Last Updated: June 26, 14:38
Friday, June 26, 2026
ޚަބަރު

މަރު ކޮމިޝަނަށް ހެކިބަސްދޭ މީހުންނަށް ރައްކާތެރިކަން ދިނުމުގެ މަސައްކަތް ފަށަނީ

މަރު ކޮމިޝަނަށް ހެކިބަސްދޭ މީހުންނަށް ރައްކާތެރިކަން ފޮރުކޮށްދިނުމުގެ މަސައްކަތް ފަށުމަށް ތާއްޔާރުވަމުން އަންނަކަން މަރާލާފައިވާ މީހުންނާއި، ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަހުގީގުކުރާ ކޮމިޝަނުން ހާމަކޮށްފިއެވެ.

މީގެ 7 އަހަރު ކުރިން 8 އޮގަސްޓް 2014 ގައި ރިލްވާން ގެއްލުވާލި މައްސަލައިގައި މަރު ކޮމިޝަނުން ނެރުނު ނޫސްބަޔާނުގައި ބުނެފައިވަނީ، ރިލްވާން މައްސަލައިގައިވެސް ހެކިބަސްދިނުމަށް އެކި މީހުން ފަހަތަށް ޖެހުމުން އަންނަކަމަށެވެ. އަދި އެކަމަށް ހައްލު ހޯދުމަށް ދައުލަތުގެ ކަމާގުޅުންހުރި މުއައްސަސާތަކާ މަޝްވަރާކޮށްގެން ޤާނޫނީ އިމުގެތރެއިން ހެކިންނަށް ރައްކާތެރި މާހައުލެއް ހަމަޖެއްސޭނެ ނިޒާމެއް ގާއިމުކުރުމުގެ މަސައްކަތް ކުރަމުން އަންނަކަމަށާއި، އެކަމުގެ ސަބަބުން ޖިނާއީ އަދުލުގެ ނިޒާމަށް ރައްޔިތުންކުރާ އިތުބާރު އިތުރުވެ މައްސަލަތަކުގައި ހެކިބަސް ދޭން ބޭނުންވާ ފަރާތްތަކުން ހެކިބަސް ދިނުމަށް ޖެހިލުންވުން ކުޑަކުރެވިގެންދާނެކަމަށް ކޮމިޝަނުން ނެރުނު ނޫސްބަޔާނުގައިވެއެވެ.

މަރު ކޮމިޝަނުން ބުނެފައިވަނީ މިކަމަށްޓަކައި ބޭރުގެ ކަމާގުޅޭ ތަޖުރިބާކާރުންގެ އެހީތެރިކަމާއެކު، ހެކިބަސްދޭ ފަރާތްތަކަށް ރައްކާތެރިކަން ދިނުމާގުޅޭ ޕްރޮގްރާމެއް އެކުލަވާލުމުގެ މަސައްކަތް ދައުލަތުގެ ކަމާގުޅުންހުރި މުއައްސަސާތަކުގެ ބައިވެރިވުމާއެކު ކޮމިޝަނުން ކުރަމުން އަންނަކަމަށެވެ. މި ޕްރޮގްރާމް ކުރިއަށް ގެންދަނީ ރާއްޖޭގެ އިޖުތިމާއި، ދީނީ، ސިޔާސީ އަދި އާބާދީގެ މައްޗަށް ރިއާޔަތްކޮށް ރާއްޖެފަދަ ގައުމެއްގައި މި ނިޒާމު އެންމެ އެކަށީގެންވާ ގޮތެއްގައި ހިންގޭނެ ގޮތެއް ބަލައި، އެކަންކަމުގެ މައްޗަށް ރިއާޔަތްކޮށް އިނޓަނޭޝަނަލް ބެސްޓް ޕްރެކްޓިސްގެ އުސޫލުތަކާ އެއްގޮތްވާގޮތުގެ މަތިން ކަމަށެވެ.

މަރުގެ މައްސަލަތަކާއި، ރޭވިގެން ހިންގޭ ކުށްތަކާއި ޓެރަރިޒަމްގެ ކުށްތައްފަދަ ހެކިންގެ ހެކިބަހުގެ މައްޗަށް ބަރޯސާވާ މިފަދަ ބޮޑެތި މައްސަލަތައް ތަހުގީގު ކުރުމުގައި އެ މައްސަލަތަކުގައި ހެކިބަސް ދޭ ފަރާތްތަކަށް ރައްކާތެރިކަން ލިބިގެންދާނެ ހަރުދަނާ ނިޒާމެއް ގާއިމުކުރެވިފައި އޮތުމުގެ މުހިންމުކަން ރާއްޖެއަށް ވަރަށް ބޮޑަށް ބޭނުންވެފައިވާކަމަށް މަރުކޮމިޝަނުން ބުނެފައިވެއެވެ.

އަދި އެފަދަ ނިޒާމެއް ގާއިމުކޮށް އެކަމުގެ ނަތީޖާއެއްގެ ގޮތުން ގާނޫނު ތަންފީޒުކުރާ ފަރާތްތަކަށް މިފަދަ ކުށްތަކުގެ ހަގީގަތް ހޯދުމަށް ފަސޭހަވެ ކުށްވެރިންނަށް ކުށްކުރުމަށް ޖެހިލުންވެ، ކުށްކުރުން މުޖުތަމައުގައި މަދުކުރެވި މިފަދަ ކުށްތައް ތަހުގީގުކޮށް ޝަރީއަތް ހިންގުމަށް ދައުލަތުން ކުރަމުން ގެންދާ ހޭދަ ކުޑަކުރެވި، އަމާން ރައްކާތެރި މުޖުތަމައުއެއް ގާއިމުކުރެވިގެންދާނެކަމަށް މަރު ކޮމިޝަނުން ބުނެފައިވެއެވެ.