Last Updated: July 21, 18:02
Wednesday, July 22, 2026
ކުޅިވަރު

ޕީއެސްޖީ އަށް ކުޅެން މެސީ ކެތްމަދުވެފައި

ޕީއެސްޖީއާ އެކު ކެރިއަރުގެ އާ ސޮފްހާއެއް ފަށަން ކެތްމަދުވެފައިވާ ކަމަށް ލިއޮނަލް މެސީ ބުނެފިއެވެ.

ބާސެލޯނާ އަށް ކުރިން ކުޅުނު އުމުރުން 34 މެސީ އިއްޔެ ވަނީ ދެ އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުން ޕީއެސްޖީ އަށް ސޮއިކޮށްފައެވެ. މި ޓްރާންސްފާ ފުރިހަމަ ކުރުމަށް މެސީ އިއްޔެ ފްރާންސަށް ގޮސްފައިވާއިރު، ޕީއެސްޖީގެ އެތައް ހާސް ސަޕޯޓަރުންނެއް ވަނީ އޭނާ އަށް ހޫނު މަރުހަބާއެއް ކިޔާފައެވެ.

އާޖެންޓީނާ އަށް އުފަން މެސީ ދޫކޮށްލަން ބާސާ އިން ނިންމީ ލަލީގާގެ މާލީ ގަވާއިދުތައް އޮތް ގޮތުން މެސީގެ ކޮންޓްރެކްޓް ކަންކަން ނިންމެން ނެތް ކަމަށް ބުނެއެވެ.

ޕީއެސްޖީ އަށް ސޮއިކުރުމަށްފަހު މެސީ ބުނީ ޕީއެސްޖީގައި އޭނާގެ ކެރިއަރުގެ އާ ސޮފްހާ ފަށަން ކެތްމަދުވެފައިވާ ކަމަށާއި ޕީއެސްޖީގެ ހުރިހާ ކަމެއް ވެސް އޭނާ ފުޓްބޯޅައިގައި ހާސިލުކުރަން ބޭނުންވާ އަމާޒުތަކާ ދިމާވާ ކަމަށެވެ. އަދި ޕީއެސްޖީގައި އޮތީ ހުނަރުވެރި ސްކޮޑެއް ކަމަށާއި ކްލަބަށާއި ސަޕޯޓަރުންނަށް ހާއްސަ ކަމެއް ހާސިލުކޮށްދިނުމަށް ތައްޔާރަށް ހުރި ކަމަށްވެސް މެސީ ބުންޏެވެ.

ޕީއެސްޖީ އަށް މެސީ ސޮއިކުރުމާ ގުޅިގެން އެ ކްލަބުގެ ރައީސް ނަސީރް އަލް ހަލައިފީ ވަނީ މެސީ ޕީއެސްޖީ އިހުތިޔާރު ކުރުމުން ޝުކުރު އަދާކޮށް އެ ކްލަބަށް އޭނާ އަށް މަރުހަބާ ކިޔުމަކީ ލިބޭ ޝަރަފެއް ކަމަށް ވިދާޅުވެފައެވެ. އަދި މެސީ ފަދަ ކުޅުންތެރިއަކު ސްކޮޑަށް އިތުރުވުމަކީ މިފަހަރުގެ ޓްރާންސްފާ މާކެޓުގައި ޕީއެސްޖީ އަށް ލިބުނު ކާމިޔާބީގެ އިތުރު ބޮޅެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މިފަހަރުގެ ޓްރާންސްފާ މާކެޓުގައި ސްކޮޑު ވަރުގަދަކުރުމަށް ޕީއެސްޖީން މީގެކުރިން ވެސް ވަނީ މުހިއްމު ބައެއް ކުޅުންތެރިން ގެންގޮސްފައެވެ. އެގޮތުން ޕީއެސްޖީން ވަނީ ރެއާލްގެ މެޑްރިޑްގެ ތަޖުރިބާކާރު ޑިފެންޑަރު ސާޖިއޯ ރާމޯސް އާއި އިންޓަމިލާނަށް ކުޅެމުން އައި ހަކީމީ އާއި ލިވަޕޫލަށް ކުޅެމުން އައި ވައިނަލްޑަމްގެ އިތުރުން އިޓަލީގެ ގޯލްކީޕަރު ޖިއާންލުއިޖީ ޑޮނަރުއްމާ ގެނެސްފައެވެ.

ބާސާ އަށް 778 މެޗު ކުޅެދީ 672 ގޯލު ކާމިޔާބުކޮށްދީފައިވާ މެސީ އަކީ ދުނިޔޭގެ މޮޅު ކުޅުންތެރިއާގެ މަގާމު ހަ ފަހަރު ހޯދާފައިވާ ކުޅުންތެރިއެކެވެ.