Last Updated: June 26, 14:38
Friday, June 26, 2026
ޚަބަރު

އެމެރިކާއިން ރާއްޖެއަށް ފައިޒާ ވެކްސިން ހަދިޔާކޮށްފި

އެމެރިކާ ސަރުކާރުން ދިވެހިރާއްޖެއަށް ފައިޒާ ވެކްސިން ހަދިޔާކޮށްފި އެވެ.

ކޮވެކްސް ފެސިލިޓީ މެދުވެރިކޮށް، އެމެރިކާއިން ދިވެހިރާއްޖެއަށް ހަދިޔާކޮށްފައިވަނީ 128،700 (އެއްލައްކަ އަށާވީސް ހާސް ހަތް ސަތޭކަ) ޑޯޒްގެ ފައިޒާ ވެކްސިނެވެ.

ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓްގައި މިއަދު މެންދުރު އޮތް ރަސްމިއްޔާތުގައި، ދިވެހި ސަރުކާރުގެ ފަރާތުން ވެކްސިންއާ ހަވާލުވެވަޑައިގަތީ ހެލްތް މިނިސްޓަރު އަހުމަދު ނަސީމް އެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ނަސީމް ވަނީ، މުޅި ދުނިޔޭގެ އާބާދީއަށް ވެކްސިން ފޯރުކޮށްދިނުމަށް އެމެރިކާއިން އިސްނަގައިގެން ކުރަމުންދާ މަސައްކަތް ފާހަގަކުރައްވާ އެމެރިކާއިން ވެކްސިން އެންމެ ފުރަތަމަ ފޮނުވާ ޤައުމުތަކުގެ ތެރޭގައި ދިވެހިރާއްޖެ ހިމެނުއްވީތީ އެމެރިކާ ސަރުކާރަށް ޝުކުރު އަދާކުރައްވާފައެވެ.

އަދި ފައިޒާ ވެކްސިން ލިބުމުން، އުމުރުން 12 އަހަރާއި 18 އަހަރާ ދެމެދުގެ ކުޑަކުދިންނަށް ވެކްސިން ދޭން ފެށޭނެކަން މިނިސްޓަރު ނަސީމް ފާހަގަކުރެއްވިއެވެ.

ކޮވިޑް-19 އާ ގުޅިގެން އެމެރިކާ ސަރުކާރުން މިހާތަނަށް ދިވެހިރާއްޖެއަށް 5.4 މިލިއަން އެމެރިކާ ޑޮލަރުގެ އެހީތެރިކަން ފޯރުކޮށްދީފައިވެއެވެ. އެގޮތުން 2 މިލިއަން އެމެރިކާ ޑޮލަރުގެ ހިލޭ އެހީއާއި، އެކި ފަހަރު މަތިން ގިނަ އަދަދެއްގެ ޕީ.ޕީ.އީ އާއި ޕީ.ސީ.އާރް މެޝިނާއި، ވެންޓިލޭޓަރުގެ އިތުރުން ބޭނުންވާ އެހެނިހެން މެޑިކަލް ސާމާނު ފޯރުކޮށްދީފައިވެއެވެ. އަދި އައި.އޭ.އީ.އޭ އާއި ޔުނިސެފް ފަދަ މަލްޓިލޭޓަރަލް އެޖެންސީތައް މެދުވެރިކޮށްވެސް އެހީ ފޯރުކޮށްދީފައިވެއެވެ.