މާލެސިޓީ މޭޔަރުކަމަށް އެމްޑީޕީގެ ޓިކެޓުގައި ވާދަކޮށް ނާކާމިޔާބުވި އަނަސް އަބްދުއްސައްތާރަށް ފިނޭންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަން ދެއްވައިފިއެވެ.
ރައީސް އޮފީހުން ބުނެފައިވަނީ މިއަދު މެންދުރު ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތުގައި އަނަސްއަސް ސްޓޭޓް މިނިސްޓަރުގެ ލިޔުން އަރުވާފައިވާކަމަށެވެ.
އެމްޑީޕީގެ ސެކްރަޓަރީ ޖެނެރަލްގެ މަގާމުވެސް ފުރުއްވި އަނަސް އެންމެފަހުން ހުުންނެވީ ވަކާލާތު ޗޭންބާރސްގެ މެނޭޖިންގް ޕާރޓްނަރގެ މަޤާމުގައެވެ. އަދި 2019 ވަނަ އަހަރުން ފެށިގެން 2021 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް ދިވެހިރާއްޖޭގެ ބާ ކައުންސިލްގެ އެގްޒެކެޓިވް ކޮމިޓީ މެމްބަރެއްގެ މަޤާމު ވެސް ފުރުއްވާފައިވެއެވެ.
މާލެސިޓީ މޭޔަރުކަމަށް ވާދަކޮށް އަނަސްއަށް ނާކާމިޔާބީއާ ކުރިމަތިލާންޖެހުނު އިރު މޭޔަރުކަން ކާމިޔާބު ކުރައްވާފައިވަނީ ޕީޕީއެމްގެ ޓިކެޓުގައި މަގާމަށް ވާދަކުރެއްވި ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒުއެވެ. އިންތިހާބުގައި ވޯޓުލީ މީހުންގެ ތެރެއިން އަނަސްއަށް ލިބިފައިވަނީ 36.85 އިންސައްތަ ވޯޓެވެ.