އައްޑޫސިޓީގައި ބްރިޖް އެޅުމަށް ހުށަހަޅުއްވަންވީ ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ކަމަށް މިސަރުކާރުގެ ކުރީގެ ކޮމިއުނިކޭޝަން މިނިސްޓަރު މުހައްމަދު މަލީހް ޖަމާލް ވިދާޅުވެއްޖެއެވެ.
އައްޑޫސިޓީގައި ބްރިޖެއް އަޅައިދިނުމަށް އައްޑޫސިޓީ ކައުންސިލުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ހުށަހެޅުމަށް ނިންމި ހަބަރު ހިއްސާ ކުރައްވާ ކުރެއްވި ޓްވީޓްގައި މަލީހް ވިދާޅުވެފައިވަނީ، އައްޑޫގައި ބްރިޖް އެޅުމަށް ރައީސް ސޯލިހަށް ހުށަހެޅުންވާނީ ކަނޑުގައި ދަމާލެވޭ ރޮގަކަށް ކަމަށެވެ.
މަލީހް ވިދާޅުވެފައިވަނީ ބްރިޖް އެޅުމުގެ ތަޖުރިބާ އެމްޑީޕީގައި ނުހުންނާނެ ކަމަށާއި، އެކަމުގެ ތަޖުރިބާ ހުންނާނީ ޕީޕީއެމްގައި ކަމަށެވެ. އަދި ބްރިޖް އެޅުމުގެ ކަންކަން އައްޑޫސިޓީ މޭޔަރު އަލީ ނިޒާރު ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ހުށަހެޅުމަށްވެސް މަލީހް ޓްވީޓްގައި ވިދާޅުވެފައިވެއެވެ.
ރައީސް އިބޫއަށް ހުށަހެޅުން ވާނީ ކަނޑުގައި ދަމާލެވޭ ރޮގަކަށް. އެމްޑީޕީއަށް ބްރިޖް އަޅަން ނޭގޭނެ. ތިކަމުގެ ތަޖުރިބާ ހުރީ ޕީޕީއެމްގައި. މޭޔަރ ނިޒާރު ތިކަން ރައީސް ޔާމީނަށް ހުށަހަޅުއްވާ ދެއްވާ. pic.twitter.com/MPgtVzOB96
— Mohamed Maleeh Jamal (@maleehjamal) August 9, 2021
"އައްޑޫ ވޮއިސް" ނަމުގައި ކުރިއަށް ގެންދާ "ކްލަބު ހައުސް"ގެ ގުރޫޕެއްގައި ކުރިއަށް ގެންދިޔަ ޕެނަލް ޑިސްކަޝަނުގައި ވާހަކަ ދައްކަމުން ނިޒާރު ވިދާޅުވީ ހުޅުދޫ އާއި މީދޫ އައްޑޫގެ އެހެން ރަށްތަކާ ގުޅާލަދޭނެ ބުރިޖާ ގުޅޭ ގޮތުން ރަސްމީ ސިފައެއްގައި ކައުންސިލުން އަދި ވާހަކަ ދެއްކިފައިނުވާ ކަމަށެވެ. އެހެން ނަމަވެސް ކައުންސިލުން ސީދާ ރައީސްއާ ބައްދަލުވުމުން އެކަން ހުށައަޅާނެ ކަމަށެވެ.