ފުލުހުންގެ އިސް ބައެއް އޮފިސަރުން މަގާމުން ވަކިކުރުމަށް ފުލުހުންގެ ބޯޑުން ނިންމި ނިމުން ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ދިރާސާ ކުރައްވަން ފައްޓަވައިފިއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ފުލުހުންގެ ބޯޑުން ވަކިކުރުމަށް ނިންމާފައިވާ ހަތް އޮފިސަރުންނަކީ އެސިސްޓެންޓް ކޮމިޝަނާ ފަރުހާދު ފިކުރީ، އެސިސްޓެންޓް ޕޮލިސް ކޮމިޝަނަރު މުހައްމަދު ޖަމްޝީދު، އެސިސްޓެންޓް ކޮމިޝަނާ އަހްމަދު މުހައްމަދު (ޓޫފޯ)، ޗީފް ސުޕްރިންޓެންޑެންޓް އަހްމަދު ޝުހާދު، ޗީފް ސުޕްރިންޓެންޑެންޓް އަބްދުﷲ ޝަރީފް، ސުޕްރިންޓެންޑެންޓް މުހައްމަދު ދާއޫދު އަދި ސުޕްރިންޓެންޑެންޓް އިސްމާއިލް ޝަމީމްއެވެ.
މި ފަރާތްތައް ވަކިކުރުމަސް ޕޮލިސް ބޯޑުން ނިންމާފައިވައިރު އެކަމާ ގުޅޭގޮތުން އޮންލައިން ނޫސް "އަދަދު"އަށް ދެއްވި އިންޓަވިއުއެއްގައި ޕޮލިސް ކޮމިޝަނަރު ހަމީދު ވިދާޅުވީ، ޕޮލިސް ބޯޑުގެ ނިންމުމުގައިވާ ކަންކަން ތަފްސީލްކޮށް ބަލައި، ދިރާސާ ކުރައްވަން މިހާރު ފައްޓަވާފައިވާ ކަމަށެވެ.
ޕޮލިސް ބޯޑުގައި ހިމެނިވަޑައިގަންނަވާ ބޭފުޅުން:
1. އަޙްމަދު ފަޔާޟް ޙަސަން، މ.ހަޒާރީވިލާ
2. ޢާއިޝަތު ނޫރާ މުޙައްމަދު، ހ.ނޫމުތީ
3. ޢަލީ ފާއިޒު، މއ.މަނާގެ
4. އަޙްމަދު ނާޝިދު، މއ.ގޯލްޑަންމޫން
5. އާދަމް އިބްރާހީމް، ގ.ޑިމްލައިޓް
6. ޙާމިދު ޢަބްދުލްޣަފޫރު، ހ.ޝޭޑީކޯނަރ
7. އަލްއުސްތާޛާ ޞަފާ ޝަރީފް، ދެތަޑިމާގެ / ސ.ހުޅުދޫ
ޕޮލިސް ބޯޑުގެ މަސްއޫލިއްޔަތަކީ ކޮމިޝަނަރާއި ޑެޕިއުޓީ ކޮމިޝަނަރު އައްޔަން ކުރުމުގައި އެ މަގާމަށް އެކަށޭނެ ފަރާތެއް ވަޒަން ކުރުމަށް ކުރަން ޖެހޭ ކަންތައްތައް ކުރުމާއި ލަފާދޭން ޖެހޭ ކަންކަމުގައި ވަޒީރަށާއި ގާނޫނުގައި ލަފާ ދިނުމަށް ކަނޑައަޅާފައިވާ ފަރާތްތަކަށް ލަފާ ދިނުމެވެ.
ގާނޫނުގައި ބުނެފައިވާ ގޮތުން ޕޮލިސް ބޯޑަށް މެމްބަރުން އައްޔަނުކުރާ ދުވަހުން ފެށިގެން 4 މަސް ދުވަހުގެ ތެރޭގައި ދިވެހި ފުލުހުންގެ ޚިދުމަތުގައި ތިބި އޮފިސަރުންގެ ތެރެއިން ކޮމިޝަނަރ އޮފް ޕޮލިސް ފިޔަވައި ސްޕްރިންޑެންޓުން ޕޮލިސް އިން ފެށިގެން މަތީ ރޭންކުގެ ކޮމިޝަން އޮފިސަރުންގެ ތެރެއިން އެކިއެކި ތުހުމަތުކުރެވޭ ފުލުހުންނާ މެދު ގޮތެއް ކަނޑައަޅަންވާނެއެވެ.