ކ. ފުނަދޫގެ ތެޔޮ ސްޓޯރޭޖް ތިލަފުއްޓަށް ބަދަލުކުރުމަށް ޕްލޭން ހަދަމުން އަންނަކަމަށް ހައުސިން ޑިވަލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފިއެވެ.
ރާއްޖެޓީވީގެ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން އެޗްޑީސީގެ މެނޭޖިން ޑިރެކްޓާ ސުހައިލް އަހްމަދު ވިދާޅުވީ އެބޭފުޅުންގެ ޓާގެޓަކީ ރޭޓާ މާލެ ސަރަހައްދުގެ އިސްޑަސްޓްރިއަލް ހަބުގެ ގޮތުގައި ތިލަފުށި ހެދުންކަމަށެވެ. ކުރިންވެސް އެ މަސައްކަތްކުރެވުނު ކަމަށާއި، އެހެންނަމަވެސް މިހާރު މަސައްކަތް ކުރަމުން އަންނަނީ އެއަށްވުރެއް އޮގަނައިޒްކޮށް އެކަން ކުރުމަށްކަމަށެވެ.
އެގޮތުން ތިލަފުށީގައި އަލަށް 130 ހެކްޓަރު ބިން ހިއްކަން ނިންމާފައިވާކަން ފާހަގަކުރެއްވިއެވެ.
ރާއްޖޭގެ ތެޔޮ ސްޓޯ ކުރުމަށް ހާއްސަކޮށްފައިވާ ފުނަދޫ އާ ގުޅޭގޮތުން ސުހައިލް ވިދާޅުވީ ފުނަދޫ އޮއިލް ސްޓޯރޭޖް ތިލަފުއްޓަށް ބަދަލުކުރާގޮތަށް ތިލަފުށީގެ މާސްޓާޕްލޭން ހަދަމުން އަންނަކަމަށެވެ.
ފުނަދުއަކީ އެސްޓީއޯއިން ރާއްޖެ ގެންނަ ތެޔޮ ރައްކާ ކުރާ އެންމެ ބޮޑު ރަށަށް ވާއިރު އެއީ ތެޔޮ ރައްކާކުރުމަށް އެންމެ ރަނގަޅުތަން ނޫންކަމަށް ގިނަ ފަރާތްތަކުން ފާހަގަކުރެއެވެ.