Last Updated: June 26, 14:38
Friday, June 26, 2026
ޚަބަރު

ފުލުހުންގެ އިސް އޮފިސަރުންތަކެއް ވަކިކުރާތީ އިދިކޮޅުން ކަންބޮޑުވުން ފާޅުކޮށްފި

އިދިކޮޅު އެއްވުމުގެ ތެރެއިން - ފޮޓޯ: ޕީޕީއެމް

ފުލުހުންގެ އިސް އޮފިސަރުންތަކެއް ވަކިކުރުމަށް ފުލުހުންގެ ބޯޑުން ނިންމާފައި އޮތުމުން އެކަމާ މެދު އިދިކޮޅު ޕީޕީއެމް ޕީއެންސީ ކޯލިޝަނުން ކަނބޮޑުވުން ފާޅުކޮށްފިއެވެ.

މިކަމާ ގުޅިގެން އިދިކޮޅު ޕީޕިއެމް ޕީއެންސީ ކޯލިޝަނުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ފުލުހުންގެ އިދާރާ އިސްލާހުކުރުމަށް ކަމަށް ބުނެ ސަރުކާރާއި އެމްޑީޕީ ގެ ސިޔާސީ ނުފޫޒާއެކު އެ މުއައްސަސާގެ ޕްރޮފެޝަނަލް އަދި އިސް މަޤާމުތަކެއްގައި ތިއްބެވި އޮފިސަރުންތަކެއް ވަކި ކުރުމަށް ނިންމި ނިންމުމަކީ އިދިކޮޅުން ވަރަށް ކަންބޮޑުވާކަމެއްކަމަށެވެ. އަދި މިކަމަކީ ފުލުހުންނާއި ސިފައިންނަށް ސިޔާސީ ނުފޫޒު ފޯރުވުމަށް ކުރަމުން އަންނަކަމެއްކަމަށްވެސް ބުނެފައިވެއެވެ.

އިދިކޮޅުގެ ބަޔާނުގައި ބުނެފައިވަނީ ފުލުހުންގެ އާޤާނޫނުގެ ދަށުން އުފައްދާފައިވާ ފުލުހުންގެ ބޯޑަކީ އެމްޑީޕީ އިން ބޭނުންވާ ގޮތަށް ކަން ކުރާނެ ބަޔަކު ހިމަނައިގެން އެކުލަވާފައިވާ ބޯޑެއްކަމަށެވެ.

"އަދި އެއީ 2008 ވަނަ އަހަރު އުފެދުނު އެމްޑީޕީގެ ސަރުކާރުން ވެސް ފުލުހުންގެ މުއައްސަސާގެ އަގު ވައްޓާލާ އެމުއައްސަސާ ސިޔާސީ ކުރަން ކުރި މަސައްކަތް ކާމިޔާބު ނުވެ، ރައްޔިތުންނަށް ލިބިދޭ ޚިޔާލުފާޅު ކުރުމުގެ މިނިވަންކަމަށް ހުރަސް އަޅާ، ރައްޔިތުންނަށް އަނިޔާކޮށް ބިރުވެރިކަން ފެތުރުމަށް މަސައްކަތްކޮށް، ވެރިކަން ކުރާން ނޭނގި އޭރުގެ ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު ނަޝީދު އަމިއްލަފުޅަށް އިސްތިޢުފާ ދެއްވައި، އެކަން ފުލުހުންނާއި ސިފައިނންނާއި މަތިކޮށް ބަދަލު ހިފުމަށް ކުރަމުން ގެންދާ މަސައްކަތެއްގެ ގޮތުގައި މިކޯލިޝަން ދެކެމެވެ." އިދިކޮޅު ޕީޕީއެމް ޕީއެންސީ ކޯލިޝަންގެ ބަޔާނުގައިވެއެވެ.

މީގެ އިތުރުން އެ ބަޔާނުގައި ވަނި ފުލުހުންގެ އިދާރާ އަދި ސިފައިން ސިޔާސީ ކުރުމަށް ސަރުކާރުން މަސައްކަތްކުރާ ކަމަށާއި، އެކަން ހުއްޓާލުމަށް ގޮވާލާކަމަށް ބުނެފައެވެ.