Last Updated: July 21, 18:02
Wednesday, July 22, 2026
ކުޅިވަރު

މެސީ ޕީއެސްޖީ އަށް ބަދަލުވެއްޖެ

ބާސެލޯނާ އަށް ކުޅެމުން އައި އާޖެންޓީނާގެ ތަރި ލިއޮނަލް މެސީ ޕީއެސްޖީ އަށް ބަދަލުވެއްޖެއެވެ.

މީޑީއާ ރިޕޯޓުތައް ބުނާގޮތުން މި ޓްރާންސްފާއާ ގުޅޭގޮތުން ޕީއެސްޖީ އާއި މެސީއާ ދެމެދު މިހާރު ވަނީ އެއްބަސްވުމަކަށް އައިސްފައެވެ. އެގޮތުން މެސީ ޕީއެސްޖީ އަށް ބަދަލުވަނީ ދެ އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ. މި ޓްރާންސްފާ ފުރިހަމަ ކުރުމަށް މިއަދުގެ ވަގުތެއްގައި ފްރާންސަށް މެސީ ދިޔުމަށް ހަމަޖެހިފައިވާ ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.

މިފަހަރުގެ ޓްރާންސްފާ މާކެޓުގައި ސްކޮޑު ވަރުގަދަކުރުމަށް ޕީއެސްޖީން މީގެކުރިން ވެސް ވަނީ މުހިއްމު ބައެއް ކުޅުންތެރިން ގެންގޮސްފައެވެ. އެގޮތުން ޕީއެސްޖީން ވަނީ ރެއާލްގެ މެޑްރިޑްގެ ތަޖުރިބާކާރު ޑިފެންޑަރު ސާޖިއޯ ރާމޯސް އާއި އިންޓަމިލާނަށް ކުޅެމުން އައި ހަކީމީ އާއި ލިވަޕޫލަށް ކުޅެމުން އައި ވައިނަލްޑަމްގެ އިތުރުން އިޓަލީގެ ގޯލްކީޕަރު ޖިއާންލުއިޖީ ޑޮނަރުއްމާ ގެނެސްފައެވެ.

މިދިޔަ ޖޫން މަހުގެ ނިޔަލަށް މެސީ ބާސެލޯނާއާ އެކު ހަދާފައިވާ އެއްބަސްވުން ވަނީ ހަމަވެފައެވެ. އެގޮތުން މިދިޔަ ޖުލައި އެއް ވަނަ ދުވަހުން ފެށިގެން މެސީ އަކީ ފްރީ އެޖެންޓެއް ކަމަށްވާއިރު ބާސާ އާއެކު މަޝްވަރާ ކުރުމަށްފަހު މެސީ ވަނީ 50 ޕަސެންޓަށް މުސާރަ ކުޑަކޮށް ފަސް އަހަރު ދުވަހަށް އެ ކްލަބުގައި މަޑުކުރަން ނިންމާފައެވެ.

ނަމަވެސް ބާސެލޯނާ އިން ފަހުން ވަނީ މެސީ ލައްވައި އާ އެއްބަސްވުމެއްގައި ސޮއިކުރުމުގެ ހުރިހާ ކަމެއް ހަމަޖެހިފައިވީ ނަމަވެސް ލަލީގާގެ މާލީ ގަވާއިދުތައް އޮތް ގޮތުން މެސީގެ ކޮންޓްރެކްޓް ކަންކަން ނިންމެން ނެތް ކަމަށް ބުނެފައެވެ. އަދި މި ހާލަތު ދިމާވުމާ ގުޅިގެން ބާސާގައި މެސީ މަޑުނުކުރާނެ ކަމަށާއި ކަންކަން މިގޮތަށް ދިމާވުމުން އެކަމާ ހިތާމަކުރާ ކަމަށްވެސް ބާސާ އިން ބުނެފައިވެއެވެ.

ބާސާ އަށް 778 މެޗު ކުޅެދީ 672 ގޯލު ކާމިޔާބުކޮށްދީފައިވާ މެސީ އަކީ ދުނިޔޭގެ މޮޅު ކުޅުންތެރިއާގެ މަގާމު ހަ ފަހަރު ހޯދާފައިވާ ކުޅުންތެރިއެކެވެ.