ފުލުހުންގެ ހިދުމަތުގެ ޤާނޫނޫގައި ބުނެފައިވާގޮތަށް ފުލުހުންގެ ބޯޑުން ވަކިކުރުމަށް ނިންމާފައިވާ ފުލުހުންގެ އިސް އޮފިސަރުންކަމަށް ބުނެ ދައުރުކުރަނީ ސައްހަ ލިސްޓެއް ނޫންކަމަށް ފުލުހުން ބުނެފިއެވެ.
މަގާމުން ވަކިކުރުމަށް ނިންމާފައިވާ ފުލުހުންކަމަށްބުނެ ލިސްޓެއް ދައުރުކުރަމުން އަންނައިރު ފުލުހުން ވަނީ އެއީ ސައްހަ ލިސްޓެއް ނޫންކަން ހާމަކޮށްފައެވެ.
އިސް އޮފިސަރުންތަކެއް ވަކިކުރުމަށް ފުލުހުންގެ ބޯޑުން ނިންމާފައިވާ ނިންމުން ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ދިރާސާ ކުރައްވަމުން އަންނަކަން ހާމަކޮށްފައިވެއެވެ.
ޕޮލިސް ބޯޑުގައި ހިމެނިވަޑައިގަންނަވާ ބޭފުޅުން:
1. އަޙްމަދު ފަޔާޟް ޙަސަން، މ.ހަޒާރީވިލާ
2. ޢާއިޝަތު ނޫރާ މުޙައްމަދު، ހ.ނޫމުތީ
3. ޢަލީ ފާއިޒު، މއ.މަނާގެ
4. އަޙްމަދު ނާޝިދު، މއ.ގޯލްޑަންމޫން
5. އާދަމް އިބްރާހީމް، ގ.ޑިމްލައިޓް
6. ޙާމިދު ޢަބްދުލްޣަފޫރު، ހ.ޝޭޑީކޯނަރ
7. އަލްއުސްތާޛާ ޞަފާ ޝަރީފް، ދެތަޑިމާގެ / ސ.ހުޅުދޫ
ޕޮލިސް ބޯޑުގެ މަސްއޫލިއްޔަތަކީ ކޮމިޝަނަރާއި ޑެޕިއުޓީ ކޮމިޝަނަރު އައްޔަން ކުރުމުގައި އެ މަގާމަށް އެކަށޭނެ ފަރާތެއް ވަޒަން ކުރުމަށް ކުރަން ޖެހޭ ކަންތައްތައް ކުރުމާއި ލަފާދޭން ޖެހޭ ކަންކަމުގައި ވަޒީރަށާއި ގާނޫނުގައި ލަފާ ދިނުމަށް ކަނޑައަޅާފައިވާ ފަރާތްތަކަށް ލަފާ ދިނުމެވެ.
ގާނޫނުގައި ބުނެފައިވާ ގޮތުން ޕޮލިސް ބޯޑަށް މެމްބަރުން އައްޔަނުކުރާ ދުވަހުން ފެށިގެން 4 މަސް ދުވަހުގެ ތެރޭގައި ދިވެހި ފުލުހުންގެ ޚިދުމަތުގައި ތިބި އޮފިސަރުންގެ ތެރެއިން ކޮމިޝަނަރ އޮފް ޕޮލިސް ފިޔަވައި ސްޕްރިންޑެންޓުން ޕޮލިސް އިން ފެށިގެން މަތީ ރޭންކުގެ ކޮމިޝަން އޮފިސަރުންގެ ތެރެއިން އެކިއެކި ތުހުމަތުކުރެވޭ ފުލުހުންނާ މެދު ގޮތެއް ކަނޑައަޅަންވާނެއެވެ.