ބާސެލޯނާ ދޫކޮށްލުމަކީ ކެރިއަރުގެ އެންމެ އުނދަގޫ ވަގުތު ކަމަށް އެ ކްލަބުގެ ކުރީގެ ކެޕްޓަން ލިއޮނަލް މެސީ ބުނެފިއެވެ.
މިދިޔަ ޖޫން މަހުގެ ނިޔަލަށް މެސީ ބާސެލޯނާއާ އެކު ހަދާފައިވާ އެއްބަސްވުން ވަނީ ހަމަވެފައެވެ. އެގޮތުން މިދިޔަ ޖުލައި އެއް ވަނަ ދުވަހުން ފެށިގެން މެސީ އަކީ ފްރީ އެޖެންޓެއް ކަމަށްވާއިރު ބާސާ އާއެކު މަޝްވަރާ ކުރުމަށްފަހު މެސީ ވަނީ 50 ޕަސެންޓަށް މުސާރަ ކުޑަކޮށް ފަސް އަހަރު ދުވަހަށް އެ ކްލަބުގައި މަޑުކުރަން ނިންމާފައެވެ.
ނަމަވެސް ބާސެލޯނާ އިން ދާދިފަހުން ނެރުނު ބަޔާނެއްގައި ވަނީ މެސީ ލައްވައި އާ އެއްބަސްވުމެއްގައި ސޮއިކުރުމުގެ ހުރިހާ ކަމެއް ހަމަޖެހިފައިވީ ނަމަވެސް ލަލީގާގެ މާލީ ގަވާއިދުތައް އޮތް ގޮތުން މެސީގެ ކޮންޓްރެކްޓް ކަންކަން ނިންމެން ނެތް ކަމަށް ބުނެފައެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މެސީ ބުުނީ އޭނާގެ ކެރިއަރުގައި ވަރަށް ގިނަ އުނދަގޫ ކަންތަައްތަކާއި، ގިނަ މެޗުތަކަކުން ބަލިވުމާއި ވެސް ކުރިމަތިލާފައިވާ ކަމަށާއި ނަމަވެސް ބާސާ ދޫކޮށްލަން ޖެހުމަކީ މުޅި ކެރިއަރުގެ ވެސް އެންމެ އުނދަގޫ ވަގުތު ކަމަށެވެ.
އެގޮތުން ބާސާ މަޑުކުރަން ބޭނުންވި ކަމަށާއި އަދި އެ ކްލަބުގައި މަޑުކުރުމަށް ކުރެވެން ހުރި ހުރިހާ ކަމެއް ކުރި ކަމަށްވެސް މެސީ ބުންޏެވެ. އަދި ބާސާ ދޫކޮށްލަން ޖެހުމަކީ ދެރަވާ ކަމަށާއި މިއީ އޭނާ އެންމެ ލޯބިވާ ކްލަބު ކަމަށްވެސް އާޖެންޓީނާގެ ފޯވާޑް ބުންޏެވެ.
"މިދިޔަ އަހަރު އަހަރެން ބޭނުމެއް ނުވި ކްލަބުގައި މަޑުކުރަން، އެ ވާހަކަ އޮންނާނީ ވެސް ބުނެފައި. އެކަމަކު މިއަހަރު އަހަރެން ބޭނުންވި ކްލަބުގައި މަޑުކުރަން، އެކަމަކު އެކަމެއް ނުވި" މެސީ ބުންޏެވެ.
މެސީ ބާސާ ދޫކޮށްލާފައިވާއިރު އޭނާ ދިޔުން އެންމެ ގާތީ ފްރާންސްގެ ޕީއެސްޖީ އަށް ކަމަށް ރިޕޯޓުތައް ބުނެއެވެ. އެގޮތުން އެ ޓްރާންސްފާ ފުރިހަމަ ކުރަން ކުރިއަށް އޮތް ދުވަސްތަކުގައި މެސީ ފްރާންސަށް ދާނެ ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.
ބާސާ އަށް 778 މެޗު ކުޅެދީ 672 ގޯލު ކާމިޔާބުކޮށްދީފައިވާ މެސީ އަކީ ދުނިޔޭގެ މޮޅު ކުޅުންތެރިއާގެ މަގާމު ހަ ފަހަރު ހޯދާފައިވާ ކުޅުންތެރިއެކެވެ.