Last Updated: March 29, 14:00
Friday, March 29, 2024
ޚަބަރު

ޖުލައި މަހު އިންކަމް ޓެކްސްގެ ގޮތުގައި 109 މިލިއަން ރުފިޔާ

މިދިޔަ ޖުލައި މަހު އިންކަމް ޓެކްސްގެ ގޮތުގައި 109.64 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް މޯލްޑިވްސް އިންލެންޑު ރެވެނިއު އޮތޯރިޓީ (މީރާ) އިން ބުނެފިއެވެ.

މީރާއިން ނެރުނު ޖުލައި މަހުގެ އާމްދަނީ ރިޕޯޓުގައިވާ ގޮތުން މިދިޔަ މަހު ދައުލަތަށްވަނީ 624.07 މިލިއަން ރުފިޔާ ލިބިފައެވެ. ނަމަވެސް އެއީ މިދިޔަ އަހަރުގެ ޖުލައި މަހު ލިބުނު އާމްދަނީއަށްވުރެ 6.2 ޕަސެންޓު ދަށް އަދަދެކެވެ.

މީރާއިން ހާމަ ކުރި ގޮތުގައި މިދިޔަ މަހުވެސް އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ޖީއެސްޓީއިންނެވެ. މިދިޔަ މަހު ޖީއެސްޓީގެ ގޮތުގައި 291.59 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ. ޓޫރިޒަމް ލޭންޑް ރެންޓުގެ ގޮތުގައި 111.90 މިލިއަން ރުފިޔާ ލިބުނު އިރު އިންކަމް ޓެކްސްގެ ގޮތުގައި 109.64 މިލިއަން ރުފިޔާވަނީ ލިބިފައެވެ.

މިދިޔަ މަހު ގްރީން ޓެކްސްގެ ގޮތުގައި 28.19 މިލިއަން ރުފިޔާ ލިބުނު އިރު ވޯކް ޕަރމިޓް ފީގެ ގޮތުގައި 25.92 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ. އަދި އެހެނިހެން ޓެކުހާއި ފީގެ ގޮތުގައި ލިބިފައިވާ 56.82 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ.

މީރާއަށް މިދިޔަ މަހު ވަނީ އާމްދަނީގެ ގޮތުގައި 21.10 މިލިއަން އެމެރިކާ ޑޮލަރު ވަނީ ލިބިފައެވެ.