Last Updated: June 26, 14:38
Friday, June 26, 2026
ޚަބަރު

ޓީޗަރުންގެ މުސާރަ ބޮޑުކުރުން އަންނަ އަހަރު

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް-- ފޮޓޯ: ރައީސް އޮފީސް

އަންނަ އަހަރުގެ ބަޖެޓުގައި ހިމަނައިގެން ޓީޗަރުންގެ މުސާރަ ބޮޑުކުރުމަށް ނިންމާފައިވާކަން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ހާމަކުރައްވައިފިއެވެ.

ދިރާސީ އާ އަހަރުގެ ފެށުން ފާހަގަކުރުމަށް ރެހެންދި ސްކޫލްގަ ބޭއްވި ހާއްސަ އެސެމްބްލީގައި ބައިވެރިވެވަޑައިގެން ވާހަކަ ދައްކަވަމުން ރައީސް ސޯލިހް ވަނީ ކޮވިޑްގެ ހާލަތާއެކު އުނގަންނައިދިނުމަށް މުޅި ދާއިރާއިން ކުރި ބުރަ މަސައްކަތް ފާހަގަކުރައްވާ އެކަމަށް ޝުކުރު އަދާކުރައްވާފައެވެ.

ރައީސް ސޯލިހް ވިދާޅުވީ ކޮވިޑްގެ ހާލަތުގައި ލިބުނު އެންމެ ބޮޑު ތަޖުރިބާއަކީ ކޮންމެ ޙާލަތެއްގައި ކޮންމެ ތަނެއްގައިވެސް ކިޔެވޭނެކަން ކަމަށެވެ. އަދި ކުރިމަތިވާ އުނދަގޫތައް ގިރާކޮށް، ޤައުމަށް ފައިދާހުރި ކުއްޖަކަށްވުމަށް ކޮންމެ ހާލަތެއްގައިވެސް ދަރިވަރުން މަސައްކަތްކުރަންޖެހޭ ކަމަށް ރައީސް ސޯލިހް ވިދާޅުވިއެވެ.

ކޮވިޑްގެ ހާލަތުގައި ޓީޗަރުން ކުރި ބުރަ މަސައްކަތް ފާހަގަކުރައްވާ ރައީސް ސޯލިހް ވިދާޅުވީ ޓީޗަރުންގެ މަސައްކަތަކީ ވަޒަން ނުކުރެވޭފަދަ ބުރަ މަސައްކަތެއް ކަމަށެވެ.

"އަންނަ އަހަރުގެ ބަޖެޓުގަ ހިމަނައިގެން ޓީޗަރުންގެ މުސާރައާ އިނާޔަތް ބޮޑުކުރުމުގެ މަސައްކަތް މި އަންނަނީ ކުރަމުން." ރައީސް ސޯލިހް ވިދާޅުވިއެވެ.

އަދި ކިޔަވައިދިނުމުގެ ދަތިކަން ހުރި ރަށްރަށަށް ގޮސް ކިޔަވައިދޭން ބޭނުންވާ ޓީޗަރުންނަށްވެސް އިނާޔަތްތަކެއް ހަމަޖައްސާނެކަމަށްވެސް ރައީސް ސޯލިހް ވިދާޅުވިއެވެ.

މީގެއިތުރުން ރައީސް ސޯލިހް ވިދާޅުވީ ކޮވިޑް-19 ގެ ނުރައްކާތެރި ވަބާ އަދިވެސް އައިސްދާނެ ކަމަށް ސަމާލުވާންޖެހޭ ކަމަށާއި، މިގޮތުގަ ހާލަތު ދެމެހެއްޓުމަށް ޓީޗަރުންނާއި ބެލެނިވެރިންވެސް ގަދައަޅާ މަސައްކަތް ކުރަންޖެހޭ ކަމަށެވެ.