ކުރީސަރުކާރުން ހިންގާފައިވާ ކޮރަޕްޝަންގެ އަމަލުތައް އަދި ހާއްސަކޮށް އެމްއެމްޕީއާރްސީގެ ބޮޑު ހިޔާނާތުގެ މައްސަލަ ބެލުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އުފެއްދެވި އެސެޓް ރިކަވަރީ ކޮމިޝަން ފެއިލް ވެފައިވާކަމަށާއި، އެހެންނަމަވެސް އެއީ ސަރުކާރު ފެއިލްވުން ނޫންކަމަށް އެމްޑީޕީ ޕާލިމެންޓަރީ ގުރޫޕުގެ ލީޑަރު އަދި އެމްއެމްޕީއާރްސީ ހިޔާނާތުގެ ފައިސާ ލިބުނު މީހުންގެ ލިސްޓުގައި ހިމެނޭ އަލީ އާޒިމް ވިދާޅުވެއްޖެއެވެ.
ރޭ ކްލަބްހައުސްގައި ކުރިއަށްދިޔަ ފޯރަމެއްގައި ވާހަކަދައްކަމުން އަލީ އާޒިމް ވިދާޅުވީ ހިޔާނާތުގެ ފައިސާ ލިބުނު މީހުންގެ ލިސްޓުގައި އޭނާގެ ނަން އޮތުމުން މި މައްސަލަ އަވަހަށް ނިންމުމަށް އޭނާގެ ޕާސަނަލް އިންޓްރެސްޓެއް އޮންނާނެކަމަށެވެ.
އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލަ ނުނިމި ލަސްވުމަކީ ސަރުކާރު ފެއިލްވުން ނޫންކަމަށާއި އެހެންނަމަވެސް އެއީ އެސެޓް ރިކަވަރީ ކޮމިޝަންގެ ފެއިލިއާއެއް ކަމަށް އާޒިމް ވިދާޅުވިއެވެ.
"އަޅުގަނޑު ދެކޭގޮތުގައި ސަރުކާރުގެ ފެއިލިއާ އެއް ނޫން. މި ފެއިލްވީ އެސެޓް ރިކަވަރީ ކޮމިޝަން. އެ ކޮމިޝަނާ ހަވާލުކުރި މަސައްކަތެއް ނުކުރެވިގެން މިއުޅެނީ." އާޒިމް ވިދާޅުވިއެވެ.
އާޒިމް ވިދާޅުވީ އެސެޓް ރިކަވަރީ ކޮމިޝަނުން މަސައްކަތް ނުކުރާ ކަމަށާއި، އެހެންނަމަވެސް އެއީ ސަރުކާރު ފެއިލްވުން ނޫންކަމަށެވެ.
ސަރުކާރުން އަބަދުވެސް މަސައްކަތް ހަވާލުކުރާނީ ކޮންމެވެސް ބަޔަކާ ކަމަށާއި، އެހެންނަމަވެސް އެމީހުން މަސައްކަތްނުކުރާނަމަ ސަރުކާރަށް ޖެހޭނީ އެހެންގޮތެއް ހޯދަންކަމަށެވެ. އަދި މިހާދުވަސްވީއިރު ދައުލަތުން ގެއްލުނު ފައިސާއާއި މިކަމުގެ ތަހުގީގު ނުނިމި އޮތުމާއި ޝަރީއަތަށް މައްސަލަތައް ނުފޮނުވި އޮތުމަކީ ކޮމިޝަނަށް އެމީހުންގެ މަސައްކަތް ނުކުރެވުންކަމަށް ވިދާޅުވިއެވެ.
"އެސެޓް ރިކަވަރީ ކޮމިޝަނަށް އެކުރެވެނީ ކާމިޔާބު މަސައްކަތެއް ނޫން."