ސްރީލަންކާގެ ސަ ޖޯން ކޮތެލާވަލާ ޑިފެންސް ޔުނިވަސިޓީ (ކޭޑީޔޫ) އިން އޮފިސަ ކެޑޭޓް ފުރިހަމަކޮށް، ރާއްޖޭގެ ތާރީޚުގައި ފުރަތަމަ ފަހަރަށް މިލިޓަރީ އެކަޑަމީއަކުން ގްރެޖުއޭޓްވި ދެ އަންހެން ސިފައިން ރޭ ކަމިޝަން ކުރައްވައިފި އެވެ.
އެމްއެންޑީއެފް ހެޑްކްއޯޓަޒް، ބަންޑާރަ ކޮށީގައި މިކަމަށްޓަކައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި މި ދެ އަންހެން ސިފައިން ކަމިޝަންކޮށް ދެއްވީ، ޑިފެންސް އެންޑް މިނިސްޓަރު ކާނަލް (ރޓ) މުޙައްމަދު ނާޒިމް އެވެ. ރޭގެ ރަސްމިއްޔާތުގައި ކޮމިޝަންކޮށްފައި ވަނީ ލެފްޓިނެންޓް ފާޠިމަތު އިސްމާޢީލް އަދި ލެފްޓިނެންޓް މަރިޔަމް މުޒްލިފާ އެވެ.
މިރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ވިދާޅުވީ، ލެފްޓިނެންޓް ފާޠިމަތު އިސްމާޢީލް އަދި ލެފްޓިނެންޓް މަރިޔަމް މުޒްލިފާއަކީ ބޭރު ޤައުމެއްގެ މިލިޓަރީ އެކަޑަމީއަކުން ގްރެޖުއޭޓްވެގެން، ރާއްޖޭގަ އެންމެ ފުރަތަމަ ކަމިޝަންކުރެވުނު އަންހެން ދެ އޮފިސަރުންކަމަށާއި، މިއީ، މިދެއޮފިސަރުންނަށް ލިބިގެންދިޔަ ޝަރަފެއްގެ އިތުރުން، އެމްއެންޑީއެފްގެ ތާރީޚުގައި ރަން އަކުރުން ފާހަގަކުރެވިގެންދާނެ ކަމެއް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
އަދި ފެނިގެން މި ދިޔައީ، ކެނޑިނޭޅި ކުރެވުނު ބުރަ މަސައްކަތްތަކެއްގެ ފޮނި ނަތީޖާކަން ފާހަގަކުރައްވަމުން، އެ ދެ އޮފިސަރުންގެ އާއިލާތަކުގެ ފަރާތުން ދެއްވަމުން ގެންދެވި ހިތްވަރާއި ސަޕޯޓްގެ ނަތީޖާ ކަމަށް ވެސް ނާޒިމް ވިދާޅުވި އެވެ.
ސިފައިންގެ އެކި ދާއިރާތަކުގައި އަންހެން ބޭކަނބަލުން ގެންދަވަނީ ބިނާކުރަނިވި ޚިދުމަތްތަކެއް ކޮށްދެއްވަމުންކަމަށާއި، ތަފާތު ދާއިރާތަކުން މަތީ ތައުލީމު ޙާސިލު ކުރައްވައިގެން ތިއްބެވި އަންހެން ބޭކަނބަލުން މިހާރުވެސް އެމްއެންޑީއެފްގެ ޒިއްމާދާރު އެކި މަޤާމްތަކުގައި ތިއްބެވިކަން ފާހަގަކުރައްވަމުން، މިއީ އެމްއެންޑީއެފްގެ އެކިއެކި ދާއިރާތަކުން ކުރިއަށް ދިއުމުގެ ފުރުސަތު އަންހެން ސިފައިންނަށް ހުޅުވިފައިވާކަން ދޭހަކޮށްދޭ ކަމެއްކަމަށް ވިދާޅުވިއެވެ.
