Last Updated: June 26, 14:38
Friday, June 26, 2026
ޚަބަރު

ރާއްޖެ ނެތިދާނެ ކަމުގެ ބިރު ބޮޑުވެއްޖެ: ރައީސް ނަޝީދު

މުސުމީ ބަދަލުތަކާ ގުޅިގެން ރާއްޖެ ނެތިދާނެކަމުގެ ބޮރު ބޮޑުވެފައިވާކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައިސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މިފަދައިން ވިދާޅުވެފައިވަނީ ދުނިޔޭގެ މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ރިޕޯޓެއް ހިއްސާ ކުރައްވާ ކުރެއްވި ޓްވީޓުގައެވެ.

އެގޮތުން ރައީސް ނަޝީދު ވިދާޅުވީ އެ ރިޕޯޓަކީ ރާއްޖެ ފަދަ ކުދިޖަޒީރާ ގައުމުތަކަށް ލިބުނު ހިތްދަތި ހަބަރެއް ކަމަށެވެ. އަދި ރާއްޖެ ނެތި ހިނގައިދާނެ ކަމުގެ ބިރު މިހާރު ބޮޑުވެފައިވާކަން މި ރިޕޯޓުން އިނގޭކަމަށް ވިދާޅުވެފައިވެއެވެ.

ރައީސް ނަޝީދު ހިއްސާކުރެއްވި ލިޔުމަކީ ބީބީސީން، ޔުނައިޓެޑް ނޭޝަންސް (ޔޫއެން) އިން މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ 14،000 އަށްވުރެ ގިނަ ސައިންޓެފިކް ކަރުދާސް ދިރާސާކޮށް ތައްޔާރުކޮށްފައިވާ ރިޕޯޓެއްގެ މައްޗަށް ތައްޔާރުކޮށްފައި އޮތް ލިޔުމެކެވެ. ބީބީސީގެ ރިޕޯޓްގައި ބުނެފައިވަނީ އ.ދ އިން މޫސުމީ ބަދަލުތަކާ ގުޅިގެން އޮތް ނުރައްކާ ހާމަކޮށް ރިޕޯޓެއް ނެރުމަށް ތައްޔާރުވަމުން އަންނަކަމަށެވެ.

ބީބީސީން މި ކަރުދާސްތަކާ ހަވާލާދީ ރިޕޯޓް ކޮށްފައިވާ ގޮތުގައި މި ކުރިޔަށް އޮތް 100 އަހަރު ނުވަތަ 1000 އަހަރަށް ކަނޑުގެ ލޮނުގަނޑު އުސްވަމުން ދާނެކަމަށްވެސް ދިރާސާ ކަރުދާސްތަކުގައި ވަނީ ބުނެފައެވެ.