Last Updated: June 26, 14:38
Friday, June 26, 2026
ޚަބަރު

ބަންދުކޮށްފައި ހުރި މަގުތައް ހުޅުވާން ސިޓީ ކައުންސިލުން އަންގައިފި

މާލެސިޓީ މޭޔަރު ޑރ. މުހައްމަދު މުއިއްޒު-- ފޮޓޯ: އަވަސް

މާލޭގައި ސްޓެލްކޯއާ އެމްޑަބްލިއުއެއްސީން ބަންދުކޮށްފައި ހުރި މަގުތައް ހުޅުވުމަށް މާލޭސިޓީ ކައުންސިލުން އެ ދެ ކުންފުންޏަށް އަންގައިފިއެވެ.

ސިޓީ ކައުންސިލުން ކުރި އިއުލާނެއްގައި ބުނެފައިވަނީ، ސްޓެލްކޯއާއި އެމްޑަބްލިއުއެސްސީން މަގުތައް ބަންދުކޮށްފައި ހުރުމުގެ ސަބަބުން އެކަމުގެ ތަކްލީފްތައް އާއްމުންނަށް ލިބެމުންދާތީ އެފަރާތްތަކުން ކައުންސިލަށް އެކަންކަން ހުށަހަޅަމުންއަންނަކަމަށެވެ.

އެހެންކަމުން މިކަންކަމަށް ރިއާޔަތްކޮށް މާލޭގެ އެކި ސަރަހައްދުތަކުން ރައްޔިތުންނަށް އުނދަގޫވާގޮތަށް ބަންދުކޮށްފައިވާ މަގުތަށް އާއްމުންނަށް ހުޅުވާލުމަށް ދެ ކުންފުންޏަށް މިހާރު އަންގާފައިވާކަމަށް ސިޓީ ކައުންސިލުން ބުނެފައިވެއެވެ.

ސިޓީ ކައުންސިލުން އެދިފައިވަނީ ސްޓެލްކޯގެ ފަރާތުން ކުޑަކުދިންގެ ބަގީޗާ ކޮއްޓާއި، ސްޓެލްކޯ އޮފީސްއިމާރާތް ހިމެނޭ ކޮއްޓާ ދޭތެރޭ އޮންނަ ކަށިމާ ހިނގުން، ސްޓެލްކޯ ޕަވަރ ހައުސް ކޮއްޓާއި ކުޑަކުދިންގެ ބަގީޗާ އާއި ދޭތެރޭ ހުޅަނގުން އިރަށް އޮންނަ ފެންމީރު ހިނގުން، އެމްޑަބްލިޔޫ އެސް ސީ ގެ ފަރާތުން އެމް.ޑަބްލިޔޫ.އެސް.ސީ ކޮއްޓާއި އާ ސަހަރާ ކޮއްޓާއި ދޭތެރޭ އޮންނަ ނިކަގަސް ހިނގުމާއި ފަޅުމަތީމަގު ބަންދުކޮށްފައިވާތީ އެ މަގުތައް ހުޅުވާލުމަށެވެ.

މިގޮތަށް މަގުތައް ހުޅުވާލުމަށް ދެ ކުންފުންޏަށް އަންގާފައިވަނީ ލާމަރުކަޒީ ގާނޫނުން ސިޓީ ކައުންސިލަށް ލިބިދޭ ބާރުގެ ދަށުންކަމަށްވެސް ބުނެފައިވެއެވެ.

މާލެ ސިޓީ ކައުންސިލުން މި ގޮތަށް އެމްޑަބްލިއުއެސްސީ އާއި ސްޓެލްކޯއަށް އަންގާފައިމިވަނީ އިންޑަސްޓްރިއަލް ވިލެޖުގައި އޮތް ސްޓެލްކޯގެ ބިން ސިޓީ ކައުންސިލުން ނެގުމުން އެކަން ސްޓެލްކޯގެ ފަރާތުން ފުލުހަށް ހުށަހެޅުމުންނެވެ. އަދި އިންޑަސްޓްރިއަލް ވިލެޖުގެ ބިމަކީ ސިޓީ ކައުންސިލްގެ ބިމެއް ނޫންކަމަށްވެސް ޕްލޭނިން މިނިސްޓްރީން ސިޓީ ކައުންސިލަށް އަންގާފައިވަނިކޮށެވެ.