Last Updated: April 25, 18:52
Thursday, April 25, 2024
ޚަބަރު އައްޑޫ

އައްޑޫގައި ބުރިޖެއް އަޅާދޭން ސިޓީ ކައުންސިލުން ރައީސަށް ހުށައަޅަނީ

އައްޑޫ ސިޓީ ކައުންސިލާ ރައީސް ވީޑިއޯ ކޮންފަރެންސްކޮށް ބޭއްވި ބައްދަލުވުމުގެތެރެއިން

އައްޑޫ ސިޓީގެ ހުޅުދޫ އާއި މީދޫ އެ ސިޓީގެ އެހެން ރަށްތަކާ ގުޅާލަދޭނެ ބުރިޖެއް އަޅަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް އައްޑޫ ސިޓީ ކައުންސިލުން ރަސްމީކޮށް ހުށައަޅުއްވާނެކަމަށް އައްޑޫގެ މޭޔަރު އަލީ ނިޒާރު ވިދާޅުވެއްޖެ އެވެ.

"އައްޑޫ ވޮއިސް" ނަމުގައި ކުރިއަށް ގެންދާ "ކްލަބު ހައުސް"ގެ ގުރޫޕެއްގައި ކުރިއަށް ގެންދިޔަ ޕެނަލް ޑިސްކަޝަނުގައި ވާހަކަ ދައްކަމުން ނިޒާރު ވިދާޅުވީ ހުޅުދޫ އާއި މީދޫ އައްޑޫގެ އެހެން ރަށްތަކާ ގުޅާލަދޭނެ ބުރިޖާ ގުޅޭ ގޮތުން ރަސްމީ ސިފައެއްގައި ކައުންސިލުން އަދި ވާހަކަ ދެއްކިފައިނުވާ ކަމަށެވެ. އެހެން ނަމަވެސް ކައުންސިލުން ސީދާ ރައީސްއާ ބައްދަލުވުމުން އެކަން ހުށައަޅާނެ ކަމަށެވެ.

އަދި ވިދާޅުވީ އައްޑޫ ސިޓީގެ އެ ބުރިޖްގެ ކޮންސެޕްޓް ތައްޔާރުކުރަން އަންނަ އަހަރުގެ ދައުލަތުގެ ބަޖެޓްގައި ހިމަނަންވެސް ހުށައަޅުއްވާނެ ކަމަށެވެ. މޭޔަރު ވަނީ ވީހާ ބޮޑަށް ބުރިޖަށް ޑިމާންޑްކުރުން އިތުރުކުރަން ވެސް އެދިވަޑައިގެންފައި އެވެ.

"އައްޑޫ ރައްޔިތުންގެ ހުޅުދޫ މީދޫ ބުރިޖަށް ނޭދިއްޖެ ނަމަ ތިން ވަނަ ބުރިޖެއްވެސް އަޅާނީ މާލޭ ސަރަހައްދުގައި، އެއީ ޔަގީންކަމެއް،" ނިޒާރު ވިދާޅުވި އެވެ.

ނިޒާރު ވިދާޅުވީ ބުރިޖްގެ ބޮޑު ހަރަދެއްދާނީ ޑިޒައިނަށާއި ސާރވޭގެ މަސައްކަތަށާއި ކޮންސަލްޓޭޝަނަށް ކަމަށެވެ. މޭޔަރު ވިދާޅުވި ގޮތުން އެ ބުރިޖަށް ދާނީ 400 މިލިއަން ޑޮލަރެވެ. އޭނާ ވަނީ ކަމުގެ މާހިރަކާ ހަވާލާދީ އަންދާޒާ ހިސާބުތަކެއް ހިއްސާ ކުރައްވާފައި އެވެ.

"ބުރިޖްގެ ކޮންސްޓްރަކްޝަނުގެ މަސައްކަތާ ހަމައަށް ގެނެވޭނެ ޔޯ 15 މިލިއަން ޑޮލަރަށް. ދެން ބަލަން ޖެހޭނީ ބުރިޖުގެ ކޯސްޓަށް. މި ބުރިޖްގެ ދިގުމިނަކީ 8.5 މޭލު ނޫން ނަމަ އެންމެ ދިގުވެގެން 9 މޭލު. ބުރިޖުގެ އެންމެ ދިގުމިނަކީ 14.5 ނޫނީ 14 ކިލޯ މީޓަރު. އެންމެ ދިގު ވިއަސް ވާނީ އެވަރު. އެއަށްވުރެ ދިގުނުވާނެ. ފުންމިނަށް ބަލާއިރު 30، 40 މީޓަރުގެ ފުންމިން މި ހުންނަނީ. އެންމެ އަގުބޮޑު ވިއަސްވާނީ 400 މިލިއަން ޑޮލަރު އެއަށްވުރެ ބޮޑު ނުވާނެ،" ނިޒާރު ވިދާޅުވި އެވެ.

އައްޑޫގައި ބުރިޖަށް މަސައްކަތްކޮށްދިނުމަކީ މޭޔަރު ނިޒާރުގެ ވައުދެކެވެ. އަދި އައްޑޫގެ ގިނަ ބަޔަކު އެކަމަށް އެދޭއިރު އެ އަޑު މިހާރު ވަނީ ގަދަވެފައި އެވެ.