އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލްގެ އިރުމަތީ ފާރާތާއި ހުޅަނގު ފަރާތުން ދޫކޮށްފައިވާ ބިންތައް އެހެން ސަރަހައްދަކަށް ބަދަލު ކުރަން އައްޑޫ ސިޓީ ކައުންސިލުން ނިންމި ނިންމުން ބާތިލުކޮށްދިނުމަށް އެދި ހިތަދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހަޅާފައި އޮތް 7 މީހުންގެ މައްސަލައެއްގައި އައްޑޫ ސިޓީ ކައުންސިލްގެ މައްޗަށް ވަގުތީ އަމުރެއް ނެރެފިއެވެ.
ހޮސްޕިޓަލް ކައިރިން އާއްމުން ދިރިއުޅެން ދޫކޮށްފައިވާ ގޯތިތައް އެހެން ސަރަހައްދަކަށް ބަދަލު ކުރުމަށް އައްޑޫ ސިޓީ ކައުންސިލުން ނިންމާފައިވާތީ އެ މައްްސަލަ ކޯޓަށް ހުށައެޅީ އަމިއްްލަ ފަރާތްތަކުންނެވެ.
އެ މައްސަލައިގައި މިއަދު ކުރިއަށްގެންދިޔަ ހަތް މައްސަލައެއްގައި ހިތަދޫ މެޖިސްޓްރޭޓް ކޯޓުން ވަނީ އެ މައްސަލައިގައި ޝަރީއަތުން ހުކުމް ކުރުމާއި ހަމައަށް، އިދާރީގޮތުންވެސް އަދި އެއްވެސް ގޮތަކަށް ގޯތީގެ ވެރިފަރާތްތަކަށް ގެއްލުންވާނެފަދަ ގޮތަކަށް އައްޑޫ ސިޓީ ކައުންސިލުން އަމަލުނުކުރުމަށް އެފަރާތުގެ މައްޗަށް ވަގުތީ އަމުރު ނެރެފައެވެ.
މި ގޯތިތަކާ ގުޅޭ އެހެން މައްސަލައެއްވެސް ކޯޓުގައި އޮތް އިރު އެ މައްސަލައިގައި ވަގުތީ އަމުރު ނެރުމުގެ ކުރިން ސިޓީ ކައުންސިލުން ޖަވާބުދާރީ ވުމަށް ފުރުސަތަކަށް އެދިފައިވާތީ ކޯޓުން ވަނީ ވަގުތީ އަމުރަށް ޖަވާބު ދާރީވާން ފަސް ދުވަސް އަދި މައްސަލައަށް ޖަވާބު ދާރީވާން 10 ދުވަސް ސިޓީ ކައުންސިލަށް ދިނުމަށެވެ. އެ މައްސަލައިގެ ވަގުތީ އަމުރާ މެދު ގޮތެއް ނިންމަން މި މަހުގެ 11 ވަނަ ދުވަހު ޝަރީއަތުގެ މަޖިލީހެއް ބާއްްވަންވެސް ތާވަލުކޮށްފައިވެއެވެ.
ކައުންސިލުން ވަނީ މިދިޔަ މަހުގެ 15 ވަނަ ދުވަހު އެ ސަރަހައްދުން ގޯތި ލިބިފައިވާ ބައެއް ފަރާތްތަކަށް ސިޓީ ފޮނުވައި އެ ގޯތިތަކުގައި އެއްވެސް މަސައްކަތެއް ނުކުރަން އަންގާފައެވެ. އަދި ބަދަލެއް ދޭން ޖެހޭނަމަ ކައުންސިލާއެކު އެކަމާ މެދު މަޝްވަރާ ކުރުމުގެ ފުރުސަތު އޮންނާނެ ކަމަށްވެސް ބުނެފައިވެއެވެ.
އެ ސަރަހައްދުން ބިންތައް ނެގުމަށް ކައުންސިލުން ނިންމި ނިންމުމާ ގުޅިގެން ބައެއް ފަރާތްތަކުން ހިތްހަމަނުޖެހުން ފާޅުކުރަމުންދާއިރު އެ ނިންމުމުގެ ސަބަބުން ކައުންސިލަށް ވަނީ ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެގެން ގޮސްފައެވެ.
އައްޑޫ ކައުންސިލުން ބުނިގޮތުގައި އޭއީއެޗްގެ ވަށައިގެން ހުރި ގޯތިތައް ނެގުމަށް ނިންމީ އެބިންތައް ކުއްޔަށް ދޫކޮށް ކައުންސިލަށް އާމްދަނީ ހޯދުމަށެވެ. އެގޮތުން އެ ސަރަހައްދުން 44 ގޯތި ނެގުމަށް ވަނީ ނިންމާފައެވެ. އަދި މިއީ ގާނޫނާއި އެއްގޮތްވާ ގޮތުގެ މަތީން ކުރާ ކަމެއް ކަމަށްވެސް ކައުންސިލުން ބުނެއެވެ.