ ފެބްރުއަރީ 3 ވަނަ ދުވަހުއެވެ.

ޝުއައިބުއާ ދެކޮޅަށް އެމްޑީޕީ ފިޔަވަޅުއަޅާ ކޮމިޓީއަށް ހުށަހެޅި މައްސަލައިގައި ބުނެފައިވަނީ އެމްޑީޕީގެ މެމްބަރެއްގެ ގޮތުގައި އަދި ފިޔަވަޅުއަޅާ ކޮމިޓީގެ ނައިބު މުގައްރިރުގެ ގޮތުގައި ހުރެގެން ސޯޝަލްމީޑިއާގެ އެކި ޕްލެޓްފޯމްތަކުގައި ޕާޓީގެ އަގުވައްޓާލައި، ފިތުނަ އުފައްދައި ޕާޓީއަށް ގެއްލުންވާގޮތަށް އަމަލުކޮށް އަދި ލޯކަލް ކައުންސިލް އިންތިހާބުގައި ޕާޓީން ވާދަކުރި ކެނޑިޑޭޓުންނާ ދެކޮޅަށް މަސައްކަތްކޮށް ޕާޓީއަށް ގެއްލުންދެމުންދާ ކަމަށެވެ. އެގޮތުން ޝުއައިބާ ދެކޮޅަށް ދެ މައްސަލައެއް އެމްޑީޕީގެ ފިޔަވަޅުއަޅާ ކޮމިޓީއަށް ހުށަހަޅާފައިވެއެވެ. ފުރަތަމަ މައްސަލަ 2020 ސެޕްޓެމްބަރު 17 ގައި ހުށަހެޅިއިރު ދެވަނަ މައްސަލަ ހުށަހަޅާފައިވަނީ 2 ފެބްރުއަރީ 2021 ގައެވެ.

މި މައްސަލައަށް ޖަވާބުދާރީވުމުގެ ފުރުސަތު ޝުއައިބުއަށް ފިޔަވަޅުއަޅާ ކޮމިޓީން ތަކުރާރުކޮށް ދިނުމުންވެސް އެފުރުސަތުގައި ޖަވާބުދާރީވެފައި ނުވުމުން 3 ފެބްރުއަރީގައި ބޭއްވި ފިޔަވަޅުއަޅާ ކޮމިޓީގެ ބައްދަލުވުމުގައި ޝުއައިބުއަށް ފޯނުންގުޅައި، މައްސަލަ އިތުރަށް އޮޅުންފިލުވައިދީ، ކޮމިޓީން ކުރަންބޭނުންވާ ސުވާލުތައް ޝުއައިބުއަށް ކޮށްފައިވެއެވެ. އަދި ޝުއައިބު އެ ސުވާލުތަކަށް ޖަވާބުދާރީވެސް ވެފައިވެއެވެ. އެގޮތުން ލޯކަލް ކައުންސިލް އިންތިހާބުގައި ވާދަކުރާ އެމްޑީޕީގެ މެމްބަރުންނާ ދެކޮޅަށް ވަޓްސްއެޕް ގްރޫޕެއް ހިންގާ އެމްޑީޕީގެ ކެނޑިޑޭޓުންނާ ދެކޮޅަށް އެންޓިކެމްޕޭންކޮށް އެ ގްރޫޕަށް ލިޔަމުން ގެންދިޔަކަމަށް ޝުއައިބު ކޮމިޓީގައި އިއުތިރާފްވެފައިވާކަމަށް އެމްޑީޕީ ފިޔަވަޅުއަޅާ ކޮމިޓީން ޝުއައިބުއާ ދެކޮޅަށް ބެލި މައްސަލައިގައި ބުނެފައިވެއެވެ.

އެހެންކަމުން އެމްޑީޕީގެ ފިޔަވަޅުއަޅާ ކޮމިޓީން ވަނި ޝުއައިބާ ދެކޮޅަށް ފިޔަވަޅުއަޅަން ނިންމާ އޭނާ ޕާޓީގެ މެމްބަރުކަމުން ވަކިކޮށްފައެވެ. މި މައްސަލަ އެމްޑީޕީގެ ފިޔަވަޅުއަޅާ ކޮމިޓީން ބަލާފައިވަނީ ޕާޓީގެ ނައިބު ރައީސް މުހައްމަދު ޝިފާޒް، އިމްތިޔާޒް ފަހުމީ، އަކްރަމް ކަމާލުއްދީން އަދި ޑރ. މުސްތަފާ ލުތުފީއެވެ.

ޝުއައިބު ޖުލައި 8 ގައި އެމްޑީޕީގެ މެމްބަރު ކަމުން ވަކިކުރިއިރު އެ މައްސަލަ އިސްތިއުނާފު ކުރުމަށް ލިބޭ މަސްދުވަހުގެ މުއްދަތު މިއަދަށް ވަނީ ހަމަވެފައެވެ. އަދި އެ މައްސަލަ ޝުއައިބުގެ ފަރާތުން އެމްޑީޕީގެ އިސްތިއުނާފު ކޮމިޓީއަށް އިސްތިއުނާފު ކުރިކަން ނުވަތަ ނުކުރާކަމެއް ސާފެއް ނުވެއެވެ.

ޝުއައިބު މިފަހަކަށްއައިސް އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދަށް އަދި ރައީސް ނަޝީދަށް ތާއީދުކުރައްވާ ފަރާތްތަކަށް ފާޅުގައި ފާޑުވިދާޅުވެ ސޯޝަލްމީޑިއާގައި ވާހަކަދައްކާފައިވެއެވެ.