ފުލުހުންގެ އިސް ހަތް އޮފިސަރަކު މަގާމުން ވަކިކުރުމަށް ފުލުހުންގެ ބޯޑުން ނިންމުމުން އެކަން ކޮށްފައިވަނި ޤާނޫނާ އެއްގޮތަށްތޯ ބެލުމަށް ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީއަށް ހުށަހަޅުއްވާނެކަމަށް ކުރީގެ ޑިފެންސް މިނިސްޓަރު އަދި ދަނގެތީ ދާއިރާގެ މެމްބަރު ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.
ނާޒިމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ފުލުހުންގެ އިސް އޮފިސަރުންތަކެއް މަގާމުން ވަކިކުރަން ފުލުހުންގެ ބޯޑުން ނިންމި ނިންމުމަކީ ގާނޫނާ އެއްގޮތަށް، ސައްހަގޮތުގައި ކުރިކަމެއްތޯ ކަށަވަރުކުރުމަށްޓަކައި މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީ އަށް ހުށަހަޅަން ނިންމާފައިވާކަމަށެވެ.
ފުލުހުންގެ އިސް އޮފިސަރުންތަކެއް މަގާމުން ވަކިކުރަން ފުލުހުންގެ ބޯޑުން ނިންމި ނިންމުމަކީ ގާނޫނާ އެއްގޮތަށް، ސައްހަގޮތުގައި ކުރިކަމެއްތޯ ކަށަވަރުކުރުމަށްޓަކައި މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީ އަށް ހުށަހަޅަން ނިންމައިފިން. @PoliceMv @M_Hameedh @MohamedNasheed
— Col(rtd)Mohamed Nazim MP (@nazim7878) August 10, 2021
އިސް ހަތް އޮފިސަރަކު ވަކިކުރުމަށް ޕޮލިސް ބޯޑުން ނިންމާފައިވާއިރު އެކަން ދިރާސާ ކުރައްވަމުން އަންނަކަން ސީޕީ ހަމީދު ވަނީ ހާމަކުރައްވާފައެވެ.
މަގާމުން ވަކިކުރުމަށް ޕޮލިސް ބޯޑުން ނިންމާފައިވާ އޮފިސަރުންނަކީ އެސިސްޓެންޓް ކޮމިޝަނާ ފަރުހާދު ފިކުރީ، އެސިސްޓެންޓް ޕޮލިސް ކޮމިޝަނަރު މުހައްމަދު ޖަމްޝީދު، އެސިސްޓެންޓް ކޮމިޝަނާ އަހްމަދު މުހައްމަދު (ޓޫފޯ)، ޗީފް ސުޕްރިންޓެންޑެންޓް އަހްމަދު ޝުހާދު، ޗީފް ސުޕްރިންޓެންޑެންޓް އަބްދުﷲ ޝަރީފް، ސުޕްރިންޓެންޑެންޓް މުހައްމަދު ދާއޫދު އަދި ސުޕްރިންޓެންޑެންޓް އިސްމާއިލް ޝަމީމްއެވެ.
ގާނޫނުގައި ބުނެފައިވާ ގޮތުން ޕޮލިސް ބޯޑަށް މެމްބަރުން އައްޔަނުކުރާ ދުވަހުން ފެށިގެން 4 މަސް ދުވަހުގެ ތެރޭގައި ދިވެހި ފުލުހުންގެ ޚިދުމަތުގައި ތިބި އޮފިސަރުންގެ ތެރެއިން ކޮމިޝަނަރ އޮފް ޕޮލިސް ފިޔަވައި ސްޕްރިންޑެންޓުން ޕޮލިސް އިން ފެށިގެން މަތީ ރޭންކުގެ ކޮމިޝަން އޮފިސަރުންގެ ތެރެއިން އެކިއެކި ތުހުމަތުކުރެވޭ ފުލުހުންނާ މެދު ގޮތެއް ކަނޑައަޅަންވާނެއެވެ.