ހުޅުމާލޭގައި ޓެކްސީ ޑްރައިވަރެއްގެ ފުރާނައަށް ނުރައްކާވާފަދަ އަމަލެއް ހިންގި ބިދޭސީއަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނެފައިވަނީ އެފަދަ އަމަލެއް ހިންގި ކަމުގެ ރިޕޯޓު ރޭ 00:33 އެހާކަށްހާއިރު ފުލުހަށް ލިބިފައިވާކަމަށެވެ.
އަދި އެ މައްސަލައާ ގުޅިގެން 35 އަހަރުގެ އިންޑިއާ ފިރިހެނަކު ހައްޔަރު ކޮށްފައިވާކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.
އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނައިއިރު ހުރީ މަސްތުގެ ހާލަތުގައި ކަމަށާއި، އެ މައްސަލަ އިތުރަށް ބަލަމުން އަންނަކަމަށް ފުލުހުން ބުނެފައިވެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ހައްޔަރު ކުރި އިންޑިއާ މީހާއަކީ އިންޑިއާގެ ފަތުރުވެރިއެކެވެ. އަދި އޭނާ ލައިގެންހުރި ޓީޝާޓުން ޑްރައިވަރުގެ ކަރުގައި އޮޅާލައި މަރާލަން މަސައްކަތްކޮށްފައިވާކަމަށް މައުލޫމާތުލިބެއެވެ.