ސީރިއާގައި ކުރިއަށްދާ ދާޚިލީ ހަނގުރާމައިގައި އުޅުނު ދިވެއްސަކު މަރާލައިފިއެވެ.
ސީރިއާ ހަނގުރާމާގައި އުޅޭ މީހުންގެ މައުލޫމާތު ހިއްސާކުރާ ސޯޝަލްމީޑިއާ ޕްލެޓްފޯމެއްގައި މަރުވި މީހާގެ ފޮޓޮއާއެކު ބުނެފައިވަނީ އޭނާ މަރާލާފައިވަނީ ސީރިއާގެ ދެކުނު އިދުލީބްގެ ފްރޮންޓްލައިނެއްގައި ހަރަކާތްތެރިވަނިކޮށްކަމަށެވެ.
މަރާލާފައިވާ މީހާގެ ނަމެއްގެ ގޮތުގައި މި ގްރޫޕުން ބުނެފައިވަނީ އަބޫ އަބްދުއް ރަހްމާން (އަބޫ ހަޖަރް)އެވެ. މިމީހާގެ މަރާ ގުޅޭގޮތުން އިތުރު ތަފްސީލެއް މި ގްރޫޕުން ހާމަކޮށްފައެއްނުވެއެވެ. އަދި ރާއްޖޭގެ ކަމާބެހޭ އިދާރާތަކުންވެސް މީނާގެ މަރާ ގުޅޭގޮތުން އެއްޗެއް ހާމަކޮށްފައެއްނުވެއެވެ.
ސީރިއާގައި ކުރިއަށްދާ ހަނގުރާމައިގައި ބައިވެރިވުމަށް ދިވެހިންގެ ތެރެއިން މީހުންދާއިރު އެތައް ބަޔަކު އެ ހަނގުރާމައިގައިވެސް މަރުވެފައިވެއެވެ.