ނޫސްވެރިޔާ އަހުމަދު ރިލްވާން އަބްދުﷲ ގެއްލުވާލާފައިވާ މައްސަލައިގައި ހެކިބަސް ދިނުމަށް ބައެއް މީހުން ފަހަތަށްޖެހޭކަމަށް މަރާލާފައިވާ މީހުންނާއި، ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަހުގީގުކުރާ ކޮމިޝަނުން ބުނެފިއެވެ.
މީގެ 7 އަހަރު ކުރިން 8 އޮގަސްޓް 2014 ގައި ރިލްވާން ގެއްލުވާލި މައްސަލައިގައި މަރު ކޮމިޝަނުން ނެރުނު ނޫސްބަޔާނުގައި ބުނެފައިވަނީ، ރިލްވާން ގެއްލުވާލި މައްސަލައިގައި އިންސާފު ހޯފައިދިނުމަށްޓަކައި ގިނަ މަސައްކަތްތަކެއް ކޮމިޝަނުން ކުރަމުން އަންނަކަމަށެވެ. އެގޮތުން ކޮމިޝަންގެ މަސައްކަތްތައް އިތުރަށް ހަރުދަނާކޮށް ކުރިއަށް ގެންދިއުމުގެ ގޮތުން ފުލުހުންގެ އިދާރާއާއި ރާއްޖެއިން ބޭރުގެ މިފަދަ މައްސަލަތައް ތަހުގީގުކުރުމުގެ ދާއިރާގައި މަސައްކަތް ކުރާ ތަޖުރިބާކާރުންގެ އެހީތެރިކަން ހޯދަމުން އަންނަކަމަށް ބުނެފައިވެއެވެ.
"އަހުމަދު ރިލްވާން އަބްދުﷲ ގެއްލުވާލާފައިވާ މައްސަލައާ ގުޅިިގެން މި ކޮމިޝަނުން ކުރަމުން މިދާ ތަހުގީގުގެ މައިގަނޑު އަމާޒަކީ، އަހުމަދު ރިލްވާން އަބްދުﷲ ގެއްލުވާލުމުގައި އެކި ގޮތްގޮތުން ބައިވެރިވެފައިވާ ފަރާތްތަކުގެ ތެރެއިން، އެ ޖަރިމާ ހިންގުމުގައި ކުޑަނަމަވެސް ބައިވެރިވުމެއް އޮތް ފަރާތެއްވާނަމަ، އެ ފަރާތެއް ޝަރީއަތުގެ ކުރިމައްޗަށް ގެނެސް، އެމީހަކު އެ ކުށުގައި ބައިވެރިވެފައިވާ މިންވަރަކާ ގުޅިގެން ޒިންމާ ކުރުވައި، މި މައްސަލައިގައި އިންސާފު ހޯދައިދިނުމެވެ." ކޮމިޝަނުން ނެފައިވާ ނޫސްބަޔާނުގައި ބުނެފައިވެއެވެ.
މި މައްސަލައިގެ ތަހުގީގު ކުރިއަށްގެންދިއުމުގައި ގިނަ ގޮންޖެހުންތަކެއް ހުރިކަން ހާމަކޮށް ކޮމިޝަނުން ބުނެފައިވަނީ މައްސަލައިގައި މައުލޫމާތު އެނގިތިބި ފަރާތްތައް ހެކިބަސް ދިނުމަށް އެކި ސަަބަބުތަކާހުރެ ޖެހިލުންވާތީ، އެކަމަށް ހައްލު ހޯދުމުގެ ގޮތުން މުއައްސަސާތަކާ މަޝްވަރާ ކޮށްގެން ޤާނޫނީ އިމުގެތެރެއިން ހެކިންނަށް ރައްކާތެރި މާހައުލެއް ހަމަޖެއްސޭނެ ނިޒާމެއް ގާއިމުކުރުމުގެ މަސައްކަތް ކޮމިޝަނުން ކުރަމުން އަންނަކަމަށެވެ.
"މިކަމަށްޓަކައި ބޭރުގެ ކަމާގުޅޭ ތަޖުރިބާކާރުންގެ އެހީތެރިކަމާއެކު، ހެކިބަސް ދޭ ފަރާތްތަކަށް ރައްކާތެރިކަން ދިނުމާ ގުޅޭ ޕްރޮގްރާމެއް އެކުލަވާލުމުގެ މަސައްކަތް ދައުލަތުގެ ކަމާގުޅުންހުރި މުއައްސަސާތަކުގެ ބައިވެރިވުމާއެކު ކޮމިޝަނުން މި ދަނީ ކުރަމުންނެވެ."
ކޮމިޝަންގެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ ރިލްވާން ގެއްލުވާލާފައިވާ މައްސަލައާ ގުޅިގެން އެއްވެސް މައުލޫމާތެއް ދެއްވަން ބޭނުންވާނަމަ އެ ފަރާތަކުން ކޮމިޝަނަށް ހާޒިރުވެ ނުވަތަ ކޮމިޝަންގެ ފޯނު ނަމްވަރު 9607390841 ފޯނަށް ގުޅުއްވައި ނުވަތަ ވައިބަރ، ވަޓްސްއެޕް، ޓެލެގްރާމް އަދި ސިގްނަލް މެދުވެރިކޮށްވެސް މައުލޫމާތު ހިއްސާ ކުރެވޭގޮތަށް ހަމަޖެހިފައިވާކަމަށެވެ.