މިނިސްޓަރގެ ވާހަކަފުޅުގައި ވަކިން ޚާއްޞަކޮށް، އަންހެން ސިފައިން އެމްޕަވަކޮށް އެކަނބަލުންނަށް ކުރިއަށް ދިއުމަށް އިތުރު ފުރުސަތުތަކެއް ހޯދައި ދިނުމަށް ކުރިމަގުގައި އިތުރު މަސައްކަތްތަކެއް ކުރުމަށް ޤަސްދުކުރައްވާކަން ހާމަކުރެއްވި އެވެ. އަދި އަންހެން ކުދިންނަށް ޙާއްސަކޮށްގެން ސިފައިންގެއަށް މީހުން ރެކްރޫޓް ކުރުމުގެ ބުރެއް ވަރަށް އަވަހަށް ކުރިއަށް ގެންދެވޭނެ ކަމަށް ވެސް ވިދާޅުވިއެވެ. މީގެ އިތުރުން ކުރިމަގުގައި ސިފައިންގެއަށް ރެކްރޫޓް ކުރެވޭ ކޮންމެ ބެޗެއްގައި ވެސް ކަނޑައެޅޭ ވަކި ޕަސެންޓަކީ އަންހެން ކުދިންކަމުގައި ހެދުމަށް ނިންމަވާފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.
ޖެނުއަރީ 1، 2010 އިން 22 ޑިސެމްބަރު 2012 އަށް ސްރީލަންކާގެ ކޭޑީޔޫ ޔުނިވަސިޓީ އިން ލެފްޓިނެންޓް ފާތިމަތު އިސްމާޢީލް އަދި މަރިޔަމް މުޒްލިފާވަނީ ބެޗަލާރސް އޮފް ކޮމާސް ޑިގްރީ ފުރިހަމަކޮށް، ސްރީލަންކާ މިލިޓަރީ އެކަޑަމީގައި އަސްކަރީ ތަމްރީންތައް ފުރިހަމަކޮށްފައެވެ.
މި ދެ އަންހެން އޮފިސަރުން މިކޯސް ފުރިހަމަކޮށް، ރޭ ރާއްޖެ އައުމުން، މާލޭ އިންޓަނޭޝަނަލް އެއަރޕޯޓުންވަ ނީ ވަރަށް ހޫނު މަރުޙަބާއެއް ވެސް ކިޔައިފަ އެވެ.
ކޯސް ފުރިހަމަ ކުރަމުން ދިޔަ މުއްދަތުގައި، ކޭޑީޔޫ ޔުނިވަރސިޓީން މެއި 24، 2012 ގައި ބޭއްވި "އިންޓަ ރެޖިމެންޓް އިންޑޯ ރޯވިންގ ޗެމްޕިއަން ޝިޕް 2012" ގައި ބައިވެރިވި ސްރީލަންކާ މިލިޓްރީ އެކަޑަމީގެ ކެޑޭޓުންގެ ތެރެއިން ލެފްޓިނެންޓް ފާޠިމަތު އިސްމާޢީލް ވަނީ ތިން ގޯލްޑް މެޑަލް ހޯދާފަ އެވެ. އަދި މިޗެމްޕިއަންޝިޕްގައި ބައިވެރިވި ސްރީލަންކާ މިލިޓްރީ އެކަޑަމީގެ ކެޑޭޓުންގެ ތެރެއިން ތިން މެޑަލް ހޯދި ހަމައެކަނި އޮފިސަ ކެޑޭޓަަކީވެސް ފާޠިމަތު އިސްމާޢީލް އެވެ.
މިއީ، ސިފައިންގެ ތާރީޚުގައި އޮފިސަ ކެޑޭޓް ފުރިހަމަކޮށް، ރާއްޖޭގައި އެންމެ ފުރަތަމަ ކަމިޝަން ކުރެވުނު އަންހެން ދެ އޮފިސަރުންނެވެ. ޑިސެމްބަރު 2012 ގެ ތެރޭގައި ބޭއްވި މި ދެ އޮފިސަރުންގެ ޕާސިން އައުޓް ޕެރޭޑް އަދި ޕިޕިން ސެރެމަނީގައި ސްރީލަންކާ ސަރުކާރުގެ ދަޢުވަތަކަށް މިނިސްޓަރު ނާޒިމް ބައިވެރިވެވަޑައިގެންފައިވެ އެވެ.