ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުން ފޭދޫގައި ބިނާ ކުރި 25 ހައުސިން ޔުނިޓްތައް ނިމިފައި ހުންނަތާ 2 އަހަރަށް ވުރެ ގިނަ ދުވަސް ވެފައިވާ އިރު މިތަން ތަނަށް ބަޔަކަށް ދެވޭނެ ކަމާއި މެދު ޝައްކު އުފެދިއްޖެ އެވެ.
ނަޝީދު ސަރުކާރުގެ ބޯހިޔާވަހިކަމުގެ ވައުދުގެ ދަށުން އިމާރާތްކުރި މި ފްލެޓްތައް ބަޔަކަށް ނުދެވިގެން އުޅެނީ ފްލެޓްތަކަށް އެދި ހުށަހެޅި މީހުންގެ ފޯމްތައް އިވެލުއޭޓް ކޮށް ގުރުއަތު ނުބޭއްވިގެންނެވެ.
ފްލެޓްތަކުގެ ގުރު ބާއްވަން ތިން ފަހަރެއްގެ މަތިން އިއްލާންކޮށް ކޮންމެ ފަހަރަކުވެސް ގުރުލުމާއި ހިސާބުން ހުއްޓިފައިވަނީ ފޯމްތައް އިވެލުއޭޓް ކޮށް ގުރުއަތަށް ހޮވިފަރާތްތަށް ކޮރަޕްޝަނަށް މަގުފަހިވާގޮތަށް ހުރިކަމަށް ބުނެ ހައުސިން މިނިސްޓްރީ އާއި އޭސީސީއަށް ހުށަހެޅުމާއި ގުޅިގެންނެވެ.
ފޭދޫ ހައުސިން ޔުނިޓްތަކުގެ ގުރުލުން މިމަހުގެ 20 ވަނަ ދުވަހުގެ ރޭ ބާއްވާނެކަމަށް އައްޑޫ ސިޓީ ކައުންސިލުން ވަނީ އިއްލާންކޮށްފައެވެ. ނަމަވެސް އެދުވަހު ގުރުލުން ބާއްވާފައި ނުވެއެވެ. އައްޑޫގެ މޭޔަރ އަބްދުﷲ ސޯދިގް (ސޯބެ) ވިދާޅުވީ ހައުސިން ޔުނިޓްތަކުގެ ގުރުލުން ނުބޭއްވިގެން އުޅެނީ ފޭދޫގައި ހުރި ކައުންސިލްގެ ޔޫތު އެންޑް ބިޒްނަސް ޑިޕާޓްމަންޓްގެ އިހުމާލުން ކަމަށެވެ. ސޯބެ ވިދާޅުވީ ގުރުލުން 20 ވަނަ ދުވަހުގެ ރޭ ބާއްވަން ޖެހޭނެ ކަމަށް އެ ޑިޕާޓްމަންޓަށާއި އެތަނުގެ އިސްވެރިންގެ އިތުރުން ފޭދޫ ދާއިރާ ތަމްސީލް ކުރައްވާ އަހުމަދު މިރުޒާދު (މިރާ) އަށް ވެސް އަންގަވާފައިވާ ކަމަށެވެ.
ސޯބެ ވިދާޅުވީ ހައުސިން ޔުނިޓްތަކުގެ ގުރުލުން ބާއްވަން މަަސައްކަތް ކުރަމުން އަންނަތާ އެެއް އަހަރެއްހާ ދުވަސްވީ އިރު ވެސް، އެކަން ވެފައި ނެތުމުން އޭގައި އިހުމާލް ވަނީ ފޭދޫގައި ހުރި ޑިޕާޓްމަންޓް ކަމަށެވެ.
ސަބަބަކީ އެކަން ކުރިއަށް ގެންދިއުމުގެ ހުރިހާ އިހުތިޔާރެއް ދީފައި އޮތް، ނަމަވެސް އެކަން އެ ޑިޕާޓްމަންޓް ކުރެވިފައި ނުވާތީ އޭގެ ސަބަބުން މާލީ ގޮތުން ވެސް ގިނަ ގެއްލުންތަކެއް ވަމުންދާ ކަމަށް ވިދާޅުވި އެވެ.
"ވިހީގައި ގުރު ނުލެވޭ ކަމަށް ވަންޏާ އެންމެ ލަސްވެގެން މި މަހުގެ 28 ގެ ކުރިން އެކަން ބާއްވައި ނިންމަން ޖެހޭނެ،" މޭޔަރު ވިދާޅުވި އެވެ
އައްޑޫގެ އެންމެ ބޯހިޔާވަހިކަން ބޭނުންވެފައިވާ ފޭދޫގެ ހައުސިން ޔުނިޓްތަކުގެ ގުރުލުން ނުބޭއްވިގެން އުޅެނީ ފޭދޫގައި ހުންނަ ބިޒްނަސް ޑިވެލޮޕްމަންޓް ޑިޕާޓްމަންޓްގެ އިހްމާލުން ކަމަށް ސޯބެ ވިދާޅުވެފައިވާއިރު މިފާއިތުވި 4 ފަސް މަހެއްގެ ތެރޭގައި ފޭދޫ ދާއިރާގެ ކައުންސިލާރ އަހުމަދު މިރުޒާދު އޮފީހަށް ގޮސްފައިވަނީ މަދު ދުވަހެއްގައެވެ. އަދި އަވަށު ބޯޑުގެ ރައީސް އާއި ނައިބް ރައީސްވެސް އޮފީހަށް ނާންނަކަމަށް މި ނޫހަށް ވަނީ މައުލޫމާތު ލިބިފައެވެ. ނަމަވެސް ބަރާބަރަށް މުސާރަ ނަންގަވާކަމަށްވެއެވެ.
ލޯކަލް ކައުންސިލް އިންތިހާބް ބޯމަތިވެފައިވާއިރު ފޭދޫ ހައުސިން ޔުނިޓްތަކުގެ ގުރުލުމުގެ މައްސަލައިން ކައުންސިލް ރެކެން މަސައްކަތް ކުރާކަން މޭޔަރުގެ ވާހަކަތަކުން އެނގެއެވެ. ނަމަވެސް މިކަން ހަރުދަނާ ގޮތެެއްގައި ކުރުމަށް ކައުންސިލުން ކުރި އެއްވެސް ކަމެއް ފެންނާކަށް ނެތެވެ. އެހެންވެ އެންމެން ވެސް މިހާރު ތިބީ ހައުސިން ޔުނިޓްތަކަށް ދެވޭނެ ކަމުގެ އުންމީދު ކަނޑާލާފައެވެ.