ށ.ގޮއިދޫގެ ފެނާއި ނަރުދަމާ ނިޒާމް ޤާއިމްކުރުމުގެ އަމަލީ މަސައްކަތްތައް ބާރަށް ކުރިއަށްދަމުން އަންނަކަމަށް އެމްޑަބްލިއުއެސްސީ އިން ބުނެފިއެވެ.
އެމްޑަބްލިއުއެސްސީން ބުނެފައިވަނީ ގޮއިދޫ ފެނާ ނަރުދަމާ ނިޒާމު ޤާއިމުކުރުމުގެ މަސައްކަތުގައި މިހާރު ކުރިޔަށްދަނީ ފެން ޕްލާންޓް ބެހެއްޓުމަށް އިމާރާތްކުރާ ފެސިލިޓީ ބިލްޑިންގ އިމާރާތްކުރުމުގެ މަސައްކަތްކަމަށެވެ. އަދި ފެނާއި ނަރުދަމާ ނިޒާމް ޤާއިމްކުރުމަށް ބޭނުންވާ ހޮޅިއާއި އެހެނިހެން ތަކެތި މިހާރު ގޮއިދޫ އަށް ގެންގޮސްފައިވާކަމަށްވެސް ބުނެފައިވެއެވެ.
މި މަޝްރޫއުގައި ހިމެނޭ ފެނުގެ ނިޒާމް ޤާއިމް ކުރުމުގެ މަސައްކަތުގެ ދަށުން ގޮއިދޫގައި 12.07 ކިލޯ މީޓަރގެ ދިގު ފެން ހޮޅީގެ މައި ނެޓްވޯރކް ޤާއިމް ކުރުމާއި އާރ.އޯ ފެސިލިޓީ ބިލްޑިންގ އިމާރާތް ކުރުމާއި ފެން އުފެއްދުމަށްޓަކައި 2 އާރ.އޯ ޕްލާންޓް ބެހެއްޓުމާއި، ފެން ރައްކާކުރުމަށްޓަކައި 3 ތާންގީ ބެހެއްޓުން ހިމެނެއެވެ. މީގެ އިތުރުން، ގޭގޭގައި ފެންމީޓަރ ބަހައްޓައި، ފެނުގެ ކަނެކްޝަން ގުޅައިދީ، މި ގެތަކަށް ރައްކާތެރި ބޯފެން ފޯރުކޮށްދެވިގެންދާނެއެވެ.
އެމްޑަބްލިއުއެސްސީން ބުނެފައިވަނީ މި މަޝްރޫއުގެ ހިމެނޭ ޭ ނަރުދަމާ ނިޒާމުގެ މަސައްކަތުގެ ދަށުން ގޮއިދޫގައި 7.30 ކިލޯ މީޓަރުގެ ދިގު ނަރުދަމާ މައި ނެޓްވޯކް ޤާއިމްކުރުމާއި، 1.48 ކިލޯ މީޓަރގެ ޕަންޕިން ލައިން އެޅުމާއި، ނަރުދަމާގެ އިދާރީ ބިލްޑިންގ އިމާރާތް ކުރުމާއި، 3 ޕަންޕިންގ ސްޓޭޝަނާއި އަދި 1 ސީ އައުޓް ފޯލް ޤާއިމްކުރުން ހިމެނޭ ކަމަށެވެ. އަދި ގޭގޭގައި ޖަންކްޝަން ބަހައްޓައި، ނަރުދަމާ ކަނެކްޝަން ގުޅައިދީ މި ގެތަކަށް ނަރުދަމާގެ ހިދުމަތް ފޯރުކޮށްދެވިގެން ދާނެކަމަށާއި އަދި ފެނާއި ނަރުދަމާ ނިޒާމް ހިންގާ ބެލެހެއްޓުމަށް ބޭނުންވާ ޖަނެރޭޓަރ ސެޓާއި ވެހިކަލް އަދި ފެން ތަޙުލީލު ކުރުމަށް ބޭނުންވާ ސާމާނު ފޯރުކޮށްދިނުމަށް ހަމަޖެހިފައިވާކަމަށެވެ.
ގޮއިދޫގެ ފެނާއި ނަރުދަމާގެ މަޝްރޫއަކީ ޖުމްލަ 86,048,775.51 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ. އަދި މި މައްސަލައިގައި އެމްޑަބްލިއުއެސްސީއާ ހަވާލުކޮށްފައިވަނީ 540 ދުވަހުގެ ތެރޭގައި ނިންމާގޮތަށެވެ.