Last Updated: June 26, 14:38
Friday, June 26, 2026
ޚަބަރު

ފުރަތަމަ 3 މަހަށް ހިޔާ ފްލެޓުން ކުލި ނުނަގާނެ: އެޗްޑީސީ

ހިޔާ މަޝްރޫއުގެ ފްލެޓުތައް: ފޮޓޯ / ވަން

ހިޔާ ފްލެޓްތަކުގެ ކުލި ނަގަންފަށާނީ ޑިސެމްބަރު މަހުން ފެށިގެން ކަމަށް ހައުސިން ޑިވަލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފިއެވެ.

ރާއްޖެޓީވީގެ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން އެޗްޑީސީގެ މެނޭޖިން ޑިރެކްޓާ ސުހައިލް އަހްމަދު ވިދާޅުވީ ފްލެޓްތަކުގެ އެތެރޭގެ ކަންކަން ނިންމުމަށްޓަކައި ތިން މަސްދުވަހުގެ މުއްދަތެއް ކުލި ނުހިނގާ ގޮތަށް ނިންމާފައިވާކަމަށެވެ.

މީގެ އިތުރުން ހިޔާ ފްލެޓަށް ބޭނުންވާ ކަރަންޓު ފަދަ ހިދުމަތްތައް މި މަހުގެ 17 އިން ފެށިގެން ފްލެޓުތަކަށް ދާއިމީކޮށް ހުޅުވާލެވިގެންދާނެކަމަށް ވިދާޅުވިއެވެ.

އެހެންކަމުން ކުލި ނުހިނގާނެ ފުރަތަމަ ތިން މަސް ގުނަން ފަށާނީ ސެޕްޓެމްބަރު އެކަކުން ފެށިގެން ކަމަށްވެސް ސުހައިލް ވިދާޅުވިއެވެ.

ހިޔާ ފްލެޓްތަކުގެ އެއްބަސްވުމުގައި ސޮއި ކޮށް ތަޅުދަނޑި ހަވާލުކުރުމުގެ ކަންކަން ކުރިއަށްދާއިރު ގިނަ ބައެއްގެ ކަންބޮޑުވުން އޮތީ ތަޅުދަނޑި ލިބުމަށްފަހުވެސް ވަގުތުން ފްލެޓަށް ނުވަދޭވޭ މައްސަލައެވެ. އަދި ފްލެޓްގެ ކުލި ބޮޑުކަމަށްބުނެވެސް ބައެއް ފަރާތްތަކުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. ހިޔާ ފްލެޓަށް ކުއްޔާއި މެއިންޓެނެންސް ފީ އާއެކު ޖުމުލަ 8500 ރުފިޔާ ދައްކަން ޖެހެއެވެ.